11 Jul 2022, 11:41
"ދިރިއުޅުމަކީ ވަގުތީ އުފަލެކެވެ. މާފުދިނުމުގެ ރީތި ސިފަ ޚިޔާރުކޮށް ދިރިއުޅުމުގެ ކޮންމެ ވަގުތެއް އަގުހުރި ގޮތުގައި ހޭދަކޮށް އާޚިރަތަށް ތައްޔާރުވާށެވެ."
***
އެރިކް ނަމާދަށް އެ މިސްކިތަށް އަރާފައި އަސްލަން ފެނުމުން ހައިރާންވިއެވެ. ސުވާލުކުރަން އުޅެފައިވެސް ނަމާދުކޮށް ނިމެންދެން ކެތްތެރިކަމާއެކު އިންތިޒާރުކުރިއެވެ.އެއަށްފަހު ދެމީހުން އެކީ ކަހަލަ ގޮތަކަށް މިސްކިތުން ނިކުމެވުނީ ސްނޯތަކުގެ ތެރެއަށެވެ."އަސްލަން..............ޝީ ޑައިޑް އެކަމަކު އަންއެކްސްޕެކްޓެޑް އެއްނޫން. ސަވައިވް ނުވާނެކަން އެނގުނު ކުރިންވެސް....." އެރިކް އެ ޖުމްލަ ބުނެލީ އެއްވެސް ޝުއޫރެއް ފައުޅުކުރުމެއްނެތި ވަރަށް އާދައިގެ ގޮތަކަށެވެ. ސިއާރާގެ ވަކިވުމުން އެހިތަށް މާ ބޮޑު އަސަރެއްކުރިހެނެއް ހިޔެއްނުވެއެވެ. އެރިކްއަށްވުރެ ސިއާރާ ބޮޑަށް ގުޅުން ރަގަޅީ ހާރިސްއާއި ކަން ނޭގެއެވެ.
"ޔޫ ޓްރައިޑް ޔޯ ބެސްޓް އެކަމަކު ފުރާނައަކީ ﷲގެ މިލްކެއް. ހަމަ ދާންވީމަ ކިތަންމެ މޮޅު ޑޮކްޓަރަކަށްވެސް ކުރެވޭނެކަމެއް ނޯންނާނެ..އެހެންވީމަ."އެރިކް ގެ ވާހަކައިން އަސްލަން ލޯ މަރައިލިއެވެ. އެރިކްގެ ޖުމްލަ ފުރިހަމަ ނުކުރެވުނީ ކޮންމެވެސް މީހަކު އަސްލަންގެ އަތުގައި އެލިގަތުމުންނެވެ.
"ދޮންބެ. ގުޑް ނިއުސް. ސިއާރާ ހޭ އަރައިފި.."
"ވަޓް؟" އަސްލަން ސިހުނެވެ. ހިތް ފައިތިލައިގެ ދަށަށް ފުންމައިލިހެން ހީވިއެވެ. އެއާއެކު ތެޅިގަތްގޮތުން މެރެތަންގައި ރޭހެއް ޖަހާފައި ނިންމިފަދައެވެ. އެރިކްއާއި ދިމާލަށް ބަލައިލެވުނީ ސުވާލުގެ ނަޒަރަކުންނެވެ. އޭނައަށް ވާ ނުވާ ރޭކާ ލީ އަސްލަން ބުނެލި އެއްޗަކުންނެވެ."ސިއާރާ މަރުވިއޭ ކިއީ އަހަރެންގެ ރިއެކްޝަން ބަލަންތަ؟"
އެރިކް ހިނިގަނޑެއް ޖަހައިލިއިރު ޚައިރާ ހުރީ ކަންބޮޑުވެފައެވެ."ސޮރީ......... އަދި އެހެންގޮތަކަށް މާނަ ނެގޭގޮތަކަށް މިބުނެވުނީ ދޯ. އަސްލަން ބުނީމެއްނު އެކްސިޑެންޓް ކޭސްއެއްގެ ވާހަކަ. މިސިޒް ޖެކްލީން..އެކުއްޖާ މަރުވި ވާހަކަ ބުނެވުނީ. އިރާދަކުރެއްވިއްޔާ ސިއާރާ ރަގަޅު. ވަރަށް ހާލު ދަށަށްގޮސްފައި މިރެކްލްއަކުން ކަން ނޭގޭ. ލޯ ހުޅުވާލީ......އަލްހަމްދުލިﷲ..........................."
އަސްލަންގެ ލޮލުން ކަރުނަ ތިއްކެއް ފޭބިއެވެ. އެވަގުތު ގަނޑުފެން ބާލިދީއަކަށް ހިތް ގަންބައިލާފައި ތެންމައިލިފަދަ ފިނިކަމެއް ހިތަށް ލިބި އެ ހިތް އުދުއްސައިގަތެވެ. ބަޔާން ނުކުރެވޭފަދަ އުފަލެއް ހިތަށް ލިބުނެވެ. ހަގީގަތުގައިވެސް އެވަގުތު އޭނަގެ ލޮލުން ކަރުނަ އައީ ހަމައެކަނި ސިއާރާއަށްޓަކައެއް ނޫނެވެ. އޭނައަށް ހެއްދެވި ފަރާތެއްވާކަމުގެ "ސައިން"އެއް ފެނުނުކަމަށްޓަކައެވެ. އޭނަގެ ދުއާ އެފަރާތުން އިޖާބަކުރައްވައިފިއެވެ. އަސްލަންއަށް ކަލަކު ވޮޑިގެންވާކަން ގަބޫލުކުރާކަށް އިތުރު އެހެން މުއުޖިޒާތަކަށް ބޭނުމެއްނުވިއެވެ.
"އަސްލަން މުސްލިމެކޭ ބުނާއިރުވެސް ގަބޫލެއްނުކުރަން.ނަމާދުކުރަނީ ސިއްރުން ދޯ..ޝުކުރަން ﷲ....."އެރިކް އަސްލަންއާއި ކޮނޑާއި ކޮނޑު ޖައްސާ ސަލާމްކުރިއެވެ.
***
ކާމިޔާބު އޮޕަރޭޝަނެއްކަމުގައި ވިޔަސް ސިއާރާ ދެކެލަން ދާނީ ކޮން މޫނަކާއިގެން ބާވައޭ އަސްލަންހިތަށް އެރިއެވެ. އޭނަގެ ބައްޕަގެ އެ ނުރައްކާތެރި އަމަލަށްފަހު އެ އާއިލާއާއި ކުރިމަތިލުން ފަސޭހައެއްނޫނެވެ. ސިއާރާއަށް ހަގީގަތް އެނގުމުން ނަފްރަތު ކުރާނީ އެކަނި އޭނަގެ ބައްޕަދެކެއެއް ނޫނެވެ. އެ ނަފްރަތުގެ އަމާޒަކަށް އޭނަވެސް ވާނެއެވެ. އެހެން ހިތަށް އަރާ ކޮންމެ ފަހަރަކު މޭގައި ރިއްސައިލަނީ ނުބައިގޮތަކަށެވެ.
ސިއާރާއަށް މަޑުމަޑުން ރަގަޅުވާންފެށިއެވެ. އޭނަގެ ގާތުގައި އެލިޔަސްގެ ވާހަކަ ނުބުނަނީ ހިތަށް ކުރާނެ އަސަރެއްގެ ބޮޑުކަން އެނގޭތީއެވެ. އަޖައިބުވަނީ ސިއާރާވެސް އެލިޔަސްއާއި ބެހޭގޮތުން ސުވާލު ނުކުރުމުންނެވެ. ފުރަތަމަ ދުވަސްކޮޅު ސިއާރާ ބާއްވަން ޖެހުނީވެސް ކަރަންޓީނުކޮށްފައެވެ. އަލަށް ލެއްވި ހިތަކީ އެހެން މީހެއްގެ ޖީން ހިމެނޭ އެއްޗަކަށްވާތީ ހަށިގަނޑު އެހިތް ގަބޫލުނުކޮށް ހަމަލާދޭނެކަން އެނގޭތީ އެންޓި ރިޖެކްޝަން އިންޖެކްޝަން ދީ ހަށިގަނޑަށް އޮޅުވައިލަން ޖެހެއެވެ. ދިފާއީ ނިޒާމް ވަކިވަރަކަށް ބަލިކަށިކޮށްލަން ޖެހެނީ ހިތަށް ހަމަލާދިޔަ ނުދިނުމަށެވެ. އެކަމަކު އެހެން ހެދުމުގެ ސަބަބުން ޖަރާސީމްތައް ފަސޭހައިން ހަށިގަނޑުގައި އަށަގަނެ ބަލިޖައްސާނެތީ ބެލެންސްކުރަން ޖެހެއެވެ.ސިއާރާ އޮންނަ ތަނަށް ވަދެވެނީ ވަކިކަހަލަ ގައުނާއި އަދި ބޮލުގައިވެސް ތޮފިތައް އަޅައިގެން މުޅިން ސްޓެރައިލްވެގެންނެވެ. ސިއާރާ އޮންނަން ޖެހުނީ އެކަނިވެރިވެފައެވެ. އެވަރުންވެސް ދިފާއީ ނިޒާމުން ހިތަކީ އެ ހަށިގަނޑުގެ ބައެއްކަމަށް ގަބޫލުނުކޮށް ހަމަލާދޭން މަސައްކަތްކުރިއެވެ. އެކަމަކު ސިއާރާގެ ހިތްވަރުގަދަކަމާއި ﷲއަށް ވަކީލުކުރުމާއި ދުޢާކުރުމުގެ ސަބަބުން އެހާ ނުރައްކާތެރި ހަމަލާއަކަށްފަހުވެސް ހީނުކުރާހާ އަވަހަށް ޝިފާ ލިބި ތެދުވެ އުޅެވޭވަރުވިއެވެ.
