13 Aug 2022, 14:04
ހުޅުމާލޭގައި އޯވާވޯޓާ ރެސްޓޯރަންޓެއް ހަދައި ހިންގުމަށް އެކުއިޒިޝަން ކޯސްޓުގެ ގޮތުގައި 2.3 މިލިއަން ރުފިޔާ ހުށަހަޅައިފިއެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅޭ ކޯރު ކައިރިން، އިރުމަތީގައި އޯވާވޯޓާ ރެސްޓޯރަންޓެއް ހަދާނެ ބަޔަކު ހޯދުމަށް އެޗްޑީސީން އިއުލާންކުރީ ޖޫން މަހުގެ 19ގައެވެ.
އެޗްޑީސީން ބުނީ އެކަމަށް އެދުމަށް ހުޅުވާލި ފުރުސަތުގައި ހަތަރު ފަރާތަކުން ކުރިމަތިލާފައިވާ ކަމަށެވެ.
ނަމަވެސް ފުރިހަމަކުރަން ޖެހޭ މައުލޫމާތުތަކެއް ފުރިހަމަ ނުވުމުން އޭގެ ތެރެއިން އެކެއްގެ ޕްރޮޕޯސަލް ރިޖެކްޓް ކޮށްލައިފައިވާ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.
ބާކީ ތިބި ތިން ފަރާތުގެ ތެރެއިން އެ ރެސްޓޯރެންޓް ހެދުމަށް އެޑްވާންސްގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ހުށަހެޅީ ވިޔަފާރިވެރިޔާ އާމިރު މަންސޫރުގެ "އާމިރު މަންސޫރު އިންވެސްޓްމަންޓް"ގެ ފަރާތުންނެވެ.
އާމިރުގެ ޕްރޮޕޯސަލްގައި ހިމެނެނީ ފުރަތަމަ އަހަރު އަކަފޫޓަކަށް 26 ރުފިޔާ އާއި ދެވަނަ އަހަރު 27 ރުފިޔާ ދައްކާ ގޮތަށެވެ. ތިން ވަނަ އަހަރު 28 ރުފިޔާ އާއި ހަތަރު ވަނަ އަހަރު އަކަފޫޓަކަށް 28.50 ރުފިޔާ ދައްކާ ގޮތަށެވެ. އަދި ފަސް ވަނަ އަހަރު އަކަފޫޓަކަށް 29.50 ރުފިޔާ ދައްކާ ގޮތަށެވެ.
އެ ރެސްޓޯރެންޓް ހަދަން ހަވާލުކުރާނީ އެންމެ ބޮޑު ކުއްޔާއި އެކުއިޒިޝަން ކޯސްޓު ހުށަހަޅާ ބަޔަކަށް ކަމަށް އެޗްޑީސީން މީގެ ކުރިން ވަނީ ބުނެފައެވެ. އެ ބިޑުގައި ބައިވެރިވެވޭނީ ބިޑް ސެކިއުރިޓީގެ ގޮތުގައި ފަސް ލައްކަ ރުފިޔާ އަދި އެކިއުޒިޝަން ކޯސްޓްގެ ގޮތުގައި އެންމެ މަދުވެގެން 180،000ރުފިޔާ ހުށަހަޅާ ބަޔަކަށެވެ.
އޯވާވޯޓާ ރެސްޓޯރަންޓް ހެދުމަށް 10،519 އަކަފޫޓުގެ ސަރަހައްދެއް ކުއްޔަށް ދިނުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ.