ޔޫކޭގެ ވޯރިކް ޔުނިވާސިޓީން 2021 ގައި ހެދި ދިރާސާއަކުން ދައްކާ ގޮތުން، ކުންފުންޏެއްގެ މުވައްޒަފުން އުފާވެރިކޮށް ތިބޭނަމަ އެ މީހުންގެ އުފެއްދުންތެރިކަން 12 ޕަސަންޓު އިތުރުވެއެވެ. މިއީ ކުޑަ މިންވަރެއްހެން ހީވި ނަމަވެސް، ކޮންމެ މިންވަރަކަށް ނަމަވެސް އުފެއްދުންތެރިކަން އިތުރުވުމަކީ އޭގެ ފައިދާ ވިޔަފާރިއަށް ލިބޭނެ ކަމެކެވެ. ސަބަބަކީ، ކުންފުނީގެ ހަކަތައަކީ އެ މުވައްޒަފުންނެވެ. އެމީހުންގެ އުފެއްދުންތެރިކަމަކީ ކުންފުނީގެ ވެސް އުފެއްދުންތެރިކަމެވެ.

ތިޔަ އޮފީހުގެ މުވައްޒަފުންނަކީ އުފާވެރި، އުފެއްދުންތެރި މުވައްޒަފުންނަށް ހެދުމަށް ބޭނުންވާ އެންމެ މުހިންމު ކަމަކީ، އޮފީހުން އެ މުވައްޒަފުންނާ މެދު ގާތްކަމާއި އަޅާލުން މާނަވީ ގޮތެއްގައި ބެހެއްޓުމެވެ. އެމީހުން ވަޒީފާ އަދާކުރާ މާހައުލަކީ ރައްކާތެރި، އަރާމު މާހައުލަކަށް ހެދުމެވެ. އަދި ވަޒީފާއިން ބޭރުގައި ވެސް ތަފާތު ބެނެފިޓްސް އަދި އިންސެންޓިވްސް ފޯރުކޮށްދިނުމެވެ.

މިފަދައިން ފޯރުކޮށްދެވިދާނެ އެންމެ މުހިންމު އެއް ބެނެފިޓަކީ އެ މުވައްޒަފުންގެ ސިއްހަތާ ސީދާ ގުޅުންހުރި ކަމެކެވެ—ހެލްތު އިންޝުއަރަންސެކެވެ. ކުންފުނީގެ ހަކަތައަކީ އެ މުވައްޒަފުން ކަމުން، އެމީހުން ތިބީ ހެޔޮ ހާލުގައި ކަން ޔަގީންކުރުމަކީ ވަރަށް މުހިންމު ކަމެއް ނޫންތޯއެވެ.

ވިޔަފާރިއަކަށް، އެ ވިޔަފާރިން ގެންގުޅޭ ހުރިހާ މުވައްޒަފުންނަށް ރައްކާތެރިކަން ފޯރުކޮށްދެވޭ ގޮތަށް އެލައިޑް އިންޝުއަރަންސުން "ގްރޫޕު ހެލްތު އިންޝުއަރަންސް" ޕްލޭނެއް ނެގުމަކީ ފަސޭހަ ކަމެކެވެ. ބަލިބައްޔާއި ލިބޭ ޒަހަމްތަކާއި، އެލައިޑް އިންޝުއަރަންސުން އެމްޕެނަލްކޮށްފައިވާ ސިއްހީ ހިދުމަތްދޭ މަރުކަޒަކުން ހިދުމަތް ހޯދުމުގެ ހަރަދުތައް މި ޕްލޭނުން ހަމަޖެހިގެން ދާނެއެވެ. ކުންފުނީގެ ފަރާތުން ތިބޭ ސްޓާފުންގެ އަދަދާއި ފޯރުކޮށްދޭން ބޭނުންވާ ހެލްތު ބެނެފިޓްތައް ބަޔާންކޮށް، އެލައިޑް އިންޝުއަރަންސަށް ޕްރޮޕޯސަލްއެއް ހުށަހެޅުމުން، އެ ބޭނުންތަކަށް އެންމެ ފުދޭ ޕްލޭން އެލައިޑުން ހުށަހަޅާނެއެވެ.

