އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ސައުންތުއެމްޓަން ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.

ސައުންތުއެމްޓަންގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗުގައި ދެ ޓީމަށް ވެސް ވަނީ ގޯލު ޖަހާނެ ފުރުސަތުތައް ލިބިފައެވެ.

އެގޮތުން މެޗުގެ 30 ވަނަ މިނެޓުގައި ސައުންތުއެމްޓަންގެ އެޑަމްސްއަށް ލިބިފައެވެ. އެ ޓީމުގެ އާމްސްޓްރޯންގް ނަގައިދިން ހުރަސް ޕެންލްޓީއޭރިއާ ތެރޭގައި ހުރެ އޭނާ އަށް ފޮނުވާލެވުނީ ގޯލުމަތިން ބޭރަށެވެ.

މީގެއިތުރުން މެޗުގެ 38 ވަނަ މިނެޓުގައި ވެސް އެޑަމްސްއަށް ވަނީ ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ލިބިފައެވެ. ސައުތުއެމްޓަންގެ މުހައްމަދު އެލްޔޫނުސި ތަނަވަސްކޮށްދިން ހުސް ފުރުސަތު އޭނާއަށް ރަނގަޅަށް ފޮނުވާލެވޭގޮތެއް ނުވިއެވެ.

ޔުނައިޓެޑު އަދި ސައުތުއެމްޓަން ބައްދަލުކުރި މެޗުގެ ތެރެއިން ---

ދެވަނަ ހާފު ފަށައިގެން މެޗުގެ 55 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ގޯލެއްޖަހައި ލީޑުނަގައިފައެވެ. އެ ގޯލަކީ ޑިއޭގޯ ޑެލޮޓް ހުރަސްކޮށްދިން ބޯޅައެއް ގޯލަށް ފޮވާލައިގެން ބުރުނޯ ފަނާންޑޭޒް ޖަހައިފައިވާ ގޯލެކެވެ.

އެ ނަތީޖާއާއެކު ކުޅުނު ހަތަރު މެޗުން ލިބުނު ހަ ޕޮއިންޓާއެކު ޔުނައިޓެޑު އޮތީ ތާވަލުގެ އަށްވަނައިގައެވެ. އަދި މެޗުން ބަލިވި ސައުންތުއެމްޓަން ކުޅުނު ހަތަރު މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު އޮތީ ތާވަލުގެ 15 ވަނައިގައެވެ.