ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ފުލްއަމްއާ ދެކޮޅަށް ކުޅެ ޓޮޓެންހަމް މޮޅުވި މެޗުގައި ޓޮޓެންހަމްގެ ފަރާތުން ފެނުނީ މޮޅު ކުޅުމެއް ކަމަށާއި ޖުމްލަކޮށް ޓީމުގެ ކުޅުމާމެދު ހިތްހަމަޖެހޭކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.

ފުލްއަމްއާ ދެކޮޅަށް ރޭ ޓޮޓެންހަމް ކުޅުނު މެޗު ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗަަށް ފަހު މީޑީއާއާ ވާހަކަ ދައްކަމުން އޭނާ ބުނީ ޓީމުގެ މޮޅު ކުޅުމުން މޮޅުވި ނަމަވެސް ބައިކޮޅަށް ގޯލެއް ވަނުމުން ދެރަވާ ކަމަށެވެ. އެކަމަކު މެޗުން ތިން ޕޮއިންޓު ލިބި 14 ޕޮއިންޓާއެކު ލީގުގެ ތިން ވަނައިގައި އޮތުމުން އުފާވާކަމަށް ކޮންޓޭ ބުންޏެވެ.

"އަހަރެންނަށް ޓީމުގެ ކުޅުން ވަރަށް ކަމުދިޔަ. މެޗު ނިމުމުން ކުޅުންތެރިން ގާތު ވެސް އަހަރެން އެހެން ބުނެފިން،" ކޮންޓޭ ބުންޏެވެ.

އޭނާ ބުނީ ޓީމުގެ މިހާރުގެ ފޯކަސް ހުރީ މި ހަފުތާގައި ކުޅޭ ޗެމްޕިއަންސް ލީގު މެޗަށްކަމަށެވެ. ޗެމްޕިއަންސް ލީގުގެ ކުރިން ލީގުގައި މޮޅެއް ލިބުމުން އުފާވާކަމަށް ވެސް ކޮންޓޭ ބުންޏެވެ.

"ދެން އަހަރުމެން ޖެހޭނީ ޗެމްޕިއަންސް ލީގު މެޗަށް އަރާމުކޮށް، އެ މެޗަށް ތައްޔާރުވާން ފަށަން" ކޮންޓޭ ބުންޏެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް އަދި ފުލްއަމް ބައްދަލުކުރި މެޗުގެ ތެރެއިން--- ފޮޓޯ/ ޓޮޓެންހަމް

އަންނަ ބުދަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖު މެޗުގައި ޓޮޓެންހަމް ނިކުންނާނީ ފްރާންސްގެ މާސޭއާ ދެކޮޅަށެވެ.

ރޭގެ މެޗުގައި ފުރަތަމަ ގޯލުޖަހައި ލީޑު ނެގީ ވެސް ޓޮޓެންހަމްއިންނެވެ. އެ ގޯލަކީ ރިޗާލިސަންގެ އެހީތެރިކަމާއެކު މެޗުގެ 40 ވަނަ މިނެޓުގައި ޕިއޭ-އެމީލް ހޮއިބިއާ ޖެހި ގޯލެކެވެ.

މީގެއިތުރުން މެޗުގެ 75 ވަނަ މިނެޓުގައި އެމަަސަން ރޯޔަލް ނަގައިދިން ހުރަހެއްގެ ބޭނުންހިފައިގެން ހެރީ ކޭން ވަނީ ޓޮޓެންހަމްގެ ލީޑު ފުޅާކޮށްފައެވެ. ނަމަވެސް މެޗުގެ 83 ވަނަ މިނެޓުގައި ފްލަމްގެ ކެނީ ޓެޓޭގެ އެހީތެރިކަމާއެކު އަލެކްސަންޑަ މިޓްރޮވިޗް ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާގެ ފަރަގު ކުޑަކުރިއެވެ.

މި ސީޒަންގައި ޓޮޓެންހަމްއާ ގުޅުނު ރިޗާލިސަން ވެސް ވަނީ ގޯލެއް ޖަހައިފައެވެ. އުފާ ފާޅުކުރަން ޖޯޒީވެސް ބޭލި ފަހުން ރެފްރީ ވަނީ އެއީ އޮފްސައިޑް ގޯލެއް ކަމަށް ނިންމައިފައެވެ. އަދި ޖޯޒީ ބޭލީތީ ރީނދޫ ކާޑްވެސް ދެއްކިއެވެ.