ފާފައަކީ ނިއުމަތްތައް އަންދާލާ އަލިފާނެކެވެ. އަލިފާން ދަރު އަންދާލާ ފަދައިންނެވެ."

***

"ކީކޭ؟ކޮން އިރަކު؟ މަށެއް ނުދެނެހުރިން. ފަތަން އެނގުނަސް އެންމެ ދެއަހަރޭ ވީ.ކުޅަދާނަ ފެތުންތެރިންވެސް ގެނބޭ. ސޫފީއަށް ފަތަން އެނގެޔޭ ކިޔާފައި އެހާ ހަލަނި ކުއްޖެއް އެކަނިމާއެކަނި ދޫކޮށްލަންވީ. އަޖައިބެއް. ކައިދަން. ވަޓް އާ ޔޫ؟"

ކައިދަން ޖަވާބެއް ނުދީ އައިގޮތަށް އެނދަށް ވެއްޓިގަތެވެ. އެސްފިޔަ ޖަހައިލުމެއްނެތި ހަޒަލްގެ މޫނަށް ބަލަން އޮތްއިރު އެ ސިކުނޑީގައި ހިނގަނީ ކޮންކަމެއްކަން ހަޒަލްއަކަށް ނޭގުނެވެ. އެނގުނީ އެލޮލުގެ ތޫނުކަމާއެކު ނުސިޔާނުކަމުން ހަޒަލްގެ ހިތަށް ބިރުވެރިކަން ވަންކަމެވެ. ކައިދަން ޖިންނިއަކަށް ވެއްޖެއްޔާ މިގޮތަށް އަރައިރުންވެ ޒުވާބުކޮށްގެން ކާމިޔާބުވާނެ ގޮތެއްވެސް ނޯންނާނެއެވެ. ހަޒަލް މަޑުމަޑުން ކުރުސި ކިޔަވާފައި ގަޔަށް ފުމެލިއެވެ. އަދި ބިރުވެރިކަމަކާއި ދިމާވުމުން ކިޔަން އޮންނަ ދުޢާވެސް ކިޔަވާލައިފިއެވެ.

"أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ....."

ކައިދަންގެ މޫނުމަތީގައިވި ހަރުކަށިކަން ފިލާ މަޑުވިއެވެ. އަދި ފަޅި ސިކުންތުކޮޅަކަށް ނަމަވެސް ހީލާން އުޅޭފަދަ ގޮތަކަށް ތުންފަތަށް ހަދައިލެވުމާއެކު ދުރަށް ބަލަން ފެށިއެވެ.

"ހޭޒް ސީރިޔަސްކޮށް އަހަންނާއިމެދު ތި ދެކެނީ އިންސާނެއް ނޫންކަމުގައިތަ؟"

"އިންސާނަކަށް ވެއްޖެއްޔާ އިންސާނުންނާއެކު އުޅެން ބޭނުންނުވަނީ ކީއްވެތަ؟ އަހަރެންގެ އާއިލާއާއި ގުޅުމެއް ބާއްވަން ކައިދަން ބޭނުމެއްނުވޭ. މަންމަވެސް މިހާރު މާފުކޮށްފައި އެކީ އުޅެން ނިންމައިގެން އެހެރީ. މަންމައާއި އާއިލާ އެހެން މީހުންނާއި އަނގައިން ބުނިއްޔާ ކީއްތަވަނީ؟އެމީހުންނާއެކު ކާކަށް ބޭނުމެއްނުވޭ. އެއްކޮށް ވާހަކަަދައްކައިލަން އިންނަން ބޭނުމެއްނުވޭ. ފާޑެއްގެ އިމޭޖިނަރީ........ނޭގޭ ދެން، ކޮންބަޔަކާއިއެކު އުޅެން ބޭނުންވާކަމެއް.........." ހަޒަލް މޫނު ހަދައިލިއެވެ.

"ކޮން ޕްލޭނެއް މިއަދު އޮތީ؟"

"ޕިކްނިކްގޮސް އެންމެން ކުރާ ކަންތައް..." ހަޒަލް ރުޅިގަދަވިއެވެ.