***
ބަހާރު މޫސުމްގެ ރީތިކަން މުޅި ސަރަހައްދު އިތުރަށް ޗާލުކޮށްލައިފިއެވެ. ކުލަކުލައިގެ މާތައް ފެހިކަން ގަދަ ވިނަތަކާއި ޕޮޓްތަކުގެ ތެރޭގައިވާ ގަސްތަކުގެ ތެރެއިން ފަރިވާއިރު މާބުރާއި ބަޅިދުތައް މާތަކުން ފޮނިބޮމުން އުދުހެމުންދާ މަންޒަރުން އިތުރަށް އެ ތަސްވީރުތައް ފުރިހަމަކޮށްދެއެވެ. ޗެރީ ބްލޮސޮމްސްގެ ފިޔާތޮށްޓާއި ހުދުކުލައިގެ މާތަކުން ފޭރާން ލާފައިވާ ގަސްތަކުން އަރާ މީރުވަސް ފުރާނަތަކަށް ދިރުން ގެނުވާނެއެވެ. ދޫނިތައް ލަވަ ކިޔަމުން އެއް ގަހުން އަނެއްގަހަށް ދަތުރުކުރަނީ މިނިވަންކަމާއެކުގައެވެ.
ގޭގެ ޕޫލްކައިރީގައި މެންދުރު ކެއުން ތައްޔާރުކޮށްފައިވާއިރު މިއަދު މާކްއާއި ކެތްރީން އަދި އަސްލަން ފިޔަވާ އެހެންމީހަކު އެތާގައި ނެތެވެ. ބިޔަ ޗެރީ ގަހުގެ ހިޔަލުގައި އެ މޭޒުބެހެއްޓިފައިވުމާއެކު އަވީގެ އެއްވެސް އުދަގުލެއް ނުފޯރައެވެ. ކޮންމެވެސް ވަރަކަށް ފަޒާގައިވި ފިނިކަމާއެކު ނިކަން ހިތްގައިމެވެ.
"ސިއާރާގެ ރިކަވަރީ ކިހިނެއް ދަރިފުޅު؟" މާކް އެހިއެވެ.
"އޯކޭ ހެން ހީވަނީ..."
"ދަރިފުޅު ސިއާރާގެ އޮޕަރޭޝަނަށްފަހު އެތަނަށް ނުދަނީ ކީއްވެ؟"
"އަޅުގަނޑަށްވުރެ އެކަމަށް ކެޕޭބްލް މީހުން އެބަތިބި. އެދުވަހު ވާޖިބު އަދާކުރުމުގެ ގޮތުން އެކަމާއި އުޅެވުނީ. އަމިއްލަ މޮޅުކަމަކުން ވީކަމެއް ނޫން. އިމަޖެންސީ ހާލަތުގައި ގޮތް ހުސްވި ވަގުތެއްގައި އެފަދަ ކަމެއް ކުރެވުނީ..."އަސްލަން އިނީ އިސްޖަހައިގެންނެވެ.
"ސިއާރާގެ ހާޓް ޓްރާންސްޕްލާންޓަށްފަހު އަސްލަން ކަހަލަ ހަޔާތުގެ ބައިވެރިޔެއް ސިއާރާއަށް އެންމެ ރަގަޅުވާނީ. ކަމެއް ދިމާވިޔަސް އިމަޖެންސީތައް މެނޭޖްކުރެވޭނީވެސް ޑޮކްޓަރަކަށްނު. ކީކޭ ނަތާ ބުނަނީ؟" މާކްގެ މާނަވީ ނަޒަރު ހުއްޓުނީ ކެތްރީންގެ މޫނަށެވެ. ކެތްރީންގެ ކުރީގެ ނަން އަދިވެސް މާކް ބޭނުންކުރަނީ އެނަމާއި އެނަމުގެ ވެރިޔާވެސް އޭނައަށް ޚާއްސަވެފައިވާވަރުންނެވެ. މާކްއާއި ކެތްރީންގެ އުއްމީދަކީ ދެމީހުންގެ ދަރިން ގުޅި އެމީހުންގެ އޮތް ވަރުގަދަ ގުޅުން އިތުރަށް ބަދަހިވުމެވެ.
***
ދުވަސްތައް ވޭތުވަމުން ދިޔަވަރަކަށް ސިއާރާގެ ހާލު ރަަގަޅުވެ ގަސްތަކުގެ ތެރެއަށް ނިކުމެ އުޅެވެންފެށިއެވެ. ކެތްރީން ހާރިސް އެރިކް އަދި ޚައިރާއާއެކު ގަސްތަކުގެ ތެރޭގައި ވާހަކަދައްކައިލަން ތިބެފައި ކުއްލިއަކަށް ސިއާރާ ޗެރީ ކާހިތުން އެވާހަކަ ބުނުމުން ހާރިސްއަށް ޝޮކެއް ލިބުނެވެ.
"ކުރީގައި ސިއާރާއަށް ނުބައިވެގެން އުޅޭ އެއްޗެއް. ޗެރީކާ ހިތްވީ ކީއްވެތަ؟ ދިސް އިޒް ސޯ ނޮޓް ޔޫ ސިއާރާ..."ހާރިސް ބުމަ އަރުވައިލިއެވެ.
"އެއީ އެލިޔަސްއަށް ކުރިން މީރުވެގެން..." ޚައިރާ އެލިޔަސްގެ ނަން ކިޔުމާއެކު ހާސްވެގެން ކެތްރީންގެ މޫނަށް ބަލައިލެވިއްޖެއެވެ.
"އެލިޔަސްއަށް މީރުވީމަ އަހަންނަށްވެސް މީރުވީކަމަށްވާނީ. ހަމަ ކްރޭވިން..............................."
"އެންމެ ރަގަޅު. ޗެރީ މިގެނުވަނީ...." އެރިކް ވަރަށް ޝައުގުވެރިކަމާއެކު ސިއާރާގެ ގާތުގައި އިށީދެފައި އެކި ސުވާލުތައް ކުރަން ފެށީ ސިއާރާއަށް އިތުރު ބަދަލެއް އައިސްފައިވޭތޯ ދެނެގަތުމަށެވެ." ކޮފީ ކިހިނެއްވާނެ؟"
ސިއާރާ ކުޑަކޮށް ހީލުމުންވެސް ކޯތާފަތަށް އަޑިކޮޅު އެޅުނެވެ.
"ކޮފީ ބުއީމަ ބޭބީއަށް ގެއްލުމެއްވެދާނެ، އެހެންވީމަ ވިހަންދެން ކެތްކޮށްލަން އެބަޖެހޭ........"
"ހޫމް. އެތަންކޮޅު ހަނދާން ނެތުނީ...."
"ޚައިވެސް އެލިޔަސްގެ ނަން ކިޔާފައި އަހަންނަށް ކޮށްފާނެ އަސަރަކާއިމެދު ވިސްނާލާފައި އެވާހަކަނުދައްކަން މަސައްކަތްކުރިކަން ފާހަގަވޭ. އެލިޔަސްދެކެ ލޯބިވީވެސް މާތްﷲއަށްޓަކާ.އެލިޔަސްވެސް އަބަދު ދުނިޔޭގައި ނުހުންނާނެކަން އެނގޭ. އޭނަގެ ޑްރީމަކީ ޝަހީދެއްގެ ގޮތުގައި ދުނިޔެއާއި ވަކިވެގެން ހެއްދެވި ފަރާތުގެ ހަޟުރަތަށް ދިޔުން. އެލިޔަސްގެ ތަގުވާވެރިކަމާއި އަޅުވެރިކަމުން ހެއްދެވި ފަރާތުގެ ހަޟުރަތަށް ދާން ލޯބިކުރި. އޭނަ ވަކިވެގެން ދިޔަސް ހިތާމަ ނުކުރާން އެދުނު. އެލިޔަސްއަށް އޭނަގެ މަރުގެ ދުވަސް ގާތްވެފައިވާކަން ކޮންމެވެސް ގޮތަކުން އެނގޭހެން ހީވޭ. އެދުވަހަކަށް މެންޓަލީ ރެޑީ ކޮށްދިން. ތެދަށް ބުނަންޏާ އެލިޔަސްގެ ހަނދާނެއް ދޫކޮށްފައި ދިޔަކަމަށްޓަކާ ﷲއަށް ހަމްދުކުރަން. އެލިޔަސް ވަކިވުމަކީވެސް ހިކުމަތެއް. އައިމް ސްޓްރޯންގް....ހުރިހާ ޝުކުރެއް ހެއްދެވިފަރާތަށް...."
ސިއާރާއަށް ނޭގުނުކަމީ އޭނަގެ މޭގައިވަނީ އޭނަގެ ހިތް ނޫންކަމެވެ. އެލިޔަސް ދުނިޔެއާއި ވަކިވެގެން ދިޔައީ ސިއާރާއަށް އޭނަގެ އެންމެ އަގުބޮޑު ގުނަވަން ހަދިޔާކޮށްފައިކަމެވެ.
