މާލޭގެ ފިހާރައެއް ތެރޭގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލޭގެ ފިހާރައެއްގެ ތެރޭގައި އުމުރުން 10 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް އިއްޔެ ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލައާ ގުޅިގެން 24 އަހަރުގެ ބިދޭސީ ފިރިހެނަކު، ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ގިނަ އަދަދެއްގެ ބިދޭސީން ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުން އަންނައިރު، ކުޑަކުދިންނާއެކު، ބަދުއަހުލާގީ ޢަމަލު ހިންގުމާއި ވައްކަމާއި ފޭރުމާއި އަދި މަސްތުވާތަކެތީގެ މައްސަލަތަކުގައި ޝާމިލުވާ ބިދޭސީންގެ އަދަދު މި ވަނީ ކަންބޮޑުވާ މިންވަރަށް ގިނަވާން ފަށާފައެވެ.

ފުލުހުން ވަނީ ލޯނަރު ވަގަށް ނެގުމާއި، މަސައްކަތްކުރާ ސައިޓްތަކުގައި ހުންނަ އިލެކްޓްރިކް ސާމާނު ފަދަ ތަކެއްޗާއި އެހެން ވެސް ތަކެތި ވަގަށް ނަގައި އެތަކެތީގެ ވިޔަފާރި ހިންގުމާއި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރުން ފަދަ ތަފާތު އެކި ކުށްތަކުގައި ބިދޭސީން ބައިވެރިވާ މިންވަރު އިތުރުވަމުން އަންނަ ކަން ފާހަގަ ކޮށްފައެވެ.