"ކައިދަންގެ އާއިލާ ކޮބާ؟"

"ރާއްޖެއަކު ނެތް..."

"ކޮންތާކު ވީ؟"

"އެމީހުން ދެނެގަތުމުގެ ބޭނުމެއްނެތް. ސީރިޔަސްކޮށް. ހަޒަލް ކިހިނެއްތަ ވެގެން ތިއުޅެނީ؟ އަހަރެން ބުނެފީމެއްނު ޕާސްޓްގެ ވާހަކައާއި އާއިލާގެ ވާހަކަ ނުދައްކާށޭ.......އެވަރަށް ބުނާއިރުވެސް. އަދި އެހެން މީހުން ގާތު ނުބުނާ ސިއްރެއްވެސް ހިއްސާކުރިން. އަހަރެންގެ މެންޓަލް އިޝޫއެއް އުޅޭކަން. އާއިލާ އެނގިގެން ކީއްކުރާނީ؟ އެއްވެސް ކަމެއް ނުކުރެވޭނެ. ދެން ތިހާވަރުން އަހަރެން ކަމުނުދަންޏާ ބޭނުން މީހެއް ހޯދަބަލަ. އަހަންނަށް ހެވޭ..................." ކައިދަން ހިތްހަމަނުޖެހިފައި ހުރެގެން ކޮޓަރީގެ ދޮރު ބާރަށް ލައްޕާލާފައި ނިކުމެެގެން ދާން ހިނގައިގަތެވެ. ހަޒަލް ކައިދަންއަށް ކުރި އިތުބާރާއި ލޯބި އެއްފަހަރާ ވިއްސިވިހާލިވެގެން ދިޔައެވެ. ކައިދަންގެ މުށުތެރެއަށް ލާފައި އޭނަގެ ހިތް ނުބައިގޮތަކަށް ފިތާ ޗިސްކޮށްފައި ވާރޭގެ ތެރެއަށް ހިނގައިގަތީއެވެ.

ހަޒަލް ސިއްރުން ބެލިއިރު ކޮންމެވެސް މީހަކާއި އަރައިރުންވާ ވައްތަރަށް އުޅުނުތަން ފެނުނެވެ. ކޮށްޕާފައި ހަޅޭއްލަވާފައި އުޅޭގޮތުން ހަމަ "ސްކިޒޮފްރީނިއާ" ބަލިމީހަކާއި ތަފާތެއް ނެތެވެ. އެހެން މީހުންގެ ލޯތަކަށް ފަރުދާވެފައިވާ ފަރާތަކާއި އޭނަ އަރައިރުންވަނީއެވެ.

"ހީޒް ކްރޭޒީ. އަދި މަށާއި ދިމާލަށް އެގޮތަށް ވާހަކަދައްކަން ކެރިއްޖެއެއްނު......ކޮންފަދަ ކަމެއް މިއީ............" ހަޒަލް އުކުޅުގައި އަތް ވިއްދާލާފައި އިރުގަނޑެއްވާންދެން ބަލަން ހުރެފައި އެނބުރި އައިގޮތަށް ވަނީ ޚަލީސީމެން ތިބި ކޮޓަރިއަށެވެ. ކައިދަންއާއެކު ހުންނަން ހަގީގަތުގައި ހިތް ބިރުގަތީއެވެ. އެކި ވަހުމާއި ޝައްކުތަކުން ހިތް ފުރެމުން ދިޔަ ވަރަކަށް ބިރުވެރިކަން އިތުރުވެ އަވަހަށް ވުޟޫކޮށްލައިގެން އެއޮތް ފިނީގައިވެސް ނަމާދު ކުރަން މުސައްލާ ނިއުޅާލައިފިއެވެ. ނަމާދުކޮށްލައިގެން ގުރުއާން ކިޔަވަން އެތައް އިރެއްވާންދެން އިންދާ އެމާ ވެސް ލޯ ހުޅުވައިލެވި ސުވާލުކުރަންފެށިއެވެ. ހަޒަލް ބުނީ އޭނައަށް ބިރުވެރި ހުވަފެނެއް ފެނުނީކަމުގައެވެ. އެމާ ގާތު ނަމާދުކުރަން ބުނުމުން ކަންނެތްވެލާފައި އަނެއްކާ އެނދަށް ވެއްޓިގަތީއެވެ.

