23 Aug 2022, 18:34
މާފުށީޖަލުގައި ހިންގި ފުރަތަމަ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރި ގައިދީން އަލުން އަނބުރާ ޖަލަށް ގެނެވޭނެ މީހަކަށް ނުވުމުގެ އަޒުމް ކަނޑައެޅުމަށް ނައިބު ރައީސް ފައިސަލް ނަސީމް އެދިވަޑައިގެންފިއެވެ.
މާފުށީ ޖަލުގައި ގައިދީންނަށް ހިންގި ފުރަތަމަ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމާއި އެޕްރޮގްރާމްގެ ތެރެއިން ކުރިއަށް ގެންދިޔަ ސެޓްފިކެޓް 1 އިން ހައުސްވަޔަރިން އެންޑް އިލެކްޓްރިޝަން ކޯސް ފުރިހަމަކުރި ގައިދީންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ނައިބު ރައީސް ވަނީ ފުރަތަމަ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރި ގައިދީނަށް މަރުހަބާ ވިދާޅުވެ ހިތްވަރު ދެއްވާފައެވެ. އަދި މިއަދު ސެޓްފިކެޓް ލިބުނު މީހުން އަލުން އަނބުރާ ޖަލަށް ގެނެވޭނެ މީހަކަށް ނުވުމުގެ އަޒުމް ކަނޑައެޅުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.
ނައިބު ރައީސް ވިދާޅުވީ، ގައިދީންނާ މެދު ދެކެން ޖެހޭނީ އަދި ބަލަންޖެހޭނީ އިޙްތިރާމާއި އިޙްސާންތެރިކަމާ އެކު މަސައްކަތްކޮށް އަނބުރާ މުޖުތަމަޢަށް ނެރެވޭނެ މީހެއްގެ ގޮތުގައި ކަމަށެވެ.
އެއްވެސް މީހަކާ މެދު ތަފާތުކުރުމެއް ގެންގުޅެ، ވަކިގޮތަކަށް ކަންތައްތައް ކުރުން އެއީ، އެއްވެސް ހާލެއްގައި މި މުޖުތަމަޢުގެ ތެރޭގައި ކަން ކޮށްގެންވާނެ ގޮތް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މުހިއްމުކަން ކުޑަ ހަމަ އެކަކުވެސް ނެތްކަމަށާއި އެހެންވީމާ އެންމެންގެ އަމާޒަކަށްވެސް ވާންޖެހޭނީ، ޖަލުގައި ތިބި ގައިދީންނާއި ދޭތެރޭގައި އިޙްތިރާމާއި އިޙްސާންތެރިކަމާ އެކު އަމަލު ކުރެވި އެ މީހުންނަށް އަނބުރާ މުޖުތަމަޢަށް އައުމުގެ ފުރުސަތު ހޯދައިދީ އާއިލާތަކާ އެކު ދިރިއުޅެން މަގު ތަނަވަސްކޮށްދިނުމަށްޓަކައި ރަނގަޅު މަސައްކަތްތަކެއް ކޮށްދިނުން ކަމަށް ވެސް ވިދާޅުވިއެވެ.
ނައިބުގެ ރައީސްގެ ވާހަކަފުޅުގައި ވަނީ މިޕްރޮގްރާމްގެ ކާމިޔާބީ ފާހަގަކޮށް، މަސްތުވާތަކެތީގެ ވަބާއިން ދިވެހި ޒުވާނުން ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި އެކަމުގެ މައްޗަށް ވެސް އަލި އަޅުއްވާލައްވާފައެވެ.
މާފުށީ ޖަލުގައި ކުރިއަށް ގެންދިޔަ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމްއަކީ، މަސްތުގެ ވަބާގައި ޖެހިފައިވާ ގައިދީން ރިހެބިލިޓޭޓްކޮށް، ބޭނުންތެރި ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމަޢަށް ގެނައުމަށް އެ މީހުން ޑިޓޮކްސްކޮށް ޑްރަގް ޓްރީޓްމަންޓު ދިނުމާއި، ދިރިއުޅުމުގެ ހުނަރުތަކާއި ވަޒީފާ އަދާކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ހަތަރު މަރުހަލާއަކަށް ކުރިއަށް ގެންދާ މިޕްރޮގްރާމް ފަށާފައި ވަނީ މިއަހަރުގެ ފެބުރުއަރީ މަހުގައެވެ. ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމާއި، ސެޓްފިކެޓް 1 އިން ހައުސްވަޔަރިން އެންޑް އިލެކްޓްރިޝަން ކޯސް ފުރިހަމަކުރި 32 ގައިދީނަށް މިއަދު ވަނީ ސެޓްފިކެޓް ދީފައެވެ. އެ މީހުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ނައިބު ރައީސެވެ.
މިރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އާއި ހެލްތު މިނިސްޓަރު އަޙުމަދު ނަސީމާއި، ކޮމިޝަނާ އޮފް ޕްރިޒަންސް އަޙުމަދު މުޙައްމަދުފުޅު ބައިވެރިވެވަޑައިގެންނެވިއެވެ.