30 Aug 2022, 16:02
ބަންގަލަދޭޝްގެ އަލަމްގީރުއާއެކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއިން ފެންނަ ކަމަށް ބުނާ, ޤުރުއާނާ ބެހޭ މަރުކަޒުގެ ކުރީގެ ސީނިއާ އެގްޒެކްޓިވް ޑައިރެކްޓަރު އިބްރާހީމް ރާފިއު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.
މި މަހުގެ ކުރީކޮޅު ލީކްކޮށްލާފައިވާ އެ ވީޑިއޯއިން ފެންނަ ކަމަށް ތުހުމަތުކުރާ ރާފިއު ވަނީ, ގުރުއާނާ ބެހޭ މަރުކަޒުގައި އޭރު އޭނާ ހުރި ވަޒީފާއިން ވަކިކޮށްފައެވެ. އެއާއެކު އޭނާ ރާއްޖެ ދޫކޮށް އިންޑިއާއަށް ގޮސްފައިވާ ކަމުގެ އަޑުތަކެއް ވެސް އޭރު ވަނީ ފެތުރިފައެވެ.
އެކަމާ ގުޅިގެން ފުލުހުން މިއަދު ވަނީ އޭނާގެ ފޮޓޯ އާންމުކޮށް، ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް އޭނާ ހޯދަމުންދާ ކަމަށް ބުނެފައެވެ.
އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް އޭނާއަށް ޗިޓު ރައްދުކުރެވިފައިނުވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
އަންނަ މަހުގެ 11 ވަނަ ދުވަހުގެ 2:30އަށް އޭނާ ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވަނީ ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ސުވާލުކޮށް މައުލޫމާތު ސާފުކުރުމަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަލަމްގީރުއާއެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އޭނާގެ އިތުރުން ތިން މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ. އެ މީހުންގެ ތެރެއިން އަލަމްގީރު ވަނީ ކުށަށް އިއުތިރާފް ވެފައެވެ.