"މާޝާﷲ......." ޚައިރާ ސިއާރާގެ ގައިގާ ކުޑަކޮށް ބައްދާލައިފިއެވެ.
އެރިކްއަށް ޔަގީންވީ ސިއާރާ ހަގީގަތުގައި އެދައްކާ ހިތްވަރާއި ކުޅަދާނަކަން އަދި އެ އުފާވެރި މިޒާޖަކީ އެލިޔަސްގެ ހިތުގެ ސަބަބުން އައި ބަދަލެއްކަމެވެ. އަސްލަންއާއި މި ކޭސް ޑިސްކަސްކުރާހިތުން ކެތްކުރެވެނީއެއް ނޫނެވެ. ހިތާއި މިޒާޖާއި އޮތް ގުޅުންވެސް އަޖައިބެއްފަދައެވެ. ހަމައެކަނި ލޭ ޕަމްޕްކުރަން މަހާއި ލެއިން ހައްދަވާފައިވާ އެ ގުނަވަނަކީވެސް އަދި ހަގީގަތުގައި ސިކުނޑިފަދައިން އެފަދަ ކަންތައްތަކަށް ނުފޫޒު ފޯރުވާ ބަޔެއް ލައްވާފައިވާކަން ސައިންސްގެ އިލްމުންވެސް ދައްކުވައިދިނީއެވެ. ސިއާރާގެ ފަރާތުން އެލިޔަސްގެ ސިފަތައް ފެންނާންވީ އެހެން ސަބަބެއް ނެތެވެ.
***
"އިޓްސް އެ މިރެކްލް ބޭބީ ސަވައިވް ވީމަ..." ޑޮކްޓަރ ސްކޭނުން ދަރިފުޅުގެ ހިތުގެ ތެޅުން ދައްކައިލުމުން ސިއާރާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ އައެވެ. ޚައިރާވެސް ސިއާރާގެ އަތުގައި މަޑުމަޑުން ފިރުމައިލިއެވެ." ޑޮކްޓަރ. ބޯއިއެއްތަ ގާލްއެއްތަ؟"
"ނޫން. އެހެން ނާހާ ޚައި. ސަޕްރައިޒެއް ބޭނުމީ....." ސިއާރާ އަވަސްއަވަހަށް ބުނެލިގޮތުން ޑޮކްޓަރވެސް ހިނި އައެވެ." އެކަމަކު އެހާ ބާރުގަދަ އިންޖެކްޝަނާއި އެއްޗެހި ޖެހީމަވެސް އެނޯމަލީއެއް ނެތްކަމީ ﷲގެ ރަހުމަތް."
ތެދެކެވެ. ނޭގުނަސް ދިރިއުޅުމުގައި އެފަދަ ކިތަންމެ ކުދި ކުދި ކަރާމާތްތައް ދިމާވެއެވެ. ނޭގެނީއެވެ. ސިއާރާގެ ހިތްބަދަލުކުރުމާއި ދަރިފުޅަށް ގެއްލުމެއް ނުވެ ސަލާމަތްވުމަކީވެސް އެފަދައިން ކަރާމާތެކެވެ.ﷲގެ ރަހުމަތެވެ.
***
އަސްލަންއާއި އެރިކް އުމްރާގެ އަޅުކަން ފުރިހަމަކުރީ އެއްވެސް މީހަކަށް އެންގުމެއްނެތި ސިއްރުންނެވެ. އަސްލަންގެެ މަގުސަދަކީ އޭނައާއި ހެއްދެވިފަރާތާއި އޮތް ގުޅުން ވަރުގަދަކުރުމެވެ. ސޯޝަލް މީޑިއާގެ އެއްވެސް ނުފޫޒެއް ފޯރަފާނެތީ އޭނަ ފޯނުވެސް ނުގެންދެއެވެ. ހުރިހާ ވަގުތެއްހެން ހޭދަކުރީ ތަވާފުކުރުމާއި ނަމާދުކުރުމާއި ގުރުއާން ކިޔެވުމުގައެވެ. އަދި ދުޢާކުރުމުގައެވެ. ދުނިޔޭގެ ރީތި ކުލަތަކަށް ހެއްލުމުގެ ބަދަލުގައި އޭނަ ޚިޔާރުކުރީ ހެއްދެވި ފަރާތެވެ. ލޯބި ނުވަތަ ހެއްދެވިފަރާތުން ކުރެ ފަރާތެއް ޚިޔާރުކުރަން ޟަމީރު ބުނެދިނުމުން އޭނަ ނިންމީ ހަޔާތުގެ ބާކީ އޮތް ބައި އަޅުކަމުގައި ވޭތުކުރުމަށެވެ. ފާފަވެރި ހަޔާތެއްގައި ބޮޑުބައި ހޭދަކުރެވުމުން އެކަމުގެ ކައްފާރާއަކީވެސް އެއީއެވެ.
ހޮޓެލްގެ މަތީބައިގެ ކޮޓަރިއެއްގެ ކުޑަދޮރުން ހަރަމްފުޅު ފެންނަލެއް ނިކަން ފުރިހަމައެވެ. އޮރެންޖާއި ރީދޫއަލިތަކުން ވިދާ ބަބުޅައެވެ. ރޭގަނޑަށް ފަޒާ ފިނިވެލާ ޖެހެމުންދާ ވައިރޯޅިތަކުގައި ގަނޑުފެނުގެ އަސަރު ހުރިފަދައެވެ. އަސްލަން ބޭރަށް ބަލަން ހުއްޓާ އެރިކް ފާޚާނާއިން ނިކުމެގެން އައީ ތުވާލިން މޫނު ހިއްކަމުންނެވެ.
"އަހަރެމެން މިދާހާ ތަނުން މިވަރުގެ ރޫހާނީ ހިތްހަމަޖެހުމެއް ނުލިބޭ ދޯ. ތެދަށް ބުނަންޏާ މިތަނުން އެނބުރިދާހިތެއްނެތް. ހަރަމްފުޅު ސާފުކުރުމުގެ ވަޒީފާއަށް ދެމީހުން އެޕްލައިކުރަމާ....." އެރިކް ތުވާލި އަޅުވާފައި ޒަމްޒަމް ފެންފުޅިން ތަށްޓަކަށް ފެންއެޅިއެވެ. އެއަށްފަހު އަސްލަންގެ ކޮނޑުގައި އަތް ބޭއްވިއެވެ."އަހަންނަށް އެކަމަކު ފެނޭ އަބަދު އަސްލަން ދެރަވާތަން. ހިތާމަކުރާތަން. އަދިވެސް ތިލޮލުން ފެންނަނީ ހިތާމައާއި ވޭން. އެކަމަކު އަހަންނަށް އޮޅުވައިލަން ތިބުނަނީ ސިއާރާއާއި އިންނަން ބޭނުމެއް ނޫނޭ. ކީއްވެ ދޮގުހަދަނީ؟ ރޫހާނީ ހިތްހަމަޖެހުން ލިބޭއިރު ކޮންކަމަކާއި އަބަދު ހިތާމަކުރަނީ؟"
"އެރިކް.އަހަންނަށް އަދިވެސް ފީލްވަނީ އެލިޔަސްގެ ލޭ އަހަރެންގެ އަތުގައި ހޭކިފައި ހުރިހެން. ނުސީދާކޮށް ނަމަވެސް އެ މަރުގެ ޒިންމާ އަހަރެންގެ ބޮލުގައި އެޅިފައިވޭ. އަހަރެންގެ ކުށް. އެނގޭތަ؟ އަހަރެން އުޅުނިން އެލިޔަސްއާއި ހާރިސް މަރައިލަން ބަޔަކު ހަޔާކުރަން. އަބަދު އެމީހުންނަށް ގުޅައިގެން އެމީހުންނާއި ޑީލް ހެދިން. އެކަމާއި މަޝްވަރާކުރިން. ބޭނުންއަދަދަކަށް ފައިސާވެސް ދޭން ހުރީ. އެކަމަކު ފަހުން ޚިޔާލު ބަދަލުވީ..ފައިސާ ދީފައި އަހަރެން އެމީހުން ގާތު ބުނީ ދުރަށް ދާން. އެކަމަކު.............އެލިޔަސް ދުނިޔެއާއި ވަކިވެގެން ދިޔައީ..ދަރިފުޅުވެސް ޔަތީމުކުއްޖަކަށް ؟އަހަންނަށް ދުވަހަކު އަމިއްލަ ނަފުސަށް މާފެއް ނުދެވޭނެ...އެތައް ފަހަރު ފާފަ ފުއްސެވުމަށް އެދި ދެންނެވިއްޖެ......" އަސްލަންގެ އެސްފިޔަތައް ތެމުނެވެ. އޭނަގެ ހިތާމައަކީ ބައްޕަ އެކަމުގައި ޝާމިލުވުމެވެ.
"އެލިޔަސް އަކީ ޓެރަރިސްޓެއްކަމަށް ކަނޑައަޅާފައިވި ޒުވާނެއް.އަސްލަން ހަޔާކުރި މީހުން ނޫނަސް އެނެމީސް ތިބެދާނެ..."
އަސްލަން ހިމޭންވިއެވެ.
