09 Aug 2022, 22:30
ގދ. ތިނަދޫން މީހުން ބޭލުވި ހާދިސާއާ ގުޅިގެން މާލޭގައި ބާއްވާ އަޑުއެހުންތަކުގައި ކުރިން އަމަލު ކުރަމުން އައި އުސޫލަށް ބަދަލު ގެނެސް، އާއްމުން މައުލޫމާތު ދިނުމަށް އޮތް ފުރުސަތު ފުޅާ ކޮށްފިއެވެ.
ދެކުނުގައި ހިންގި ބަޣާވާތާ ގުޅިގެން އިބްރާހީމް ނާސިރުގެ ބޮޑުވަޒީރު ކަމުގައި ތިނަދޫން މީހުން ބޭލީ 1962 ވަނަ އަހަރުގައެވެ. އެ ހާދިސާގައި އަނިޔާވެރި، ލާއިންސާނީ އެތައް ޖަރީމާތަކެއް ހިންގި ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
އިންތިގާލީ އިންސާފު އޮފީހުގެ ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފް، "ސަން"އަށް މިރޭ ވިދާޅުވީ ތިނަދޫން މީހުން ބޭލި ހާދިސާއަށް އެކަނި އަމާޒު ކޮށްގެން އެ މައްސައިގެ ހަގީގަތާ ހަމައަށް ވާސިލު ނުވެވޭނެ ކަމަށާއި އެހެންކަމުން އަޑުއެހުންތައް ކުރިއަށް ގެންދެވޭ ގޮތް އިތުރަށް ބަލައި މަޝްވަރާ ކުރުމަށްފަހު އެ ފުރުސަތު ފުޅާ ކުރުމަށް ނިންމީ ކަމަށެވެ.
އޭނާ ވިދާޅުވީ ބަޔާން ދިނުމުގެ ފުރުސަތު ހަނިކޮށްފި ނަމަ، އެކަމުގެ އަސްލަށް ވާސިލުވުމަށް ކުރަމުން އަންނަ މަސައްކަތުގައި އުނދަގޫތަކެއް ހުރެދާނެ ކަމަށާއި އެހެންކަމުން އެ ފުރުސަތު ފުޅާ ކޮށްފިނަމަ ބަޔާން ދޭ މީހުން އިތުރުވެ، ތަހުގީގަށް ފަސޭހަވާނެ ކަމަށެވެ.
"ހަމައެކަނި ތިނަދޫން މީހުން ބޭލި ހާދިސާއާ ބެލުމުގެ ބަދަލުގައި އެމީހުން ގަބޫލު ކުރަނީ އެ ހާދިސާ ދިވާންޖެހޭ އެހެން ކަންކަން ވެސް އެބަހުއްޓޭ. ފުރަތަމަ ޕަބްލިކް ހިއަރިންތަކުގައި ދިން ބަޔާން ތަކުން ވެސް އެގޮތަށް އެބަ އާދޭ. ހަމައެކަނި އެގޮތަށް އޮތީމަ ބަޔާން ދޭން ބައެއް ބޭފުޅުން އިއުތިރާޒު ވެސް އެބަކުރޭ. އެހެންވީމަ އެކަން އެންމެ ފުޅާކޮށް ސެންސިބަލް ގޮތަކަށް ގެންދަން މަޝްވަރާ ކުރެވި، އިސްލާހު ކުރެވިފައި މިވަނީ،" އަބްދުއްސަލާމް ވިދާޅުވިއެވެ.
ތިނަދޫން މީހުން ބޭލި މައްސަލަ، އިންތިގާލީ އިންސާފުގެ އޮމްބަޑްސް ޕާސަންގެ އޮފީހަށް ހުށަހެޅީ އެ ރަށުގެ ކައުންސިލުންނެވެ. އެ ހުށަހެޅުމުގައި މައިގަނޑު ހަތަރު ކަމަކަށް އެދިފައިވެއެވެ. އޭގެ ތެރޭގައި، މާލޭގައި ހުންނަ ވެލާނާގޭގެ ނަން "ގދ. ތެނަދޫ" ވެލާނާގެއަށް ބަދަލުކުރުމަށް އެދިފައި ވެއެވެ.
މީގެ އިތުރުން އެ ކަމަށް ދިވެހި ދައުލަތުގެ ފަރާތުން، ތިނަދޫ ރައްޔިތުންގެ ކިބައިން މާފަށް އެދުމަށާއި، ނިގުޅައިގަނެފައިވާ ހައްގުތައް ހޯދައި ދިނުމަށާއި، އެކަމުގައި ބައިވެރިވި މީހުންގެ މުދަލާއި ބިންތަކުން ލިބޭ 50 އިންސައްތަ ފައިދާ ތިނަދޫ ރައްޔިތުންނަށް ދާއިމަށް ލިބޭނެ ގޮތް ހެދުމަށް ވެސް އެ ހުށަހެޅުމުގައި އެދިފައިވެއެވެ.