ދ. ކުޑަހުވަދޫގައި އެއާޕޯޓެއް އޮތްނަމަވެސް އެންމެ ބޭނުން ޖެހޭ އަދި އެމަޖެންސީ ވަގުތުތަކުގައި އޭގެ ބޭނުމެއް ނުހިފޭކަމަށާއި އަދި އެކަމަށް ހައްލެއްވެސް ނާންނަ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފިއެވެ.

ހާޓްއެޓޭކެއް ޖެހިގެން ކުޑަހުވަދޫ ޒުވާނަކު އިތުރުފަރުވާއަށް މާލެ ގެންނާނެ ގޮތެއް ނެތިގެން އެ ރަށު ރައްޔިތުން ރޭ ވަނީ އިހުތިޖާޖެއް ކޮށްފައެވެ.

އެކަމާ ގުޅިގެން އެ ރަށު ކައުންސިލު މެންބަރު އަބްދުﷲ ޖަމީލު "ސަން" އަށް ވިދާޅުވީ އެއީ އިއްޔެ ނުވަތަ މިއަދު ވާކަމެއް ނޫން ކަމަށެވެ. އެއާޕޯޓު އެންމެ ފުރަތަމަ ހުޅުވި ދުވަހުން ފެށިގެން މިއަދާ ހިސާބަށް އައިރުވެސް އެންމެ އެމަޖެންސީ ވަގުތުތަކުގައި ބަލި މީހާ މާލެ ގެނެވޭ ގޮތެއް ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

"މިތާ ބޮޑު އެއާޕޯޓެއް އޮވޭ. އޮޕަރޭޓުވެސް ކުރޭ. އެކަމު މަންތާގެ ފްލައިޓުތައް އޮންނަ އިރުވެސް ބަލި މީހާ އެންމެ ހާލުދެރަވާ ވަގުތުތަކުގައިވެސް އަދިވެސް މިއުޅެނީ މާލެ ގެންދެވޭނެ އިތުރު ގޮތެއް ނެތިގެން. އެންމެ ކުރިންވެސް ރައްޔިތުން ދައްކާ މިވާހަކަ. ޝަކުވާވެސް ކުރޭ. ހައެއްކަ އަހަރުވީ މިހާރު މި ވާހަކަ ދައްކާތާ. ރައްޔިތުންގެ މި ކަންބޮޑުވުންތައް ހުންނަތާ،" އޭނާ ވިދާޅުވިއެވެ.

ދ. އެއާޕޯޓު ބަންދުކުރުމަށް ގޮވާލައި ކުޑަހުވަދޫގައި ކުރި އިހުތިޖާޖުގެ ތެރެއިން ---

ޖަމީލު ވިދާޅުވީ ހާޓްއެޓޭކް ޖެހިގެން ރޭ މާލޭ ނުގެނެވިގެން އުޅުނު ޒުވާނާ މޯލްޑިވިއަންގެ ފްލައިޓެއްގައި މިއަދު ހެނދުނުގެ ވަގުތެއްގައި މާލެ ގެނެސްފައިވާކަމަށެވެ. ނަމަވެސް އެ މައްސަލަ ހައްލުނުވާކަމަށާއި ރައްޔިތުން އެކަމާ ކަންބޮޑުވާކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން ރައްޔިތުން މިކަމާ ގުޅިގެން ހުރި ކަންބޮޑުވުންތަކުގެ ވާހަކަދެއްކި ނަމަވެސް ރެޔަކީ ރައްޔިތުން އެއްކޮށް އިހުތިޖާޖަށް ނިކުން ފުރަތަމަ ފަހަރުކަމަށް އޭނާ ވިދާޅުވިއެވެ.

މީހުން ބަލިވުމުންނާއި އިމަޖެންސީ ވަގުތުތަކުގައި އެއާޕޯޓުގެ ބޭނުން ނުހިފޭކަމުގައިވާނަމަ އެއާޕޯޓެއް އޮތުމުގެ ބޭނުމެއް ނެތްކަމަށް ޖަމީލު ވިދާޅުވިއެވެ. އަދި ކުޑަހުވަދޫގެ އެއާޕޯޓު އޮޕަރޭޓު ކުރާނަމަ ފުރިހަމައަށް ބަލިމީހުން ގެންދިޔުމުގެ ކަންކަން ހަމަޖެހޭނެކަމަށް ސަރުކާރުން ވެސް ބުނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ހައެއްކަ އަހަރު ވީއިރުވެސް އެކަމަށް ހައްލެއް ނާންނަަކަމަށާއި އެތައް ގޮތަކުން އެކަމުގެ ވާހަކަދައްކައި މިހާރު ވާނީ ރައީސް އޮފީހާވެސް ސިޓީ ފޮނުވާފައިކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީއަށްވެސް ސިޓީ ފޮނުވާފައިވާނެ ކަމަށާއި ސަރުކާރުގެ އިސްވެރިންނާއި މިނިސްޓަރުންނާއި ބައްދަލުވާ ކޮންމެ ފަހަރަކު އެ ވާހަކަ ދައްކާކަމަށް ޖަމީލު ވިދާޅުވިއެވެ.

މިހާ ދުވަަސް ވާއިރުވެސް އެފަދަ ބޮޑު މައްސަލައަކަށް ހައްލެއް ނައިސް އޮތުމުން ރައްޔިތުންނަށް މަޑުން ތިބުން ވާނީ އުނދަގޫ ކަމަކަށް ކަމަށާއި ރޭގެ އިހުތިޖާޖަކީވެސް އޭގެ ސަބަބެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.