"އަސްލަން. އަހަންނަށް ސިއްރުކުރަނީ ކީއްވެ؟ ހުރިހާ ކަމެއް އެނގޭ. އަސްލަން ބައްޕަ އެލިޔަސްއާއި ހާރިސްއަށް ހަމަލާދޭން ބަޔަކު ފޮނުވީ. އަސްލަން ބައްޕަ ކޮންމެވެސް މީހަކަަށް ގުޅައިގެން އެވާހަކަދައްކަނިކޮށް އިވުނީ އެ ސިއްރު ބޭޒާރުވާންވެގެން. މިދުނިޔެއަކުން އެލިޔަސްއަށް އިންސާފެއް ނުލިބޭނެ. ދުނިޔޭގެ ބޭއިންސާފާއި ކޮރަޕްޓް ޖަޖުންނާއި ވަކީލުން އަދި ވެރިންގެ ފަރާތުން އެފަދަ ރަގަޅު މުސްލިމުންގެ އަތްތަކާއި ދޫތައް ބަންދުކޮށް ޖަލުގެ ގޮޅިތަކަށް ލާފައި ތިބޭނީ. ނޫނީ ޝަހީދުކޮށްލާނީ. އަސްލަންގެ ބައްޕައަށް ހިދާޔަތްދެއްވުމަށް އެދި ދުޢާކުރޭ..އެލިޔަސްއަށްޓަކާ ހިތާމަނުކުރޭ. ހީޒް އިން އެ ބެޓާ ޕްލޭސް. އައި ހޭވް އެ ރިކުއެސްޓް.. ކައިވެންޏަކީ ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްގެ ސުންނަތެއް. އޭރުން ދީން ފުރިހަމަވާނީ. އަޅުވެރި ރަގަޅު އަންބެއް ހޯދާ. އެފަދަ ކުއްޖަކަށް އެންމެ އެކަށީގެންވަނީ ސިއާރާ......" އެރިކް ވިސްނައިދޭ ރާގަކަށް ބުނަމުން ދިޔައެވެ.
"މޮޔަނުވޭ އެރިކް..." އަސްލަން ރުޅި އަންނަގޮތްވިއެވެ.
"އެލިޔަސްގެ ދަރިފުޅު ޔަތީމް ކުއްޖެއްގެ ގޮތުގައި ބޮޑުވިޔަނުދީ އެކުއްޖާގެ ބައްޕައަކަށް ވެވިދާނެއްނު. އެެލިޔަސް ދުނިޔޭގައި ނެތަސް އެންމެ ބޭނުންވާނީ އެގޮތްހެން ހީވޭ........................"
"ސިއާރާއަށް ހަގީގަތް އެނގިއްޖެނަމަ...."
"އެ ސިއްރު ކަށްވަޅާއި ހަމަޔަށް އަހަރެމެން ގެންދަމާ. ކޮންމެ ކޮންމެ ވާހަކައަކީ ވައިފްއަށް ނޫނީ އެންމެ ލޯބިވާ ފަރާތާއި ހިއްސާކުރަން ޖެހޭ އެއްޗެއްނޫން. ބައެއްފަހަރު މަސްލަހަތަށްވެސް ވިސްނަން ޖެހޭ..އަސްލަން.އަހަރެންގެ ބެސްޓްފްރެންޑްގެ މަގާމުން ޅިޔަނުގެ މަގާމަށް އަންނަންވީނު......" އެރިކް އަސްލަންގެ ކޮލުގައި ހިފާ އޭނައާއި ދިމާލަށް އަނބުރުވައިލިއެވެ." ސިއާރާއަށްވެސް މި ގޯލްޑެން ބިއާޑް ފެނުނީމަ ޗޭންޖުވީވަރު އެނގޭނެ.. ނޫނެކޭ ނުބުނާނެކަން ޔަގީން.."
އަސްލަން ގެ ތުންފަތަށް ފުޅާ ހިނިތުންވުމެއްވެރިވިއެވެ. ރެއިލިންގައި އުޅަބޮށިޖައްސާލައިގެން އަތްތިލަ ދަތްދޮޅީގައި އަޅުވާލައިގެން ހުރިއިރު ލޮލުގެ ވިދުން ތަންކޮޅެއްގަދަވިއެވެ. އެ ހިނިތުންވުން ލޮލާއި ހަމަޔަށްވެސް ފޯރިއެވެ.
"ތިކަމާ ވިސްނާނަން..."
"އިސްތިޚާރާ ކޮށްފައި.."އަސްލަންގެ ޖަވާބުން އެރިކްގެ ހިތަށް ބަޔާންނުކުރެވޭފަދަ އުފާވެރިކަމެއް ލިބުނެވެ. އޭނަގެ އެކުވެރިޔާ ފަހަތުގައި ހުރެފައި ޖަންނަތަށް ދިޔުމުގެ ރާސްތާގައި ހުރީ އޭނައަށްވުރެވެސް ކުރީގައެވެ. މިއީ އޭނަ އުއްމީދުވެސް ނުކުރާވަރުގެ ބޮޑު ރީތި ބަދަލެކެވެ. ހުރިހާ ޝުކުރެއް ހެއްދެވި ފަރާތަށެވެ. ގިނަ ޒުވާނުން ދުނިޔޭގެ ހެއްލުންތެރިކަމުގެ ދަލުގައި ޖެހި ރަގަޅު މަގުން ކައްސައިލާއިރު ބައެއް ޒުވާނުންނަށް ތެދުމަގު ލިބި ނަސީބުވެރިންގެ ތެރޭ ހިމެނެނީއެވެ.
***
މާކްއަށް ކެތްރީން އިސްލާމްވެ އޭނައާއި ވަކިވާން ބޭނުންވާކަން އެނގުމުން ހިތް ކުދިކުދިވާވަރުވިއެވެ. އާދޭސްކޮށްފައި އެދުނީ އޭނަ ދޫކޮށްފައި ނުދިޔުމަށެވެ. އޭނަ ކެތްރީންއަށްޓަކާ ދެކުދިންގެ މަންމަ ދޫކޮށް ކެތްރީންގެ ލޯބި ހާސިލުކުރަން ކުރި މަސައްކަތް ހަދާންކޮށްދިނެވެ. ކެތްރީން ބުނީ އޭނަ ލޯތްބާއި ދީނުން ޚިޔާރުކުރާނީ ދީންކަމުގައެވެ. މާކް ކްރޯފޯޑްގެ ފަޚުރަށްވެސް ކުރިމަތިވި ގޮންޖެހުމެއް ކަމުގައި އޭނަ ދެކުނެވެ. އެންމެން އޭނައަށް ބޭވަފާތެރިވެ އޭނަ ދޫކޮށް އިސްލާމްދީން ޚިޔާރުކުރަނީ އެދީނުގައި ހުރި ކޮން މޮޅުކަމަކުން ބާވައޭ އޭނަ ހިތަށް އެރިއެވެ.
***
ފަސްއަހަރު ފަހުން
ކެތްރީން ނިއުޔޯކަށް ދިރިއުޅުން ބަދަލުކުރީ މާކް ކްރޯފޯޑާއި އަވަށްޓެރިއެއްގެ ގޮތުން ދިރިއުޅެންވެސް ފަސޭހަނުވާނެކަން އެނގޭތީއެވެ. މާކްގެ މިޒާޖުގައި ހުންނަ ގޮތަކުން ކެތްރީންއަށް އޭނަގެ ގޯނާތަކާއި ކުރިމަތިލާން ޖެހޭނެތީއެވެ. އިސްލާމް ދީން ޚިޔާރުކުރުމަށްފަހު މާކްއާއިއެކު ދިރިއުޅުން ހޭދަކުރުން ހުއްދަނުވާނެކަން އެނގުމުން ލޯބި ގުރުބާންކޮށްފައި އޭނަ އެ ފިޔަވަޅު އެޅީއެވެ. ނިއުޔޯކްގައި ދިރިއުޅެން އޭނައަށް އެހީތެރިވެދިނީ ދަރިންނާއި އެކުވެރިންނެވެ. އެރިކްއާއި ހާރިސް އަދި ސިއާރާ އެހީވެގެން ދެބުރިއަށް ނަގާފައިވާ ހިތްގައިމު ގެއެއް ގަތެވެ. މުސްލިމް އަވަށްޓެރިން ލިބުމަކީ އިތުރު ހިތްހަމަޖެހުމެކެވެ. ދީނަށް ކޮންމެވެސް ވަރެއްގެ ޚިދުމަތެއްކުރަންވެސް އޭނަ ނިންމިއެވެ. މަންމައާއި ބައްޕައަށް ޚިދުމަތްކޮށްދޭން ލިބުނު ފުރުސަތުގެ ބޭނުން ހިފާ އެދެމަފިރިންވެސް އޭނައާއެކު ގެންދިޔައެވެ.
