22 Aug 2022, 09:32
ފްރެންޗް ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީން ލޮސްކް ބަލިކޮށް، ފަސޭހަ މޮޅެއް ހޯދައިފިއެވެ.
ލޮސްކްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗު ޕީއެސްޖީއިން ކާމިޔާބުކުރީ 7-1ގެ ނަތީޖާއަކުންނެވެ.
މިރޭގެ މެޗު ފަށައިގެން އެންމެ ފުރަތަމަ ސިކުންތުން ފެށިގެން ވެސް ޕީއެސްޖީން މަސައްކަތް ކުރަމުންދިޔައީ ގޯލެއް ޖެހުމަށެވެ.
އެގޮތުން މެޗު ފަށައިގެން އަށް ވަނަ ސިކުންތުގައި ކީލިއަން އެމްބައްޕޭ ޕީއެސްޖީއަށް ވަނީ ލީޑު ނަގައިދީފައެވެ. އެ ގޯލަކީ ލިއޮނަލް މެސީގެ އެހީތެރިކަމާއެކު އޭނާ ޖެހި ގޯލެކެވެ.
މީގެއިތުރުން މެޗުގެ 27 ވަނަ މިނެޓުގައި ނޫނޯ މެންޑޭސް ތިރިތިރިން ނަގައިދިން ހުރަހެއްގެ ބޭނުންހިފައި މެސީ ވަނީ އެ ޓީމަށް ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.
މެޗުގެ 39 ވަނަ މިނެޓުގައި އަޝްރަފް ހަކީމީ ވަނީ ގޯލެއް ޖަހައިފައެވެ. އެ ގޯލަކީ ނޭމާ ޖޫނިއާގެ އެހީތެރިކަމާއެކު އޭނާ ޖަހައިފައިވާ ގޯލެެކެވެ. އަދި 43 ވަނަ މިނެޓުގައި ނޭމާ ވަނީ ގޯލެއް ޖަހައިފައެވެ.
ދެވަނަ ހާފު ފަށައިގެން 52 ވަނަ މިނެޓުގައި ހަކީމީގެ އެހީތެރިކަމާއެކު ނޭމާ ވަނީ އެ ޓީމުގެ ފަސްވަނަ ގޯލުޖަހައިފައެވެ. ނަމަވެސް އޭގެ ދެ މިނެޓުފަހުން ލޮސްކުގެ ޖޮނަތަން ބަމްބާ ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.
މެޗުގެ 66 ވަނަ މިނެޓުގައި ނޭމާ ތަނަވަސްކޮށްދިން ފުރުސަތެއްގެ ބޭނުން ހިފައިގެން އެމްބައްޕޭ ވަނީ އެ ޓީމުގެ ހަވަނަ ގޯލުޖަހައިދީފައެވެ. އަދި މެޗު ނިމުމުގެ ކުރިން، މެޗުގެ 87 ވަނަ މިނެޓުގައި އެމްބައްޕޭ ގޯލެއްޖަހައި އޭނާ ވަނީ މެޗުގައި ހެޓްރިކެއް ފުރިހަމަ ކޮށްފައެވެ.
އެ ނަތީޖާއާއެކު ކުޅުނު ތިން މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ޕީއެސްޖީ އޮތީ ތާވަލުގެ އެއްވަނައިގައެވެ. އަދި މެޗުން ބަލިވި ލޮސްކު ތާވަލުގެ 10 ވަނައިގައި އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކުގައެވެ.