މާލޭ ފަޅުތެރޭގައި ދެ ލޯންޗް ޖެހި އެކްސިޑެންޓު ވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް 'ސަން'އަށް ވިދާޅުވީ އިއްޒުއްދީން ފާލަން ކައިރީ ދެ ލޯންޗު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓު މިއަދު އިރުއޮއްސި 06:41 ހާއިރު ފުލުހުންނަށް ލިބުނު ކަމަށެވެ.

އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާ ކަމަށާއި އެކަމާ ގުޅިިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ދެ ލޯންޗު ޖެހި އެކްސިޑެންޓެއް ހިނގާފައިވާއިރު މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެކެވެ.

އެގޮތުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މިއަދު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައެވެ.

މެޓް އޮފީހުން ވަނީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮޮށްފައެވެ.

ރާއްޖެއަށް މިހާރު މޫސުން ގޯސްވެފައި ވަނީ ކުޑަ ދުވަސްކޮޅަކު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ރީތިކޮށް އޮތުމަށް ފަހުގައެވެ. މި ދޭތެރެއިން ވެސް މުޅި ރާއްޖެއަށް ވަނީ ވަރަށް ބޮޑަށް ވިއްސާރަކޮށްފައެވެ.