***

ހަޒަލް ކައިދަންއާއި ފުރަތަމަ ދިމާވި ދުވަހުން ފެށިގެން އެކީގައި ހޭދަކުރެވުނު އެކި ދުވަސްތަކާއިމެދު ވަކިން ވިސްނިއެވެ. ނަމަވެސް ދުވަހަކުވެސް އެއީ ޖިންނި ނަސްލުން އައިސްފައި ހުރި ޒުވާނެއްކަމުގެ އެއްވެސް އަމަލެއް ފެނިފައި ނުވާތީ އެކަން ގަބޫލުކުރަންވެސް ފަސޭހައެއްނޫނެވެ. ނަފްސާނީ މައްސަލައެއް ހުރިކަންވެސް އެނގެން ފެށީ ދާދި ފަހުންނެވެ. ހަޒަލް ގޫގުލްއިން ޖިންނި ޝައިތާނުންނާއި ބެހޭ މައުލޫމާތުތައް ކިޔައިލަން އިރުގަނޑެއްވާންދެން އިނެވެ.

އެރިއިރާއެކު ހުރިހާކަމެއް ހަނދާން ނައްތާލާފައި ހަޒަލް އެހެން ކުދިންނާއެކު މޫދަށް އެރެން ތައްޔާރުވެގެން ބަލައިލިއިރު ކައިދަން އޮތީ ގަދަ ނިދީގައެވެ. ސޫފީ ބައްޕަ ގެންދަންވެގެން ރޮއި ބޮޑާހާކާވަރުން ހަޒަލް ގޮވުމުން ބުނީ އެހެން މީހުންނާއެކު ދާން ބޭނުންނުވާކަމުގައެވެ. ސޫފީ ގާތު ކައިދަން ބުނީ ބައްޕަ ހުމާއި އުޅޭތީ ނުދެވޭނެކަމަށާއި ބަސްއަހައިގެން މަންމައާއެކު ދިޔުމަށެވެ. ފަހުން މަސްބާނަން ގެންދާނެ ކަމުގައި ބުނެ ވައުދުވުމުން ސޫފީ ފުންމައިގެންގޮސް ކައިދަންގެ މޫނުގައި އެތައް ފަހަރަކު ބޮސްދިނެވެ. ލޯބިވާ ވާހަކަ އަމިއްލަ ބަހުރުވައަކުން ބުނެލިގޮތުން ކައިދަންއަށްވެސް ދަރިފުޅު ގެނެސް މޭގައި ބޮނޑިކޮށްލެވުނެވެ. ފަހުން ސޫފީ މޫދާއި ދިމާލަށް ދުއްވައިގަތީ ރުވާފައި ދޫކޮށްލި ދުންޏެއްހެންނެވެ.

"ޖިންނިން އެހާ އިމޯޝަނަލް ވޭތަ؟ފިލްމުތަކާއި ވާހަކަތަކުގައި ޖިންނިން ދެން އިންސާނުންހެން ހައްދާ ފެންޓަސީކޮށް ގެނަޔަސް ހަގީގަތުގައި އެހެނެއް ނޫން ވާނީ. ކައިދަންއަކީ ހަމަ ޖިންނިއެއްތަ؟ ޖިންނިން އެހާ ޖަޒުބާތީވޭތަ؟ ދަރިންދެކެ އެހާ ބޮޑަށް ލޯބިވެދާނެތަ؟ ސޫފީދެކެ ހާދަ ބޮޑަށް ލޯބިވާހެން ހީވޭ...."

ހަޒަލް ސޫފީގެ ފަހަތުން މަޑުމަޑުން ހިނގަމުން ދިޔައިރު ބޮލުތެރޭ އެތައް އެއްޗެއް އެނބުރެމުން ސިކުނޑި ހަލަބޮލިކޮށްލައިފިއެވެ.

