20 Aug 2022, 22:46
ސައްބީސް އަހަރަށްފަހު ހއ. އުލިގަންގައި މިއަދު އާ އިންޖީނުގެއެއް ހުޅުވައިފިއެވެ.
އުލިގަމުގެ މެދުގައި ހުރި ބާ އިންޖީނުގެ މީހުން ދިރިނޫޅޭ ސަރަހައްދަކަށް ބަދަލުކޮށް، އިތުރަށް ތަރައްގީ ކުރުމަށްފަހު މިއަދު ވަނީ ހުޅުވާފައެވެ.
އެރަށުގައި މިއަދު ހުޅުވި ފެނަކަ އޮފީހާއި އިންޖީނުގެއާ ބެހޭގޮތުން "ސަން"އާ ވާހަކަ ދައްކަވަމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ ފާއިތުވީ 26 އަހަރު އެ އިންޖީނުގެ ހުރީ ރަށުގެ މެދުތެރޭގައި ދުން ހޮޅި ބަދިގެއެއްއްގެ ގޮތަށް ކަމަށެވެ.
"އިންޖީނުގޭގެ އަޑުފައްގަނޑު ގަދަވެގެން މިސްކިތުން ގޮވާ ބަންގީގެ އަޑުވެސް ނީވޭ ހިސާބުގައި އޮތީ. އެތަނުން އަރާ ދުމުގެ ސަބަބުން މުޅި ސަރަހައްދު އޮންނަނީ ކަޅު ވިލާ ތަކަކަށް ބަދަލުވެފައި. އެހެންވީމަ މިދިޔަ 26 އަހަރު ވަންދެން އެރަށު ރައްޔިތުން އުޅެމުން އައި އުނދަގުލަށް ލިބުނު ވަރަށް ބޮޑު ތަސައްލީއެއް ކަމަށް އަޅުގަނޑު ސިފަ ކުރަނީ،" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ކުރީގެ އިންޖީނު ހުންނަނީ ވަރަށް ދަތި ގޮތަކަށް ކަމަށެވެ. އެހެންވެގެން މުވައްޒަފުން މަސައްކަތް ކުރަމުން އައީ ވަރަށް ނުތަވަސް މާހައުލެއްގައި ކަމަށް ވިދާޅުވިއެވެ.
ރަށުގެ މުޅި ނެޓްވޯޓް އެޗްވީ، ނެޓްވޯކަށް ބަދަލު ކުރެވިއްޖެކަން ފާހަގަ ކުރައްވަމުން ސައީދު ވިދާޅުވީ ނަޖީތާއަކީ މިއަދު ހުޅުވި އިންޖީނުގެއަށް އިތުރު ބަދަލެއް ނުގެނެސް ކުރިއަށް އޮތް 40 އަހަރު ބޭނުން ކުރެވޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ މި ސަރުކާރު އައިފަހުން ފެނަކައިން އެންމެ ފުރަތަމަ ކުރި އެއް މަސައްކަތަކީ އެގޮތަށް ހުރި އިންޖީނުގެތައް އާއްމުން ނޫޅޭ ސަރަހައްދު ތަކަށް ބަދަލުކޮށް، ރަށުގެ ރައްޔިތުންނަށް އެކަށީގެންވާ ރަނގަޅު ކަރަންޓް ނެޓްވޯކަށް ބަދަލުކޮށްދިނުން ކަމަށެވެ.
މުޅި ރާއްޖޭގައި އެގޮތަށް ބަދަލު ކުރަންޖެހޭ 67 އިންޖީނުގެ އެބަހުރިކަން ސައީދު ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ އެއީ އެންމެ ނުބައި ލެވެލްގައި ނިކަމެތިކޮށް ހުރި ތަންތަން ކަމަށެވެ.
"އިރާދަ ކުރެއްވީތީ އެ 67 އިންޖީނުގެ ވެސް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފައި. ރައީސްގެ ވައުދު ވަނީ ރަނުން ރަނަށް ފުދިފައި. ބައެއް ތަންތަނުގައި ކުދިކުދި މަސައްކަތްތައް ކުރެވުނީމަ ރިލޮކޭޝަން އެއްކޮށް ހަދާލެވޭ ވަރުގައި ހުރިހާ ތަނެއް އެ ހުރީ. ހަމަ އެއްކޮށް ނިމިފައި އެ ހުރީ. އެއީ ފޭސް ވަން،" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ މިހާތަނަށް 80 ވަރަކަށް އިންޖީނުގެ އެހެން ސަރަހައްދު ތަކަށް ބަދަލު ކުރެވިއްޖެ ކަމަށާއި އަމާޒަކީ މިއަހަރު ނިމެންވާއިރަށް އެ ޕްރޮޖެކްޓްގެ 90 ޕަސެންޓް ނިންމުން ކަމަށެވެ. އަދި އަންނަ އަހަރުގެ މާޗް މަހާ ހަމައަށް އެ ހުރިހާ ތަނެއް ބަދަލު ކުރުމުގެ މަސައްކަތް ވެސް ނިންމުމަށް މަސައްކަތް ކުރައްވާނެ ކަމަށް ސައީދު ވިދާޅުވިއެވެ.
އުލިގަމުގައި ކުރިން ހުރި އިންޖީނުގެއާއި އޮފީހުގެ ބޮޑު މިނުގައި ހުންނަނީ 70 ސްކްއާ މީޓަރެވެ. މިއަދު ހުޅުވި އިންޖީނުގޭގެ ބޮޑު މިނުގައި 304.58 ސްކްއާ މީޓަރު ހުރިއިރު، އޮފީސް އިމާރާތުގައި 158.26 ސްކްއާ މީޓަރު ހުރެއެވެ.
އުލިގަމުގައި މިއަދު ހުޅުވި އާ އިންޖީނުގޭގައި ހަތަރު މުވައްޒަފުން އެކޮމަޑޭޓް ކުރެވޭއިރު، އޮފީސް އިމާރާތުގައި އެއްފަހަރާ 25 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެއެވެ.
އެ އިންޖީނުގޭގެ އޮފީސް އިމާރާތުގައި ހިމެނޭ ބައިތަކުގެ ތެރޭގައި މީޓިން ރޫމް، މެނޭޖާ ރޫމް، ރިސެޕްޝަން، ލޮބީ، ޖެނެރަލް އޮފީސް، ސްޓޯ ރޫމް، ޕޭންޓްރީ، އަދި ހަތަރު ފާހާނާއެވެ. އަދި އިންޖީނުގޭގައި ޑެގް ރޫމް، ކޮންޓްރޯލް ރޫމް، ވޯކް ޝޮޕް، ސްޓޯރ، ޕޭންޓްރީ، ފާޚާނާ، ޗިމްނީ، ޑޭ ޓޭންކް، އަދި ޑީސަން ޓޭންކް ހިމެނެއެވެ.