މިއީ ޒަމާނީ ޕްލޭނެކެވެ. ހުރިހާ މުވައްޒަފުން ޝާމިލުވާ ގޮތަށް ނަގައިދޭ ގްރޫޕް ހެލްތު އިންޝުއަރަންސް އެކްޓިވޭޓުވުމުން، އެލައިޑްގެ "މައިއެލައިޑް" ޕޯޓަލް ނުވަތަ މޯބައިލް އެޕުން ހުރިހާ މުވައްޒަފުންނަށް ރެޖިސްޓްރީވެވި، މި ހިދުމަތް އޮންލައިންކޮށް ބޭނުންކުރެވޭނެއެވެ. ހެލްތު އިންޝުއަރަންސް ބޭނުންކުރަންވާ ކޮންމެ ފަހަރަކު އައިޑީ ކާޑު ދައްކާލާ، ޖުމްލަ ފައިސާ ދައްކަން ނުޖެހި އިންޝުއަރަންސްގެ ހިދުމަތް ލިބޭނެއެވެ. އަދި "މައިއެލައިޑް" މެދުވެރިކޮށް ކްލެއިމް ސްޓޭޓަސް، ޕޮލިސީގައި ހުރި ލިމިޓުތަކާއި ބާކީ ބޭނުންކުރެވެން ހުރި ކަވަރޭޖުގެ މިންވަރު އަދި ހިދުމަތްލިބޭ ހޮސްޕިޓަލުތަކާއި ސިއްހީ ފަރުވާދޭ އެހެނިހެން ތަންތަން ވެސް ބަލައިލެވޭނެއެވެ.

މީގެ އިތުރުން ސިއްހީ ހިދުމަތަށް މުވައްޒަފު އަމިއްލައަށް ހަރަދުކުރުމަށްފަހު ކްލެއިމްކުރުން ވެސް މިހާރު "މައިއެލައިޑް"އިން އޮންލައިންކޮށް ކުރިއަށް ގެންދެވޭނެއެވެ. ޕޮލިސީން ކަވަރުކުރާ ފަރުވާއަށް ކުރި ހަރަދުތަކުގެ ބިލުތަކާއި ރާއްޖެއިން ލިބެން ނެތް ފަރުވާއެއް ހޯދުމަށް ދަތުރެއް ކުރިނަމަ އެ ދަތުރުގެ ޓިކެޓު ފަދަ ލިޔެކިތުންތަކުގެ ޑިޖިޓަލް ކޮޕީއެއް "މައިއެލައިޑް"އަށް އަޕްލޯޑުކޮށްލުމުން، 14 މަސައްކަތު ދުވަހުގެ ތެރޭގައި އެ ހަރަދުތައް އަނބުރާ ލިބޭނެއެވެ. އޮންލައިންކޮށް ކްލެއިމްކުރުމަކީ ހިލޭ ލިބޭ ހިދުމަތެކެވެ. އެލައިޑުގެ އޮފީހަށް ގޮސް ކްލެއިމްކުރާ ނަމަ މަތީގައިވާ ލިޔެކިޔުންތަކުގެ އަސްލު ހުށަހަޅަން ޖެހޭ އިރު، ކޮންމެ ކްލެއިމްއަކަށް 100 ރުފިޔާގެ ޗާޖެއް ނެގޭނެއެވެ. އެހެންކަމުން އޮންލައިންކޮށް މިކަން ކޮށްލުން މާ ރަނގަޅެވެ. އަދި އެލައިޑުން ހިތްވަރުދެނީ ވެސް އޮންލައިންކޮށް އެ ހިދުމަތް ހޯދުމަށެވެ.

ވަޒީފާދޭ ފަރާތްތަކުން ހަނދާން ބަހައްޓަން ވާނެއެވެ—މިއީ ބޭކާރު ހަރަދެއް ނޫނެވެ. މުވައްޒަފުންގެ ހަކަތައަކީ ކުންފުނީގެ ހަކަތައެވެ. ކުންފުނީގެ ކުރިއެރުމާއި އުފެއްދުންތެރިކަން ގުޅެނީ މުވައްޒަފުންނަށް އަޅާލާ، އުފާކޮށްދިން މިންވަރަކަށެވެ. "މިއީ އެއް އާއިލާއެކޭ" ނުވަތަ "އެއް ޓީމެކޭ" ބުނާ ކޮންމެ ފަހަރަކު އެ އޮފީސް-އާއިލީ ގާތްކަމާއި އެއްބައިވަންތަކަން ވެސް އެމީހުންނަށް އިހުސާސް ކުރެވޭނީ މިފަދަ ކަންކަމުންނެވެ.