***

ސަޔަށްފަހު އެންމެން މޫދަށް އެރުނުތަނާހެން ވައިބާރުވެ ކަނޑުތައް އިންތިހާއަށް ގަދަވެއްޖެއެވެ. ރުޅިވެރިކަމާއެކު ބިންދާލާ ރާޅުތައް ފޮނުގަނޑު އަރުވާލާފައި ދޮންވެއްޔާ އަތުޖެހުނުހާ އެއްޗެއް ގެންގޮސް ކަނޑަށް އެއްލައިލުމުގެ ނިޔަތުގައި އޮތް ދުވަހެއް ފަދައެވެ. ރޯޒަލީ އެންގީ ހުރިހާ ކުދިން އަވަހަށް އެއްގަމަށް އެރުމަށެވެ. މޫސުމަށް ނުބަލާ އާދެވުނުކަމުން މޫދަށް އެރިލާނެ އުފަލެއް ނުލިބުނެވެ. ނަސީބު ހަމަ ދެރައީއެވެ. އެމާ ރޯޒަލީގެ އަތުގައި ހިފައިގެން ދޮންވެލިގަނޑުމަތިން ހިގަމުން ދިޔައިރު ދިން ޚަބަރަކުން ރޯޒަލީގެ މޫނު ބަނަވިއެވެ.

"ކާކު ތިވާހަކަ ބުނީ؟"

"ޚަލީސީ އަމިއްލައަށް ބުނީ. މަންމަ ދެރަވެދާނެތީ ދޮންބެ ސިއްރުކޮށްގެން ހުރީ. ޚަލީސީއަކީ ދޮންބެގެ ވައިފް......."

"އާހް...." ރޯޒަލީގެ މެޔަށް ބާރުވިއެވެ."މިއޮތް ގިނަ އަންހެނުން ތިބި ދުނިޔެއިން ކާފަރެއްނޫނީ ހައިސަމްއަށް ހަމަ ނުފެނުނީތަ؟ހުރިހާ ދަރިން މަންމައަށް އޮޅުވާލާފައި މީހުންނާއި ކައިވެނިކުރުމުގެ ބޭނުމަކީ ކޮބައިކަމެއް ނޭގޭ. ޚާތޫނުއަށްވެސް އެ މަންޒަރު ފެނިގެން ވާހަކަދެއްކި. އެކަން ގަބޫލުކުރަން ބޭނުންނުވެފައި ހުރީ. އެކަމަކު....ﷲއާއި ވަކީލު..އެއްވެސް ކުއްޖަކު މަންމައަށް އިތުބާރުނުކުރީނު..ހަޔާތުގެ އެހާ ބޮޑު ނިންމުމެއް ނިންމިއިރު މަންމައަށް އެންގުމަކީ ބޭނުންކަމަކަށް ނުވި. މަންމަ އެކޭ ދުޝްމިނެކޭ ހުރި ތަފާތެއްނެތް............"

"މަންމާ ދޮންބެގެ ސަބަބުން ޚަލީސީ ދައްތަ އިސްލާމްދީނަށް ވަދެއްޖެއްޔާ ކިހާ ރަގަޅު................"

ރޯޒަލީ އިތުރު ވާހަކަ ދެއްކުމެއްނެތި ކޮޓަރިއަށް ވަންގޮތަށް އެނދުގައި އޮށޯވެލީ ވަރުބަލިކަމާއި މާޔޫސްވީވަރުންކަން އެދެލޯ ހެކިދިނެވެ. މަންމަގެ ހާލަތާއިމެދު އެމާ ކަންބޮޑުވެފައި ގާތުގައި އިށީދެ ބޯ މަސާޖްކޮށްދޭންފެށިއެވެ."އައިމް ސޮރީ، މަންމަ އެހާ ދެރަވާނެކަން އެނގުނުނަމަ ނުވެސް ބުނާނަން. ޚަލީސީ ޕްރެގްވީމަ ކޮންމެހެން މަންމައަށް އެނގެން ޖެހޭކަމަށް އަޅުގަނޑުވެސް ގަބޫލުކުރީ. މާމަ ދަރިއެއް ލިބެންޏާ އެނގުމުގެ ހައްގު އޮންނާނެއްނު........................"