ފިނި މޫސުމް ޗުއްޓީގައި ކެތްރީންގެ ހުރިހާ ދަރިންވެސް އާއިލީ އެއްވުމަކަށް މަންމައަށް ޒިޔާރަތްކުރިއެވެ. އެންމެން އެކީގައި އުޅޭތާ ދެހަފްތާއެއްހާ ދުވަސްފަހުން ވަރުގަދަ ސްނޯގެ ތޫފާނެއް އައިގޮތަށް ޝަހަރުގައި ގަނޑުފެނުގެ ސާލެއް އޮޅާލަދީފިއެވެ. ފަޒާގެ ފިނިކަން ގަދަކަމުން ގިނަމީހުން ގޭގެ ހިމާޔަތާއި ހޫނުކަން ލިބިގަންނަމުން ދިޔައިރު މަދުބަޔަކު ސްނޯގެ ތެރޭ އުފާކޮށްލާ މަންޒަރުފެނެއެވެ. ކުދި ފަރުބަދަހެން ފުނިޖެހިފައިވާ ސްނޯއާއި ހުދުފާރުފަދައިން މަގުގައި ލެވިފައިވާ ސްނޯގެ ބޯ ފަށަލައިގެ ސަބަބުން މަންޒަރު އިތުރަށް ފުރިހަމަކޮށްދެއެވެ. މެދުގޯތީގައި ފުނިޖެހިފައިވާ ސްނޯތައް ކެހުމުގައި ބައެއް މީހުން އަވަދިނެތި އުޅޭއިރު ފަޒާގައި ހިފާލާފައިވަނީ އެޕްލް ޕައިފިހެވޭ ވަހާއި ހޫނު ކޮފީގެ މީރުވަހެވެ.
ސްނޯގެ ތެރޭގައި އެންމެން ސަކަރާތްޖަހަން ތިބިއިރު އަސްލަން ޔާސީން ސްލެޑަކަށް ލައިގެން ދުއްވަމުން ދިޔައިރު ދަރިފުޅު ފޯރިއާއެކު ހަޅޭއްލަމުން ދިޔައެވެ. ޔާސީން ހިތްފުރެންދެން ބޭނުންހާ ކަމެއްކޮށްދިނުމަށްފަހު އުރާލައިގެން އެހެން މީހުންގާތަށް އައެވެ. ގޭގެ ފަހަތުގައި ވާ ހުސްތަނުގައި ހުރިއަލިފާން އަންދާތަނުގެ ކައިރީގައި ކާން ސުފުރާ ތައްޔާރުކޮށްލާފައިވިއެވެ. އަސްލަންއާއި ސިއާރާގެ ދަރިފުޅު އަސްލަން ގާތަށް ދާންވެގެން އަތް ތަޅުވައިގަތެވެ.
"މާމަ ޕަމްޕްކިން. ފިނިވީވަރުން މޫނުކޮޅު ތިއޮތީ ފިޔާތޮށި މަލެއްހެން ވެފައެއްނު. މާމަ އުނގުގައި އިށީދެލަން އާދޭ.."ކެތްރީން އަތްދިއްކޮށްލުމުންވެސް ޔާސީން އަސްލަންގެ އުރުން ފައިބާކަށް ނޫޅުނެވެ. އަސްލަންއާއި ދޯޅުވެފައިވާލެއް ބޮޑުކަމުން އެންމެން ހައިރާންވެއެވެ. އަސްލަންގެ އަމިއްލަ ދަރިފުޅަށްވުރެ ބޮޑަށް ޔާސީންއާއިހެދި އުޅޭހެން ހީވެއެވެ.
"ޔާސީންދެކެ އަމިއްލަ ދަރިފުޅަށްވުރެ ލޯބިވަނީ ކީއްވެތަ؟ ޔޫ ނޯ ވަޓް ހަބީބީ. ކުދިން ތަފާތުކުރާކަށް ނުވާނެ..." ސިއާރާ މަޑުމަޑުން އަސްލަންގެ ގާތުގައި ބުނެލިއެވެ.
"ހެހެ. އަހަންނަށް އެނގޭ. އެކަމަކު މިދަރިފުޅު ދެކެ ލޯބިވަނީ މުޖާހިދެއްގެ ދަރިއަކަށްވީމަ. ޔަތީމްކުއްޖަކަށްވީމަ.އެލިޔަސްއަށްޓަކާ މިވަރުވެސް ކުޑަކަމަށް ދެކެނީ. ނޫންތަ؟" އަސްލަންގެ ރީތި ދެލޮލުން ބަލައިލިގޮތަކުން ސިއާރާގެ ހިތް ފުރުނެވެ. ލޮލުން އައީ އުފާވެރިކަމުގެ ކަރުނައެވެ."އެކަމަކު ސިއާރާ ތިބުނާހެން ކުދިން ތަފާތުކުރަންޏާ ސިބްލިން ޖެލަސީ ބައި ބޮޑުވެދާނެ...."
އަސްލަން އޭނަގެ ދަރިފުޅުވެސް ނަގާފައި މޫނުގައި ބޮސްދެމުން އުނގުގައި ބޭންދިއެވެ. ދެކުދިން އުނގުގައި ބައިންދައިގެން އެއުޅޭލެއް ލޯބިކަމުން ސިއާރާއަށް ފަޚުރުވެރިކަމާއެކު ބަލަން އިނދެވުނެވެ.
"އައި ހޭވް ގުޑް ނިއުސް...." އެރިކް އަލާނާގެ ބުރަކަށީގައި މަޑުމަޑުން ފިރުމައިލަމުން ބުނެލުމާއެކު ސިއާރާ ވަގުތުން ކުޑަކޮށް އަރިވެލާފައި އަލާނާގެ ގައިގާ ބައްދައިލިއެވެ."ކޮންގްރާ ފަހަރި................ޑިއު ޑޭޓަކީ ކޮބައިތަ؟"
"މާޝާﷲ.....ހާދަ އުފާވެއްޖެ...." ޚައިރާވެސް މަރުހަބާކިއެވެ. އެންމެނަށްޓަކާ އުފާކުރިޔަސް ހިތުގެ ކަނުގައި ވޭނެއްގެ މަޑު މަޑު ރިހުމެއް ހުރީ އޭނައަށް ދުވަހަކުވެސް ދަރިއެއް ނުލިބޭނެއޭ ހީކުރެވިއެވެ. ހާރިސް ބުނަނީ އަބަދުވެސް ދުޢާކުރުމަށެވެ. ދަރިންނަކީ ނިއުމަތެކެވެ. އިމްތިހާނެކެވެ. ދަރިން ހޯދަން ދީން ބާރު އަޅައެވެ. ނަމަވެސް ނުލިބުނަސް ކެތްތެރިވެ ﷲއަށް ވަކީލުކުރަން ޖެހޭނެއެވެ.ދުޢާކުރުމަކީ އަޅުކަމެކެވެ. އަދި އެންމެ ބާރުގަދަ ހަތިޔާރެވެ. ޚައިރާވެސް ނަމާދުކޮށް ނިމިގެން އަބަދުވެސް ދުޢާކުރަނީ އެފަދަ ނަސީބެއް އޭނައަށް ދެއްވުމަށެވެ.
***
ބިއްލޫރި ދޮރުތަކުގެ ފަރުދާތައް ކަހާލާފައިވުމުން ބޭރުގެ މަންޒަރުތައް ހުރަހެއް ނެތި ފެންނާން ހުއްޓެވެ. މަޑުގޮދަޑިތައް ޖެހި ޝާހީފާޑުގެ ފަރުނީޗަރުތަކާއި ރީތި ޑިޒައިންއަކަށްވާ އަލިފާން އަންދާތަނުގެ ސަބަބުން ބޮޑު ކޮޓަރީގެ ހައިބަތު އިތުރުކޮށްދީފައިވިއެވެ. ތަނުގައި ފެތުރިފައިވީ ލައިލަކްގެ މީރުވަހެވެ. ހާރިސްގެ ޖާދުވީއަޑުން ކިޔަވާފައިވާ ގުރުއާންގެ ވީޑިއޯއެއްގެ އަޑުން ގޭތެރޭގެ ފަޅުކަން ފިލާ ރޫހާނީ އަސަރުތަކެއް އެކުލެވޭފަދައެވެ. ބަލައިލާ ކޮންމެ ދިމާލަކުން ފެންނަނީ ކެލިގްރާފީއާއި ދީނީކުލަވަރެވެ. ދީނަށް ލޯބިކުރާ ބަޔަކު ދިރިއުޅޭތަނެއްކަން ބަލައިލި ކޮންމެ މީހަކަށް އެނގޭނެއެވެ. މި އަރާމު ބޮޑުކޮޓަރީގެ ކައުޗްގައި ކެތްރީން އޮށޯވެލައިގެން އޮތްއިރު ތުންފަތުގައި ފަނޑު ހިނިތުންވުމެއްގެ އަސަރުވިއެވެ. ކުއްލިއަކަށް އޭނަގެ ތުންފަތުން އެ އަސަރު ފިލީ ބިއްލޫރި ދޮރުން ފެނުނު މީހެއްގެ ސަބަބުންނެވެ.
ކެތްރީން ފުންމައިގެން ތެދުވެ އަވަހަށް ބޮލާއިއެކު ރަޖާ އަޅައިގެންގޮސް ދޮރު ހުޅުވާލިއެވެ.
"އައްސަލާމް އަލައިކުމް..." މާކް ކުޑަކޮށް ފަސްޖެހޭގޮތްވީ ކެތްރީންގެ މޫނުގައި ހުރި ކުލަވަރުންނެވެ. ދައުވަތުނުދޭ މެހުމާނަކު ފެނުނުފަދައިން ކެތްރީން ތުން ފިތާލައިފިއެވެ. ދޮރުން އެތެރެއަށް ވަނަނުދޭން އެއްފަރާތަށްވެސް ނުޖެހި ބުދެއްފަދައިން އޭނަހުރީއެވެ.
