ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ މައްޗަށް ޒިނޭގެ ތުހުމަތުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް ހައްދަވަނީ ދޮގު ކަަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

މަބްރޫކް މިރޭ "ސަން"އަށް ވިދާޅުވީ ރައީސް ނަޝީދު ތުހުމަތުކުރައްވާފައިވާ ފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމުގެ ޔަގީންކަން ރައީސް ޞާލިޙު ދެއްވާ ކަމަށެވެ.

ރައީސް ނަޝީދު މިއަދު ހަވީރު އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕަށް ކުރެއްވި މެސެޖެއްގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރުގެ ފޯނުން އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެންބަރު ރޮޒައިނާ އާދަމްގެ ފިރިކަލުން، ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒްގެ ވީޑިއޯއެއް ފެނުނު ކަމަށް ބުނާ ޓްވީޓެއް ހިއްސާ ކުރެއްވުމަށް ފަހު އެއީ ތެދެއްތޯ ސުވާލު ކުރައްވާފައިވެއެވެ.

މީގެ އިތުރުން "ފޮޓޯ ހުރި އެންމެން ހިމާޔަތް ކޮށްފައި ނާޒިމް އެކަނި ހައްޔަރު ކުރީ ކީއްވެތޯ" ރައީސް ޞާލިހުގެ އަރިހުން ސުވާލުކުރަން ބޭނުންވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެއަށްފަހު، ރައީސް ނަޝީދު ވިދާޅުވީ ރައީސް ޞާލިހު އަންހެންކުއްޖަކާއެކު ޒިނޭ ކުރާ މަންޒަރު ފެންނަ ހަތަރު ފޮޓޯއެއް ލިބިފައިވާ ކަމަށާއި، އެ ފޮޓޯތައް ފުލުހުންނަށް ލިބިފައިވޭތޯ ސުވާލު ކުރައްވާފައެވެ. އަދި އެ އަންހެންކުއްޖާ އަކީ ވަރަށް ގާތް އާއިލީ ރައްޓެއްސެއްގެ ދަރިއެއްކަމަށް ބެލެވޭ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ވާހަކަތަކަށް ރައްދުދެއްވަމުން އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ ރައީސް ނަޝީދުގެ ޖަޒުބާތުތައް އެނގިލައްވާކަމަށާއި، ނަމަވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި އެފަދަ އަސާސެއްނެތް ވާހަކަތައް ނުދެއްކެވުމަށް އިލްތިމާސް ކުރައްވާފައެވެ.

ޖަވާބުގައި ނަޝީދު ވަނީ އެއީ އަސާސެއް ނެތް ތުހުމަތެއްތޯ ބައްލަވަން ބޭނުންތޯ ސުވާލު ކުރައްވާފައެވެ.

"އަޅުގަނޑަށް ނަސޭހަތް ދޭކަށް ފަޔާ އަކަށް ނުޖެހޭނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ޞާލިހުގެ ފޮޓޯތަކެއް ރައީސް ނަޝީދުގެ އަތުގައި ހުރިނަމަ އެ މައްސަލަ ފުލުސް އޮފީހަށް ހުށަހެޅުމަށް ފައްޔާޒް ވަނީ އެމަނިކުފާނު އަރިހުން އެދިވަޑައިގެންފައެވެ. ނަމަވެސް އަދިވެސް ރައީސް ނަޝީދު އެފަދަ މައްސަލައެއް ފުލުސް އޮފީހަށް ހުށަނާޅުއްވައެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރުއާ އެކު އެއްޖިންސުން ގުޅުން ހިންގި ވީޑިއޯއެއް ލީކުވީ މައްސަލައިގައި ރައީސް ނަޝީދުގެ ކޮއްކޮ އަދި، ގާނޫނީ ވަކީލު އަހްމަދު ނާޒިމް އަބްދުއްސައްތާރު އިއްޔެ ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކުރުމާ ގުޅިގެން ރައީސް ނަޝީދު ވަނީ އެއީ ސިޔާސީ މަގުސަދެއްގައި، ޖިނާއީ އިޖުރާއަތުތަކާ ހިލާފަށް ކުރި ކަމެއް ކަމަށް ވިދާޅުވެފައެވެ.