ރޯޒަލީ އަނގައިން ނުބުނެ ލޯ މަރާލައިގެން އޮތީއެވެ.

އެމާ ޚަލީސީއަށް މެސެޖްކުރަމުން ދިޔައެވެ.

***

ހައިސަމް ގާތު ޚަލީސީ އެ ޚަބަރު ބުނުމުން މޫނުމަތިން ވަކި ޝުއޫރެއް ނުދެއްކިޔަސް ހިތާހިތުން ނުރުހުންވާނެ ވަރާއި އޭނަދެކެ ރުޅިއަންނާނެ ވަރު އިހުސާސްކުރެވި މޮޅިވެރިކަމާއިއެކު އިސްޖަހާލައިގެން ހުއްޓެވެ."އައިމް ސޮރީ ސޭމް. ޕްރެގްނެންޓްކަމަށް ހެދުނީވެސް ސޭމްގެ މަންމައަށް އަހަންނަކީ ކާކުކަން އަންގަންވެގެން. މާ ދުވަސްވާތީ ކެތްނުވީ. މަންމަ އޮޅުމެއްގެ ތެރޭ ބެހެއްޓުމަށްވުރެ ހިތާމައާއި ހިތްދަތިކަން ގެނެސްދިނުންވެސް މާ ރަގަޅުވާނެ. އަހަންނަށް މާފުކޮށްދީ......"

"ވަރަށް ފޫހިވެއްޖެ ޚަލީސީ ތިހެދިގޮތުން."

"އައިމް ސޮރީ...."

"މިތަނުން ދޭ..."ހައިސަމްގެ އަޑަށް ހަރުކަށިކަމެއް ވެރިވިއެވެ.

***

އިރުއޮއްސި އަނދިރިކަން ވަށައިލުމާއެކު ކަނޑުގެ ރާޅުތަކާއި ވައިގެ ޒޫމްއަޑު ފަޒާ ހިސާރުކޮށްލައިފިއެވެ. ދޭތެރެއަކުން ގުގުރީގެ ބާރު އަޑުން ފާރުތައްވެސް ތެޅިލާ ހިތްތައް ރޫރޫ އަޅުވާވަރުކޮށްލައެވެ. މެދުކެނޑުމެއްނެތި ވިދުވަރުގެ އަލި ކުޑަދޮރުތަކުން ފެންނަމުންދަނީވެސް އެސްފިޔަތައް މަރައިލަން މަޖުބޫރުކުރުވާވަރަށެވެ. ކައިދަން ސޫފީއާއެކު ކޮޓަރީގައި އުޅޭކަން އެނގުނަސް ހަޒަލްއަށް އެތަނަށް ވަންނާކަށް ނުކެރުނެވެ. އޭނަ ޚަލީސީއާއި އެމާއާއިއެކު އެކޮޓަރީގައި ވާހަކަދައްކައިލަން އިނެވެ.

"ހޫމް ޚަލީސީ ތިބުނަނީ ހަމަ ރަގަޅަށް. ފޮރުވުމުގެ މާނައެއްނެތް...."

"މަގޭ ބޮލުން އެތައް ޓަނެއްގެ ބުރަދަން ލުއިވެއްޖެ.."

"ދޮންބެއަށް ދެން މަންމަގެ ކުރިމައްޗަށް އަރަންވެސް ފަސޭހައެއްނުވާނެ. އެންމެ ބަސްއަހާ ދަރިފުޅަށް ކުރި އިތުބާރުވެސް ކަނޑައިލާނެކަން ޔަގީން......" ހަޒަލް އިނީ ކުޝަން މޭގައި ޖައްސާ ބާރުކޮށްލައިގެންނެވެ."އަހަންނަށްވެސް ޝައްކު ބަލިޖެހިއްޖެ. ކައިދަން އިންސާނެއްކަމާއިމެދު ޝައްކުވާން ފެށިގޮތަށް އެރޫމަށް ވަންނަން ޖެހިލުންވެއްޖެ....."

