މާލޭގެ އުދަ އަރާ ސަރަހައްދަށް ކުޑަކޮށް ރާޅުގެ އަސަރުކުރިނަމަވެސް މިއަދު މާލެއަށް އުދަ އަރާނެކަމަށް ނުބެލެވޭ ކަމަށް، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ބުނެފިއެވެ.

އިއްޔެ ވަނީ މާލޭގެ އެކި ސަރަހައްދުތަަކަށް އުދަ އަރާފައެވެ.

ނަމަވެސް މެޓުން މިއަދު "ސަން"އަށް ބުނީ އިއްޔެއަށް ވުރެ މިއަދު ދިޔަވަރު ކުޑަ ކަމަށާއި މާލެއަށް ދެން އުދަ އަރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

"މިއަދު އިއްޔެއަށް ވުރެ ދިޔަވަރު ކުޑަކޮށް އުޅެނީ. މާލެއަށް ދެން އުދަ އަރާނެ ކަަމަކަށް ލަފައެއް ނުކުރެވޭ" މެޓުން ބުންޏެވެ.

މެޓުން ބުނީ މާލޭގައި އާންމުކޮށް އުދަ އަރާ ސަރަޚައްދުތަކަށް ދިޔަވަރުބޮޑު ވަގުތުތަކުގައި ކޮންމެވެސް ވަރަކަށް ރާޅުގެ އަސަރު ކޮށްފާނެ ކަމަަށާއި ނަމަވެސް އިއްޔެ އެރި ގޮތަށް އުދަ އަރާނެ ކަމަށް ނުބެލެވޭކަމަށެވެ.

ވޭތުވެ ދިޔަ ދުވަސްކޮޅަކީ މޫސުން ގޯސް ދުވަސްކޮޅަކަށްވުމުން ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވަނީ ބޯކޮށް ވާރޭވެހިފައެވެ. އަދި ދެކުނުގެ ބައެއް އަތޮޅުތަކަށް އުދަ އަރައި ގިނަ ގެއްލުންތަކެއް ވެސް ވަނީ ލިބިފައެވެ.