"ކީއްކުރަން ތިއައީ؟"
"އަހަރެން ބީރައްޓެއްސަކަށް ހަދައިލީތަ؟ ނަތާ......"
"އަހަރެމެންގެ އެއްވެސް ގުޅުމެއްނެތް. އެގޮށް މޮހެވިއްޖެ.ދެމީހުންގެ ރާސްތާ ވަރަށް ތަފާތު. އަހަރެމެން ވަކިވީ އެކީ އުޅުމުގެ އެއްވެސް މާނައެއްނެތީމަ. އެންމެ ރަގަޅުވާނީ ކުދިންނަށް މި މަންޒަރު ނުފެންނަނީސް މިތަނުން ދިޔައީމަކަން ނޭގޭ. އެކުދިންނަށް ކުށްހީއަކާއި މާނައެއްނެތް އުއްމީދުތަކެއް ގެނެސްދިނުމުން އިތުރަށް ހިތް ހަލާކުވުން ނޫންކަމެއްނުވާނެ. މާކް. އަހަންނަށް މިހާރު ދިރިއުޅުމުގެ މަގުސަދު ވިސްނިއްޖެ. މާކްއާއި ދެމީހުންގެ ފިކުރު މުޅިން ތަފާތު. އަހަންނަށް ލޯތްބާއި ދުނިޔެއަށްވުރެ މުހިއްމީ ހެއްދެވި ފަރާތް. ސޮރީ...." ކެތްރީން ދޮރު ލައްޕައިލަން އުޅުނެވެ.
"ނަތާ. އަހަރެން އިސްލާމްދީން ގަބޫލުކޮށްފިން. ނަތާގެ ވަކިވެ ދިޔުމާއި އަސްލަންއާއި ޚައިރާ ދީން ބަދަލުކުރިގޮތާއިމެދު ވިސްނައިލުމުން އެތައް ސުވާލުތަކެއް ހިތުގައި އުފެދުނު. އެހާވަރުން އެންމެން އެދީނާއިހެދި މަރުދަންޖެހޭ ދީންގައި ހުރި ރަގަޅުކަންތައް ދެނެގަންނަން ގުރުއާނުގެ ތަރުޖަމާ ބަލަންފެށީ. އަދި ލެކްޗާސްތައްވެސް އަޑުއަހަންފެށީ. ޓްރަސްޓްމީ ނަތާ. އަހަރެންގެ ހިތުގައި ދީނަށްޓަކާ ލޯބި ޖެހިއްޖެ. އެއަށްވުރެ ކުރިއަށްދާން އެހީވެދީ.................."މާކްގެ ލޮލުގެ އެސްފިޔަތަކުގައި ކަރުނަތިކިތައް ވިދަންފެށިއެވެ. ދީނީ ކަންތައްތަކުގައި ހަރުކަށި އުސޫލުތަކެއް ގެންގުޅެ ގައުމުން އިސްލާމްދީން ފޮހެލަން ފަންޑުކުރަމުން އައި އެދީނަށް ނަފްރަތުކުރި މާކްގެ ހިތުގައި އިސްލާމްދީންގެ ނޫރު ވިދާ ބަބުޅަންފެށީއެވެ. އޭގެ ކުރިން މާކްގެ މަގުސަދަކީ އެލީސާގެ މަރުގެ ބަދަލު ހިފުމެވެ. އެކަން ކުރި ޖަމާއަތް ބަރުބާދުކޮށްލުމެވެ. ހަމައެކަނި އެޖަމާއަތެއް ނޫނެވެ. ހުރިހާ މުސްލިމުންގެ އަތުގައި އެލީސާގެ އަގުހުރި ލޭ އުގުޅިފައިވާކަމަށް އޭނަ ދެކުނެވެ.
ކެތްރީން މާކްގާތު އެތެރެއަށް ވަންނަން އެދުނެވެ. މާކްގެ ކޯޓު ހަރުގަނޑުގައި އަޅުވާލާފައި ސޯފާގައި އިށީދެ ވަށައިގެން ނަޒަރު ހިންގައިލިއެވެ.
"މިއީ ނަތާގެ ގެ؟"
"ކުދިންގެ ހަދިޔާއެއް އަލްހަމްދުލިﷲ..."
"އެކަމަކު ނަތާގެ ގެއަކީ މިއީއެއްނޫން. ތަފާތު ހަނދާންތަކެއް އެކުލެވުނު ގެ ދޫކޮށް އަބަދަށްޓަކާ މިކޮޅަށް ބަދަލުވާން ހިތަށް އެރީ ކީއްވެ؟ ހިނގާ އެބުރިދާން...." މާކް އާދޭހުގެ ރާގަކަށް ބުނެލިއެވެ." ނަތާއާއި ނުލާ އަހަރެންގެ ގެއެކޭ ފަޅު ގަބުރުސްތާނެކޭ އެއްގޮތް. ދިރުމެއްނެތް. ޚާއްސަކޮށް ކުދިން ޗުއްޓީގައި ދިޔައީމަ...އަހަރެން ބަރުބާދުވެއްޖެ ނަތާ. ލޯބިވާ މީހުން ދޫކޮށްލާފައި ތިމާ އަމިއްލައަށް ހައްގުގޮތުގައި ހުރެ ލޯބިވާ ފަރާތް އަބަދަށްޓަކާ އަލިފާނުގެ ދަރުގަނޑަކަށްވާން ނަތާ ގެ ހިތް ކެތްކުރެވުނުތަ؟"
ކެތްރީން އަނގައިން ނުބުނެ ވެހެމުންދާ ސްނޯއަށް ބަލަހައްޓައިގެން އިނެވެ. ހިމޭނުންނެވެ. އެހިތުގައި ހިނގަނީ ކޯނޗެއްކަމެއް މާކްއަށް ދެނެގަންނަން ފަސޭހައެއްނުވިއެވެ.
"އަހަންނަށް އަދިވެސް ފަސޭހަ ނުވަނީ ކޮންކަމެއްކަން އެނގޭތަ؟ ބަލި ގަބޫލުކުރުން. އެއީ އަހަރެންގެ ހަޔާތުގައި ދެކެފައިވާއެއްޗެއް ނޫން. ކޮންމެވެސް ދުވަހަކުން ކާމިޔާބުކުރަން އަޒުމް ކަނޑައަޅައިގެން ހުރެ ކޮންމެ އެއްޗެއް ހާސިލުކުރެވުނު. މިއަދުވެސް ނާކާމިޔާބާއި ކުރިމަތިލާނެ ހިތްވަރެއްނުލިބޭ. ކޮންމެ އަގެއްދީގެންވެސް ނަތާއާއިއެކު ވާން ބޭނުމީ................"
"ޕްލީޒް ނަތާ..."
"އެންމެ ރަގަޅު. މާކް އަހަންނަށްޓަކާ އިސްލާމްދީނަށް ވަނުމަށް ނޭދެން......" ކެތްރީން ބުނަންފެށިއެވެ.
"ނަތާ ދިޔަތާ ކޮން ދުވަހެއް؟ނަތާއަށްޓަކާ ދީން ގަބޫލުކުރިނަމަ ފުރަތަމަދުވަހުވެސް ދީނަށް ވަދެއްޖައީމޭ ބުނެ އޮޅުވައިލެވުނީސް. ނަތާ އެއަށްވުރެ ބޮޑަށް ދަސްވެއްޖެ. އެހެންވެ ދީން ދަސްކޮށްގެން ހިދާޔަތް ލިބި ގަބޫލުކުރަން މިހާގިނަ އަހަރުނެގީ."
"މިފަހަރު ދާ ކޮންމެ ތަނަކަށް މަންމައާއި ބައްޕަ ގެންދާނަން. ކުރިންހެދިހެން ނާސިން ހޯމަކަށް ލާފައި މާކްއާއިއެކު ދާކަށް ނުކެރޭނެ. މައިންބަފައިން މުސްކުޅިވީދުވަހު އެމީހުންނަށް ލޯތްބާއި އަޅައިލުން ދޭން ބޭނުން..ސިއާރާގެ ސަބަބުން އެކަން ވިސްނުނީ..........................."
"ނަތާގެ މައިންބަފައިންނަކީ އަހަރެންގެވެސް. އެމީހުންށް ޚިދުމަތްކުރުމުގެ ފުރުސަތު އަހަންނަށްދީ.."
"ނަތާއެއްނޫން މާކް. އަހަރެންގެ ނަމަކީ ޒުލޭޚާ...."
"ސުބުހާނަﷲ. ހަމަ ހައިރާންވެއްޖެ. މިހެންވާންވީ ކީއްވެތަ؟ އަހަރެން ދީނަށް ވަނުމުން ޝޭޚު ދިންނަމަކީ ޔޫސުފް..ޔޫސުފްއާއި ޒުލޭޚާ............" މާކް ހުރިހާ ދަތްތައް ފެންނަވަރަށް ހީލިއެވެ.