"ސާބަހޭ ހޭޒް..."

"ގަބޫލުނުކުރަންތަ އަދިވެސް؟" ހަޒަލް އެހިއެވެ.

"ދެއާސް ނޯ ސަޗް ތިންގް އޭޒް އެ ގޯސްޓްސް. އެކަމަކު ޖިންނިއެއް އުޅެންޏާ ހިފާފައި ފުޅިއަކަށް ލާ ދޭނަން.........."

"އެހެރީ ކޯނޗެއްތަ؟"އެމާ އިނގިލިން އިޝާރާތްކުރީ ބިއްލޫރި ބިތްގަނޑާއި ދިމާލުން ބޭރުގައި ހުރި ގަހާއި ދިމާލަށެވެ. ވިދުވަރުގެ އަލި އެޅުނު ވަގުތު ރީތިކޮށް މީހެއްގެ ހިޔަނި ފެނުނީއެވެ. އެމީހުންގެ ހަރަކާތްތަކަށް ފާރަލައިގެން އެދިމާލަށް ބަލަހައްޓައިގެން ހުރީކަން އެމާއަށް ޔަގީންވިއެވެ.

"ނުފެނުނު..." ހަޒަލްއަށް ބުނެވުނެވެ.

"އެހެންވެ މިބުނަނީ ލޮލަށް ފެންނަ ކަންތަކޭ. އެމާ ބިރުން ހުރީމަ ހުރިހާ އެއްޗެއް ފެންނާނެ. ގަހުގެ ގޮތްޕެއްގެ ހިޔަނިވެސް ފެންނާނީ ޑެވިލްއެއްހެން......" ޚަލީސީ ޖޯކެއް ޖަހައިލާފައި ތެދުވުނެވެ."ވާރޭވެހޭއިރު ފިނިފެނުން ފެންވަރައިލީމަ ނިކަން އަރާމުކޮށް ނިދައިލެވޭނެ.................."

"ގުގުރާ ވިދާއިރު ފެންވަރަން ބޭރުގައި ހުރުން ބުއްދިވެރިއެއްނޫން. އަދި ހާމަޔަށް ހުންނަތަނެއް....ޖިންނިއެއް އަވަލައިފިއްޔާ.މި ރިޒޯޓުގައި އެންމެ ފޫހި ތަންކޮޅަކީ ފާޚާނާ ތަންތަން ހާމަޔަށް ހުރުން........"ހަޒަލް ނަސޭހަތުގެ ރާގެއްގައި ބުނެލިއެވެ.

"މަށަށް ވަރަށް ކަމުދޭ....." ޚަލީސީ ދޮރު ހުޅުވާލުމާއެކު ފިނިފިނި ވައިރޯޅިއެއް ކޮޓަރިތެރެއަށް ވަނެވެ. ވައިރޯޅިއަކަށްފަހު ވައި ރޯޅިއެއް އައީ ވާރޭގެ ވަހުން ކޮޓަރި ތާޒާކޮށްލަމުންނެވެ.

"ސުޕަނެޗުރަލް އެއްޗަކާއި ދިމާވުމުގެ އުއްމީދުގައި މިދަނީ.ފެނިއްޖެއްޔާ އިންޓަވިއުކޮށްލާނަން.. އޭނަ އައިސް އުޅެނީ އެއްކަލަ ޑައިމަންޑް ޕްލެނެޓުންކަމަށްވެސް ވެދާނެ.އޭލިއަނުންނާއި ޔޫއެފްއޯގެ އެއްޗެހީގެ އަޑުއަހަން. އެމެރިކާގެ އޭރިއާ ފިފްޓީ ވަންގައި އޭލިއަނުން ގެންގުޅެއޭ ކިޔައެއްނު. އެވެސް ރޯ ބުހުތާނު ދޮގު. ހިތަށް އަރާ ދެން އެކަހަލަ ކަމެއް ފެންނާނެ ނަމައޭ. އެކަމަކު އެއީ މުޅިންވެސް ފެއަރީޓޭލްސް..."

