ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޓެންޝަން ސެންޓަރުގެ ސީލިން ފަޅާލައިގެން ފިލި ބިދޭސީ މީހާ ހޯދަން އިމިގްރޭޝަނުން އިއުލާނު ކޮށްފިއެވެ.

އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް މިއަދު 'ސަން'އަށް ވިދާޅުވީ ސީލިން ފަޅާލައިގެން ފިލާފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ މުޙައްމަދު މިތުން ނަމަކަށް ކިޔާ މީީހެއް ކަމަށެވެ.

އޭނާ ހޯދަން އިމިގްރޭޝަނުން އިއުލާނު ކޮށްފައިވާއިރު، އޭނާއާ ބެހޭ ގޮތުން ފުލުހުން ބުނީ އެއާޕޯޓު ޑިޝެންޝަން ސެންޓަރު ފަޅާލާ ބިދޭސީއެއް ފިލިކަމުގެ ރިޕޯޓު މިއަދު ފަތިހު ލިބިފައިވާކަމަށެވެ. އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޑިޓެންޝަން ސެންޓަރުގައި ބައިތިއްބަނީ ރާއްޖެ އެތެރެވާން އަންނަ މީހުންގެ ތެރެއިން އެކި މައްސަލަތައް ކުރިމަތިވާ މީހުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޑިޓެންޝަން ސެންޓަރު ފަޅާލައިގެން ފިލި މީހާއަކީ މީގެ ކުރިން ރާއްޖެއިން ޑީޕޯޓު ކޮށްލާފައިވާ ބިދޭސީއެކެވެ.