06 Aug 2022, 12:37
ސޯޝަލް މީޑިއާގައި އާންމުކުރަމުން އަންނަ އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކުގައި ހިމެނޭ މީހުންގެ ތެރޭގައި ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ސައްލެ) ނުހިމެނޭކަން ފުލުހުން ކަށަވަރުކޮށްދީފިއެވެ.
އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއްގައި ސައްލެ ހިމެނޭ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާތީ އެ ދުވަހު އޭނާ ވަނީ އެކަން ތަހުގީގުކޮށްދިނުމަށް އެދި ފުލުހުންގެ އިދާރާގައި ސިޓީއަކުން އެދިފައެވެ.
އެ ސީޓީގެ ޖަވާބުގައި ފުލުހުން ބުނީ އެ ވީޑިއޯތަކުގައި ފެންނަ މީހުންގެ ތެރޭގައި ސައްލެ ނުހިމެނޭ ކަން އެ އިދާރާގެ ތަހުގީގުން ކަށަވަރުވެފައިވާކަމަށެވެ.
އެކަމާ ގުޅިގެން ސައްލެ މިއަދު "ސަން"އަށް ވިދާޅުވީ ފުލުހުން ޖަވާބުދިނީ އެ މައްސަލަ ހުށަހެޅިތާ އެތަކެއް ދުވަސް ފަހުން ރޭގެ ވަގުތެއްގައި ކަމަށެވެ.
"ވަރަށް ބޭސްލެސް ތުހުމަތެއް ކޮށްފަ އޮތީމަ ކަމާބެހޭ އޮތޯރިޓީއަކުން ބަލާފަ އެއްޗެކޭ ބުނުން އެންމެ ރަނގަޅުވާނީ. އަޅުގަނޑު އެ މައްސަލަ ބަލައިދިނުމަށް އެދި ފުލުހުންނަށް ހުށަހެޅި ސިޓީގެ ޖަވާބު ލިބުނީ ރޭގަ. އެހާ ދުވަސް ކޮށްފަ. ފުލުހުން ފޮނުވި ސިޓީގައި އޮތީ އެ ނޫހުގައި އެވާހަކަ ޖަހާފަ އެއޮތީ އެއްވެސް ކަހަލަ އަސާސެއް ނެތިކަމަށް. އަދި އެކަމުގައި އަޅުގަނޑު ނުވާކަން ވެސް ފުލުހުންގެ ޚިދުމަތުން އެވަނީ ކަށަވަރުކޮށްދީފަ،" އޭނާ ވިދާޅުވިއެވެ.
އެ ވީޑިއޯގައި އެއްޖިންސުން ގުޅުން ހިންގަނީ ސައްލެގެ ބެލުމުގެ ދަށުން ހިންގާ ރާއްޖެ ޓީވީ ހިމެނޭ އިމާރާތުގައި ނޫން ކަން ވެސް ތަހުގީގަށް ވަނީ ކަށަވަރުވެފައެވެ.
މިދިޔަ މަހުގެ 25 ވަނަ ދުވަހު ލިޔެފައިވާ ލިޔުމެއްގައި ސައްލެއާ ގުޅުވާ ގަސްދުގައި ދޮގު މަޢުލޫމާތު ފަތުރާ ގެއްލުން ދިނުމުގެ މަގްސަދުގައި ލިޔުން ޝާޢިއު ކޮށްފައިވާތީ، އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 10 މިލިއަންއަށްވުރެ ގިނަ ރުފިޔާ ހޯދުމަށް ދައުވާކޮށް ސިވިލް ކޯޓަށް އޭނާ ވަނީ މައްސަލައެއް ވެސް ހުށަހަޅާފައެވެ.
އެކަމާ ގުޅިގެން މިއަދު ސައްލެ ވިދާޅުވީ މިހާރު އެ މައްސަލަ ސިވިލް ކޯޓުން ބަލައިގެންފައިވާކަމަށެވެ.
ސިވިލް ކޯޓަށް ސައްލެ ހުށަހަޅާފައިވާ އެ މައްސަލާގައި ވަނީ ދިޔަރެސް ނޫހުގައި އޭނާއާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފަތުރައި އެލިޔުން ޝާއިޢުކޮށްފައިވަނީ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމެއްގައި ޙަޤީޤަތް އޮޅުވާލާއިގެން ކަނޑައެޅިގެން ގެއްލުންދިނުމުގެ މަޤުޞަދުގައިކަމަށެވެ.
ސައްލެ ހުށަހަޅާފައިވާ އެ މައްސަލާގައި ދަޢުވާކޮށްފައިވަނީ ޚަބަރު ޝާޢިއުކުރި އޮންލައިން ނޫހުގެ މަސްއޫލުވެރި ފަރާތުގެ ޙައިޞިއްޔަތުން ދިޔަރެސް މީޑިއާގެ މައްޗަށާއި ދިޔަރެސް ނޫހުގެ އެޑިޓަރުގެ ޙައިޞިއްޔަތުން ސ. ހިތަދޫ، ސަންސެޓްވިލާ، ހީނާ ވަލީދުގެ މައްޗަށެވެ.
މީގެ އިތުރުން ދިޔަރެސް ނޫހުގައި ޝާއިއުކުރި ދޮގު ލިޔުމާ ގުޅުވައިގެން ސޯޝަލް މީޑިއާގައި އަދި އެނޫންވެސް ގޮތްގޮތުން ސަައްލެއާ ގުޅުވައިގެން ދެއްކި ދޮގުވާހަކަތަކަކީ ހަގީގަތެއް ކަމަށް ދައްކަން ލިޔުންތަކާއި ޕޯސްޓްތައް ކުރި ވަކިވަކި ފަރާތްތަކާމެދު ވަކި ވަކިން ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ސައްލެގެ ވަކީލުންގެ ޓީމުން ގެންދަނީ ކުރަމުން ކަމަށް ވަކީލުން ވިދާޅުވިއެވެ.