ޚަލީސީ ވާހަކަ ދައްކާ ނިމުނުއިރު ހުރެވުނީ ހާމައަށް ހުރި ފެންވަރާ ބައިގައެވެ. އެއްފަރާތުގައި ބިލިގާއެއް ބަހައްޓާފައިވާއިރު ފާރުގެ ކައިރީގައި ގަސްތައް އިންދާފައިވެއެވެ. ތެމިފައިވާ ގަސްބޮނޑިތަކެވެ. ކުޑަ ބަގީޗާއެއްހާ ރީތިތަނެކެވެ. އޮރެންޖް ބޮއްކެއްގެ ފަނޑު އަލީގައި ތެމިފައިވާ ފަތްތައް ވިދާއިރު ގަސްތަކުގައި ވައި އަޅުވަމުން ދިޔަ ގޮތުން ޚަލީސީގެ ގައިން ހީބިހި ނަގާލައިފިއެވެ. ބިލިގާގެ އެއްފަރާތުގައި ހުރި ހަރުތަކުގައި ތުވާއްޔާއި ފެންވަރަން ބޭނުންކުރާ ސާމާނުތައް ހުއްޓެވެ. ޚަލީސީ ހެދުންތައް ގަޔާއި ވަކިކޮށްލުމަށްފަހު ފެންވަރަން ފެށީ ނިކަން ހަމަޖެހިފައި ހުރެއެވެ.

"ވިއްސާރަވީމަ ހިޔަނިތަކާއި އެއްޗެހި ފެންނާނެ. އަޑުތައް އިވޭނެ. އޭގައި ދެން ކޮން ރޫހާނީ ކަމެއްތަ؟" ޚަލީސީ އަމިއްލަ ނަފުސަށް ބުނެލާފައި ހީލިއެވެ.

ކުއްލިއަކަށް މީހަކު ގުންފައި ޖަހާފައި ހިނގާފަދަ އަޑެއް އިވެން ފެށިއެވެ. ޚަލީސީގެ ގައިން ހީބިހި ނެގުމާއެކު އޭނަ އަވަހަށް ތުވާލި ގައިގާ އޮޅައިލަމުން އެދިމާލަށް ނަޒަރު ހުއްޓައިލިއެވެ.

***

ޚަލީސީ ގެ ތޫނު ހަޅޭކުގެ އަޑު ކަންފަތުގައި ޖެހުމާއެކު އެމާއާއި ހަޒަލްއަށް އެދިމާލަށް ދުއްވައިގަނެވުނެވެ. ތުވާލި ގައިގާ އޮޅާލައިގެން ހުރެ ޚަލީސީ ނުކުތީ ޝަވާޖެލްވެސް ގައިން ނުފިލުވައެވެ.

"ވަޓް ހެޕެންޑް..."އެމާ ހުރީ ހަޒަލްގެ އަތުގައި އެލިގެންނެވެ.

"އަހަންނަށް ފެނިއްޖެ......"

"ކޯނޗެއް..ކިހިނެއް ހުރީ؟" ހަޒަލް ސުވާލުކުރިއެވެ.

"ފާރުގެ ބޭރުން އޭނަ ހިނގާފައި އައީ. އިސްކޮޅުން ދިގުކަމުން އަށެއްކަ ފޫޓުހުރި. އިންސާނެއް ނޫންކަން މަށަށް ޔަގީން....އިސްތަށިގަނޑު އެހާ ދިގު.ކުއްލިއަކަށް ބަލައިލިއިރު ދެލޯ......އެދެލޯ އަނގުރު އަލިފާންކޮޅެއްހެން ދިއްލިފައި ހުރީ. ހަމަ ޑެވިލްއެއް. އޭނަ ފާރުމަތިން އެރީ ހަމަ ބަލަން ހުއްޓާ. އަހަންނާއި ދިމާލަށް އަންނަން ފެށީމަ އެހީއަށް އެދެންވީ ފަރާތެއްވެސް ނޭގުނު. އަހަންނަށް ކިޔައިލެވުނީ ކުރުސިން ތަންކޮޅެއް...ވަގުތުން ލޯމައްޗަށް ގެއްލުނީ....." ޚަލީސީ އެނދުގައި އިށީނެވެ. ތުވާލީގައި ދެއަތުން ބާރަށް ހިފަހައްޓައިގެން އިންއިރު ތެމިފައިވާ ރަންކުލައިގެ އިސްތަށިގަނޑުވެސް އޮތީ ވިހުރުވިފައެވެ.

