28 Aug 2022, 19:52
އުމުރުން 65 އަހަރުވުމުން ފަނޑިޔާރުން ރިޓަޔާވާގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ހުށަހަޅަން ނިންމާފައިވާ އިސްލާހުގައި ހިމަނައިފިއެވެ.
ފަނޑިޔާރުންގެ ގާނޫނަށް ގެންނަ މުހިންމު އިސްލާހުތައް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ވަނީ އާންމުކޮށްފައެވެ.
އެގޮތުން އެ އިސްލާހުގައި އެންމެ ފާހަގަކުރެވޭ ކަމަކީ 65 އަހަރުވުމުން ފަނޑިޔާރުން ރިޓަޔާވާންޖެހޭ ކަމަށް ހިމަނާފައިވުމެވެ. ގާނޫނުގައި މިހާރު އޮންނަގޮތުން ފަނޑިޔާރުން ރިޓަޔާވާ އުމުރަކީ 70 އަހަރެވެ.
ގާނޫނު ބުނާގޮތުން ފަނޑިޔާރެއްގެ އުމުރުން 55 އަހަރުވުމުން އެ ފަނޑިޔާރަކު މަގާމުން ވަކިވާން ބޭނުންކަމުގައިވާނަމަ، އެކަން ޖުޑީޝަލް ސާވިސް ކޮމިށަނަށް ހުށަހަޅައި، އެ ކޮމިޝަނުން ކަނޑައަޅާ އުސޫލަކާއެއްގޮތްވާ ގޮތުގެމަތިން، އަމިއްލައަށް މަގާމުން ވަކިވުމުގެ ފުރުސަތު ލިބެއެވެ.
ފަނޑިޔާރުންގެ ގާނޫނަށް ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ފަނޑިޔާރުންނަށް ކުރިމަތިވާ ބޯހިޔާވަހިކަމަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ނުވަތަ އަމިއްލަ ފަރާތްތަކުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ދޫކުރާ ބިމާއި ފްލެޓަށް ފަނޑިޔާރުންނަށް ކުރިމަތިލެވޭނެ އިންތިޒާމުތައް ހަމަޖައްސައިދެވޭނެ ކަމަށް ހިމަނާފައިވެއެވެ.
މީގެއިތުރުން އެ އިސްލާހުގައި ފަނޑިޔާރުންނަށް ލިވިން އެލަވަންސް ދޭ އުސޫލު އިސްލާހު ކުރަން ހިމަނާފައިވެއެވެ. އެގޮތުން ލިވިން އެލަވަންސްގެ މިންވަރަކީ ފަނޑިޔާރުންގެ އަސާސީ މުސާރައިގެ 35 ޕަސަންޓަށްވުރެ މަދުނުވާނެ އަދަދެއް ކަމަށް އެ އިސްލާހުގައިވެއެވެ.
މެޖިސްޓްރޭޓްޓު ކަމަށް ކުރިމަތިލާ ބޭފުޅުންގެ ފުރިހަމަވާންޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ވެސް ވަނީ ނިންމާފައެވެ. އެގޮތުން ޝަރުއީ ކޯޓެއްގެ ލީގަލް އެސިސްޓެންޓް ކަމުގެ މަގާމުގައި، ނުވަތަ މަޤާމުގެ މަސްއޫލިއްޔަތުގެ ގޮތުގައި ގާނޫނީ މަސައްކަތްކުރުން ކަނޑައެޅިފައިވާ އެފަދަ އެހެން މަގާމެއްގައި ދެ އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވާ ބޭފުޅަކަށްވުމަކީ ލާޒިމް ކަމެއް ކަމަށް އެ އިސްލާހުގައި ހިމަނާފައިވެއެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސް އޮފީހަށް މިހާރު ފޮނުވާފައިވާ ކަމަށެވެ. އެ އޮފީހުން ދެން އެ ބިލް ފޮނުވާނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕަށެވެ.