14 Jul 2022, 17:20
އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތަށް އިންޑިއާ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ މާލޭގައި އުމުރުން 15 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިމަހުގެ 11 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލައާއި ގުޅިގެން އުމުރުން 52 އަހަރުގެ އިންޑިއާ ފިރިހެނަކު މިމަހުގެ 12 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ އޭނާގެ ބަންދާއިމެދު ވަކި ގޮތެއް ނިންމުމަށް ހަމަ އެދުވަހު، ކޯޓަށް ހާޒިރު ކުރުމުން ޝަރީއަށް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.
ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރުމާއި އެކުދީންނަށް އިހުމާލު ވުމުގެ މައްސަލަތައް ރާއްޖޭގައި މިވަނީ ކަންބޮޑުވާ މިންވަރަށް އިތުރުވާން ފަށާފައެވެ.
ޖިންސީ ޝިކާރައަކަށްވާ ކުޑަކުދީންނަށް ނަފުސާނީ ގޮތުންނާއި ސިއްޙީ ގޮތުން ލިބޭ ގެއްލުންތަކަކީ އޭގެ ސަބަބުން އެ ކުދީންގެ މުޅި މުސްތަޤުބަލަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެ ކަމަކަށްވާތީ، ފުލުހުން ބުނެފައިވަނީ ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކަކީ ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރާނެ މައްސަލަތަކެއް ކަމަށެވެ.
އެގޮތުން މި މައްސަލަ ވެސް ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.