ޚައިރާ އެހުރިހާ ވާހަކަތައް އަހަން ހުރެފައި ދުވެފައިގޮސް ވަނީ ކޮޓަރިއަށެވެ. ހާރިސްގެ ގައިގާ އޮޅުލައިގަތްގޮތަށް ރޯންފެށުމުން ހާރިސް ކަންބޮޑުވެ ސުވާލުކުރަންފެށިއިރު ވެސް ހިތް ހަމަޔަކަށް އަޅުވާލައިފިއެވެ. ދިރިއުޅުމުގެ ކޮންމެފަދަ ކަމަކާއި ކުރިމަތިލާން އޭނަގެ ނަފުސް ތައްޔާރުކުރުވާފައިވާފަދައެވެ. ޚައިރާ ރޮމުން ހެމުން އޭނަގެ ބައްޕައާއި ހާރިސްގެ މަންމަ ދެއްކި ވާހަކަތައް ކިޔާދިނުމުން ހާރިސްއަށްވެސް ހެވެން ފެށުނުގޮތަށް އަވަސްވެގަތީ ބޭރަށް ނުކުމެ އޭނަގެ ދޮންބައްޕައަށް މަރުހަބާ ކިޔުމަށެވެ. ހާރިސްއަށް ދުނިޔޭގެ ނިއުމަތްތައްވެސް ލިބެމުންދަނީ ހިތްއެދޭވަރަށްވުރެވެސް ގިނައިންނެވެ. މިހާރު އޭނައަށްވަނީ މަދީނާއިން ވަޒީފާ ހަމަޖެހިފައެވެ.ހާރިސްއަށް އަދި ދަރިން ލިބުމުގެ ނަސީބު މިންވަރުނުކުރެއްވިޔަސް އޭނަ އުއްމީދު ކަނޑައެއްނުލައެވެ. ޚައިރާގެ މަންމަ ޒެފްރީންވެސް މަދީނާގެ އިލްމުވެރިޔަކާއި ކައިވެނިކޮށްގެން އެ މާތްބިމަށް ހިޖުރަކުރުންވެގެން ދިޔައީ ޚައިރާއަށްވެސް ލިބުނު އުފަލަކަށެވެ. މަންމައާއިއެކު ހަޔާތުގެ އާ ބާބެއް ހުޅުވައިލެވެނީއެވެ.
އަސްލަންއާއި އެރިކްއާއި ހާރިސް މާކް އަދި ކެތްރީންގެ ބައްޕަސިޓިން ރޫމްގައި ތިބިއިރު ބޮޑަށް ދެކެވެމުން ދިޔައީ ދީނީ ވާހަކަތަކެވެ. އެންމެންގެ މޫނުތައް މަތިންވެސް ފެންނަނީ އަމާންކަމާއި ހަމަޖެހުމެވެ. ރޫހާނީ ހިތްހަމަޖެހުމެވެ. އެންމެންގެ ރޫހުތައް އެފަދަ ހަމަޖެހުމުގެ އައްސޭރިއަކަށް އެދި ތެޅިފޮޅެނިކޮށް އެ ފުރާނަތަކަށް ހަމަޖެހުން ގެނުވައިދިނީ ހިދާޔަތެވެ.
***
ޔޫކޭއަށް އެންމެން އެނބުރި އެކީ އައުމަށްފަހު މާކްއާއި ކެތްރީންގެ ކައިވެނި އަލުން ކުރެވުނީ މިސްކިތުގައެވެ. އެއަށްފަހު އާއިލާ އެއްކޮށް ރެސްޓޯރެންޓަކަށްގޮސް އުފާވެރި މާހައުލެއްގައި ކައިގެން އެއާޕޯޓަށްދާން ދަތުރުފެށިއެވެ.ހާރިސްއާއި ޚައިރާ އާ ދިރިއުޅުމެއް ފަށަން މަދީނާއަށް ފުރީ ދޭތެރެއިން އެންމެން އަންނަންވާނެކަމަށް ބުނެ ދައުވަތު ދީފައެވެ. ވެހެމުން ދިޔަ ސްނޯތަކުގެ ތެރޭގައި އެމިރޭޓްސް ރަންވޭއިން ނައްޓައިލި މަންޒަރު ބަލަން ހުރެފައި އެރިކް ގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ. އަލާނާ އެރިކްގެ އަތުގައި ހިފާ ބާރުކޮށްލިއެވެ. ކޮންމެގޮތެއްވިޔަސް ހާރިސްއަކީ އެރިކްގެ ހަށިގަނޑުގެ އެއްބައިކަމަށް ދެކޭ ދުނިޔެއިން އެންމެ ޚާއްސަ އެއްފަރާތެވެ. ވަކިވާން ޖެހުމުން ހިތަށް އަސަރުކުރާނެއެވެ.
"ކޮންމެ ކަމެއްގައި ކުރިއަށް ދާން ހިތްވަރު ލިބުނު ސަބަބަކަށް ހާރިސްވި.ވަރަށް އިންސްޕަޔާވި ލެކްޗާސްތައް ބަލާފައި..އައި ވޯޒް ވެރީ އިންސްޕަޔާޑް ބައި ހިޒް ޕާސެނެލިޓީ، ވޯޒް އޯލްމޯސްޓް ލައިކް ދަ ޑްރައިވިން ފޯސް ޓު ޓޭކް އަޕް އެނީ ޗެލެންޖް......." އެރިކް އަލާނާގެ މޫނަށް ބަލާލާފައި ހިނިތުންވެލިއެވެ. "އެކަމަކު ދުނިޔެ މުށުތެރޭގައި މިހާރު މިވަނީ ދޯ. ކޮންމެ ތަނެއްގައި ހުއްޓަސް ބޭނުންވާއިރަށް ބަލައިލެވޭނެ.."
"އެންމެން އެކީ ހައްޖަށް ދާނީ އިންޝާﷲ...."
"ގިނަގިނައިން އުމްރާއަށްވެސް ދެވޭނެ. އެއީ ދުނިޔޭގައި އޮތް އެންމެ ލޯބިވާ މަންޒިލްކަމުގައިވެއްޖެ..އެކަމަކު ހާރިސްގެ ސަބަބަކުންނޫން. އެއަށްވުރެ ލޯބިވާ ފަރާތެއްގެ ސަބަބުން. އަހަރެމެންގެ ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްގެ ރަށް ކަމުގައި ވީތީ........."
އަލާނާވެސް މަޑުމަޑުން ބޯ ޖަހައިލިއެވެ.
***
އަސްލަންއާއި ސިއާރާ ކާރުގައި ގެއަށް އަންނަމުން ކާރު މަޑުކޮށްލީ މުސްލިމުންގެ ގަބުރުސްތާން ކައިރިއަށެވެ. ހޫނު މޫސުމްގައި ފެހިކަން ގަދަ ގަސްތަކުގައި ހުދު ފޭރާން އަޅާފައިވާ ވާއިރު އެ މާހައުލާއި ނިކަންގުޅެއެވެ. އެހާ ހިމޭނެވެ. އަސްލަން ޔާސީން ގެ އަތުގައި ހިފައިގެން ސްނޯގެ ދޫލަމަތީގައި ހިނގަމުންގޮސް މަޑުކޮށްލީ އެލިޔަސްގެ މަހާނަ ކައިރީގައެވެ. އަސްލަން ދަރިފުޅުގެ ބައްޕަ ޝަހީދުވެފައިވާ ކަމާއި ދުޢާކުރުމަށް ބުނެދިނުމުން އެހާ ޅައިރުވެސް ވިސްނުނެވެ. ދުޢާކުރަންވެސް ދަސްކޮށްދިނުމުން ދުޢާކުރަން އެނގެއެވެ. ޔާސީން ތަވާޟައުވެރިކަމާއިއެކު ހުއްޓިލައިގެން ދުޢާއަށް އަތް އުފުލައިގެން ހުރިގޮތުން ބޮޑެތިމީހުންވެސް ލަދުގަންނަވާލާނެއެވެ.
ދުއާކުރުމަށްފަހު ޔާސީން އޭނަގެ ބައްޕައާއި ވާހަކަދެއްކިއެވެ.
"ބައްޕާ. ބައްޕަ މިހާރު ތިވަނީ އެހެން ތަނެއްގައި. ޑޭޑް އެކަމަކު އަޅުގަނޑުދެކެ ވަރަށް ލޯބިވޭ. ޑޭޑް ބުނުއްވީ ބަސްއަހައިގެން އުޅެންޏާ އެންމެން އެކީ އިއްލިއްޔީންގައި އަދި ބައްދަލުވާނެއޭ އިންޝާﷲ. އެހެންވެ ނަމާދުކުރަން. ގުރުއާން ކިޔަވަން. ބައްޕަފަދަ ގުޑް ބޯއިއަކަށް ވާނަން އިންޝާﷲ. ވަރަށް ލޯބިވޭ ބައްޕާ. ބައްޕަގެ ފޮޓޯގައި ސްމައިލްކޮށްގެން ހުރުމުން ވަރަށް ލޯބިވޭ. ލަވް ޔޫ.......ޑޭޑްދެކެވެސް ވަރަށް ލޯބިވޭ. ހީޒް ދަ ބެސްޓް ޑޭޑް އިންދަ ވޯލްޑް....ބައްޕައާއި ޑޭޑް އަދި މަންމައާއި ކޮއްކޮ އަދި ގޭގެ ހުރިހާ ކުދިންވެސް ބައްޕަ ގާތަށް އިއްލިއްޔީންއަށް އަންނާނަން އިންޝާﷲ.އަބަދު ދުޢާކުރަން. މޭ ﷲ ގްރާންޓް ޔޫ ޖަންނަތް. ޑޭޑް ބުނުއްވީ ޝަހީދުން ވާނީ ސުވަރުގޭގެ ބަގީޗާތަކުގައި ކަމަށް...ލަވް ޔޫ. ދެން ދަނީ މަންމައާއި ކޮއްކޮ ވެއިޓިން.....އައްސަލާމް އަލައިކުމް...."
