އިނގިރޭސި ޕްރިމިއާ ލީގުގައި ފުލަމް ބަލިކޮށް އާސެނަލްއިން އެ ޓީމުގެ ސައްތައިން ސައްތަ ރެކޯޑު ދަމަހައްޓައިފިއެވެ.

އާސެނަލްގެ އަމިއްލަ ދަނޑު ކަމަށްވާ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު އެ މެޗު އާސެނަލް ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގައި އާސެނަލްގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނުނުއިރު މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ ވެސް އެ ޓީމުންނެވެ.

މެޗުގެ ފުރަތަމަ ގޯލުޖަހައި ލީޑު ނެގީ ފުލަމްއިންނެވެ. އެ ޓީމަށް އެ ގޯލު ޖަހައިދިނީ އަލެކްސަންޑާ މިޓްރޮވިޗްއެވެ. އެ ގޯލަކީ އާސެނަލްގެ ޑިފެންސް ލައިނުން ގަބްރިއެލް މަގާޅައެސްއަށް ހެދުނު ގޯހެއްގެ ފައިދާނަގައިގެން އޭނާ ޖެހި ގޯލެކެވެ.

ނަމަވެސް މެޗުގެ 64 ވަނަ މިނެޓުގައި އާސެނަލްގެ މާޓިން އޮޑެގާޑް ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އެ ގޯލަކީ ބަކަޔަކޯ ސަކާގެ އެހީތެރިކަމާއެކު އޭނާ ޖެހި ގޯލެކެވެ.

މީގެއިތުރުން މެޗު ނިމެން ކުޑަތަން ވެފައިވަނިކޮށް ގަބްރިއެލް މަގާޅައެސް ވަނީ ގޯލެއްޖަހައި އާސެނަލް މޮޅުކޮށްދީފައެވެ. އެއީ މެޗުގެ 85 ވަނަ މިނެޓުގައި އާސެނަލްގެ ވިލިއަމް ސަލީބާ ގައިގައި ޖެހިފައި އައި ބޯޅަ ގޯލަށް ފޮނުވާލައިގެން އޭނާ ޖެހި ގޯލެކެވެ.

އެ ނަތީޖާއާކު އާސެނަލް މޮޅުވުމުން އެ ޓީމު ވަނީ 2004/2005ގެ ސީޒަނަށް ފަހު ފުރަތަަމަ ހަތަރު މެޗުން މޮޅުވެފައެވެ. އަދި އެ މޮޅާއެކު އާސެނަލްއަށް ތާވަލަގެ އެއްވަނަ ލިބެނީ ކުޅުނު ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާއެކުގައެވެ. އަދި މެޗުން ބަލިވި ފުލަމް ތާވަލުގެ 11 ވަނައިގައި އޮތީ ހަތަރު މެޗު ކުޅެ ލިބުނު ފަސް ޕޮއިންޓާއެކުގައެވެ.