20 Jul 2022, 18:00
ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތުގެ ތެރެއަށް ބަޔަކު ވަދެގަނެ، ހިންގި ހަމަނުޖުހުމާ ގުޅިގެން ހައްޔަރުކުރި ޕީޕީއެމްގެ ކައުންސިލްގެ މެމްބަރު އިބްރާހިމް ރައްޒާން (ޓަކޭ), ކްރިމިނަލް ކޯޓުން ދޫކޮށްލީ ރަނގަޅަށް ކަމަށް ހައި ކޯޓުން ނިންމައިފިއެވެ.
ހަމަ ނުޖެހުންތަކާ ގުޅިގެން ރައްޒާން ހައްޔަރު ކޮށްފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގައެވެ. އަދި އޭނާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރު ކޮށްދިން ނަމަވެސް ފަހުން ވަނީ މުއްދަތު އިތުރުކޮށްނުދީ މިނިވަން ކުރުމަށް ނިންމާފައެވެ.
ކްރިމިނަލް ކޯޓުގެ ނިންމުން ދައުލަތުގެ ފަރާތުން، ޕްރޮސިކިއުޓާރ ޖެނަރަލް (ޕީޖީ) ގެ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފް ކުރި ނަމަވެސް އެ ކޯޓުން މިއަދު ހުކުމް ކޮށްފައިވަނީ ރައްޒާން ދޫކޮށްލުމުގައި ކްރިމިނަލް ކޯޓުން ގޯހެއް ހަދާފައި ނެތް ކަމަށެވެ.
އެގޮތުން ފުރަތަމަ ފަހަރު އޭނާ ބަންދު ކުރުމުގެ އަމުރަކަށް އެދި ފަހުން މުއްދަތު އިތުރު ކޮށްދީފައިވަނީ އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ. އަދި ދެވަނަ ފަހަރު އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްދޭން ފުލުހުން އެދުނީ ވެސް އެ ރިޕޯޓްގެ މައްޗަށް ބިނާކޮށް ކަމަށެވެ.
އެހެން ކަމުން މުޖުތަމުގެ ސަލަމަތަށް ނުރައްކާވާ ފަދަ އަމަލެއް ރައްޒާން ކުރި ކަމުގެ އަދި ކޮށްފާނެ ކަމުގެ އެއްވެސް ހެއްކެއް ހުށަހަޅާފައި ނެތުމުން އޭނާ ބަންދުން ދޫކޮށްލުމުގައި މައްސަލައެއް ނެތް ކަމަށް ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ބުނެފައެވެ.
ޔޯގާ ޑޭގެ ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި މިހާތަނަށް 21 މީހަކު ހައްޔަރު ކުރި ނަމަވެސް އޭގެ ތެރެއިން ހަ މީހަކު ވަނީ ދޫކޮށްލާފައެވެ.