އަސްލަންވެސް އެލިޔަސްއަށް ހެޔޮ ދުއާކުރިއެވެ.
ކާރަށް އަރަންވެގެން އަސްލަންއާއި ދަރިފުޅު ބޯ ސްނޯގެ މަތިން ހިނގާފައި އަންނަތަން ވީޑިއޯކުރަން ސިއާރާ އިނީ ހިނިތުންވެލައިގެންނެވެ. ދެބަފައިންވެސް ތިބީ ހުދުކުލައިގެ ބޯ ކޯޓުތަކުގައި ކަމުން ވަކިން ނަލައެވެ. އަސްލަން ކާރުގެ ކުރީ ސީޓަށް އަރާ ޔާސީން އުނގުގައި ބޭންދިއެވެ.
"މަންޒަރުތައް ރީތިކަމުން ހިތަށް ގޮތެއްނުވީ ކިރިޔާ...."ސިއާރާ މޭގައި އަތް ޖައްސައިލުމުން އަސްލަން ކަންބޮޑުވިއެވެ. ހިތް ބަދަލުކުރާ މީހުން ދުނިޔޭގައި ތިބޭނެކަމަށް ޑޮކްޓަރުން ލަފާކުރާ އުމުރަކީ ފަސްއަހަރެވެ. ނަމަވެސް އަޖަލު ޖެހުމުން ނޫނީ އެމީހަކު ދުނިޔެއަށް އެންމެ ފަހުގެ ނޭވާ ނުލާނެއެވެ. މަދު ހާލަތެއްގައި ކިތަންމެ އަހަރަކަށްވެސް ދުނިޔޭގައި ހުރެދާނެއެވެ. ސިއާރާގެ ހިތަށް އެއްވެސް ބަދަލެއް ނައިސް މިވަނީ ގާތްގަނޑަކަށް ހަޔެއްކަ އަހަރެވެ.
"އަސްލަން ހަބީބީ. އެހެން ބުންޏަސް ބަލިކަށި ހިތުގެ ބަދަލުގައި ﷲ ސުބުހާނަހޫ ވަތައާލާ ދެއްވެވީ ސްޓްރޯންގް ހިތެއް. ޗެރީއާއި ކޮފީއަށް ދެވި ހިފި ހިތެއް. ބަރާބަރަށް މަސައްކަތް ކުރޭ އަލްހަމްދުލިﷲ...... ހެހެ............" ސިއާރާ ހީލިއެވެ.
"ކޮފީއަށްވުރެ ހޫނު ޗޮކްލެޓާއި ލާޓޭއަށް މޮޔަވި ކުއްޖެއް ދޯ....މިހާރު ހަމަ ކޮފީ........."
"އަހަރެން ހިތެއްނެތި އެހެން އޮތްވާ ފެނުމުން އަސްލަން ހިތަށް އެރީ ކީކޭ؟"
"ހިތެއްނެތް ކުއްޖެކޭ........"އަސްލަން ހިނިގަނޑެއް ޖަހައިލިއެވެ." ހޫމް ތިހެން ބުނީމަ. އަހަންނަށް ގަބޫލެއްވެސް ނުކުރެވުނު. ޓޭބަލް މަތީ އެންމެ ލޯބިވި ކުއްޖާ ދިރިއޮތީ ހިތެއްނެތި..........އެއީ ވަރަށް އެހެން ކަހަލަ ވަގުތުކޮޅެއް. ދުވަހަކު ހިތުން ނުފިލާނެ. .....އެއީ ހަޔާތުގައި އައި އެންމެ ހިތުން ނުފިލި ވަގުތުތައް..މިކްސްޑް ފީލިންގްސް. ކިހިނެއް ބުނެދޭނީ...."
"އަސްލަން. އަހަރެން ބައްޕައަށް މާފުކޮށްފިން....."
"ވަޓް؟"އަސްލަންގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް ދަތުރުކޮށްލިއެވެ.
ކީއްވެކަން އެނގޭނެ.....އެރިކް އާއި ހާރިސް އަހަރެން ގާތު އެ ހުރިހާ ވާހަކަތަކެއް ކިޔައިދިނީ.................."
"ހީނުކުރާހާ ރަގަޅު މާތް ކުއްޖެއް ތިއީ މާޝާﷲ...ކިހާ ލޯބި..."އަސްލަންގެ ހިތް ޝުކުރުން ފުރުނެވެ. ސިއާރާވެސް އަސްލަންއާއިމެދު ބުނަން އޮތީ ހަމަ އެހެންނެވެ. މިހާ އޯގާތެރި ފިރިޔަކު ލިބުނުކަމީ ރަހުމަތެކެވެ.
އޭނައަށް ފުރަތަމަ ދުވަހުން ފެށިގެން އިހުސާސްވާން ފެށީ އެކަކު ނުބުނިކަމުގައި ވިޔަސް އޭނައަށް ހިތް ލިބުނީ އެލިޔަސްގެ ފަރާތުންކަމެވެ. އޭނަގެ ސިކުނޑިއަށް އެހެން އަރާންވީ ސަބަބެއް ނުވިސްނުނަސް އެ އިހުސާސްތައް ވަރަށް ވަރުގަދަވިއެވެ. އެލިޔަސް ލޯބިކުރާހާ ކަންތައް މިޒާޖުގައި ހަރުލާ އޭނައަށް ކުރިން މީރުވި އެއްޗިއްސާއިވެސް ދުރުވެވުނެވެ. އެކަމަކު އޭނައަށްޓަކާ އެހެން މީހުން އެކަން ފޮރުވިފަދައިން އޭނަވެސް ހުންނަނީ އެކަން ދެނެގެން އެވާހަކަ ހިތުގައި ބާއްވައިގެންނެވެ. ނަމަވެސް ބޭބެމެންވަނީ އޭނަ ގާތު އެހެން ސިއްރެއް ބުނެފައެވެ. އެލިޔަސް ޝަހީދުކޮށްލީ މާކް ކްރޯފޯޑް ފޮނުވި ބަޔެކެވެ. ސިއާރާ އެދުވަހު ރުޔެވެ. ދުވަހަކު މާކްއަށް މާފުނުދޭން ނިންމިއެވެ. ނަމަވެސް އެރިކްއާއި ހާރިސް ދަސްކޮށްދިނީ މާފުކުރުމަށެވެ. މަންމައަށްޓަކާ އެކަން ހިތުން ފިލުވައިލުމަށެވެ. ގިޔާމަތް ދުވަހު އެލިޔަސްއަށް އިންސާފު ލިބޭނެއެވެ. އެހެން ހުއްޓާ މާކް އިސްލާމް ތައުބާވުމުން ކުރީގެ ހުރިހާ ފާފަތައް ސްނޯއިން ދުނިޔޭގެ ހުރިހާ ހަޑިމިލައެއް ދޮވެވިގެންދާ ފަދައިން ފޮހެވިގެން ދާނެކަން އޭނަ ދަނެއެވެ. އެހެންވެ ސިއާރާގެ ހިތް މާފުކުރީއެވެ. ސިއާރާ ގަބޫލުކުރިގޮތުން މާފުދިނީ އޭނައެއްވެސް ނޫނެވެ. އެލިޔަސްގެ ހިތެވެ. އޭނަގެ ކޮންމެ ނިންމުމުގެ ހިއްސާއެއްގައި ނުސީދާކޮށް އެލިޔަސްވެސް ބައިވެރިވެއެވެ. އޭނަ އެލިޔަސްދެކެ ލޯބިވާ ﷲއަށްޓަކައެވެ. މިއަދު އޭނަގެ ހަޔާތުގެ ބައިވެރިޔާއަކީ އަސްލަންއެވެ. އަސްލަންދެކެ ކުރީއްސުރެ އޮތް ލޯބި ހިތުގައި ނުފިލާއޮވެ އެލޯބި އިތުރުވީއެވެ.
ވެހެމުންދާ ސްނޯތެރޭގައި ކާރު ދުއްވަމުން ދިޔައިރު އެދެމަފިރިންނާއި ކުދިންގެ އުފާވެރި ވާހަކަތަކާއި ހުނުންތައްވެސް އެ ހިތްގައިމު މާހައުލުގެ އުފާވެރިކަމާއި ގުޅި ލާމެހިގެން ދިޔައެވެ.
ދިރިއުޅުމަކީ އިމްތިހާނެކެވެ. ވަގުތީ ހިޔާވައްސެކެވެ. ދާއިމީ މަންޒިލަށްޓަކާ އެމީހުން ދަތުރު ހަދަމުން ދިޔައީ ލޯބި އާއިލާއެއްވެސް ބިނާކުރަމުން ހެއްދެވި ފަރާތާއި އޮތް ގުޅުންވެސް ވަރުގަދަކުރަން މަސައްކަތްކުރަމުންނެވެ.
ނިމުނީ