"ސުބުހާނަﷲ. ކިހިނެއް މިވަނީ؟"

"ކައިދަންއަށް ނުވާނެތަ؟"އެމާއަށް ބުނެވުނެވެ.

"ހަޒަލް ސޫފީއަށް އަބަދު ކުރުސި ކިޔަވަން ދަސްކޮށްދޭތީ މަށަށް މިރޭ ކިޔަވަން އެނގުނީ............" ޚަލީސީ އިނީ ޝޮކެއްގައެވެ. ޖިންނި ޝައިތާނުން އުޅޭކަމަށް ގަބޫލުނުކުރެވި އެކަމަށް ހަޖޫ ޖަހާ މަލާމާތްކުރާ ކުއްޖާއަށް މިއަދު ވަނީ ހަގީގަތް ލޮލުން ފެނިފައެވެ. މީހަކު ބުނީއެއްނޫނެވެ. އޭނަ ހަމަހޭގައި ހުއްޓާ ލޮލަށް މަންޒަރު ފެނުނީއެވެ.

"ދޮންބެއަށް ގޮވަންތަ؟"

"އާނ. ވަރަށް ބިރުއެބަގަނޭ...." ޚަލީސީ ހިންދިރުވައިލިއެވެ. އެމާ ދޮރު ތަންޑުތައް އަޅުވާފައި އައިސް އެނދަށް އަރާ މޭގައި ކަކޫ ޖައްސާލައިގެން އިންއިރު އޭނައަށްވެސް ވަށައިގެން ހޯދެނީއެވެ. ކޮންމެ ވަގުތަކުވެސް އެ ޖިންނި އެތަނަށް ވަދެފާނެކަމުގެ ބިރު ހުރިހާކަމަކަށްވުރެ ބޮޑުވިއެވެ.

"ޚަލީސީ. މުސްލިމަކަށްވީތަ؟" އެމާ އެހިއެވެ.

ހަޒަލް ހައިސަމްގެ ފޯނަށް ގުޅަންފެށިއެވެ.

***

ކައިދަން ކަނު އަނދިރީގައި ޚިޔާލީ އެކުވެރިއަކާއި ވާހަކަދައްކަން އިނެވެ." ރަވާން. މިއީ ރަގަޅުކަމެއްތަ؟ އަހަރެމެން ރިވެންޖް ނަގަން ވެގެންނޭ ކިޔާފައި އިންސާނުންނަށް ގޯނާކޮށް މީހުން ބިރުގަންނަވާ މިއުޅެނީ...."

"ކައިދަންގެ މަންމަގެ ނުބައިކަން ހަނދާން ނެތުނީތަ؟ ވާރޭތެރެއަށް މަރުވާން ދޫކޮށްފައި ދިޔައީމަ އެހެން ބަޔަކު އެހީނުވިނަމަ މަރުވާނީކަން ޔަގީން. އަދި މިއީ ފެށުން. އަހަރެން ހުއްޓާލާނީ ވައުދުވީފަދައިން ރޯޒަލީއާއި އޭނަގެ އާއިލާ ހަލާކުކޮށްފައި....."

"ރަވާން. މާފުކުރަންވީނު.."

"މާފު؟ ހަހަހަ.......އިންސާނުންނާ އަހަރެމެން ތަފާތުވާ ސަބަބަކީ އެއީ. ބަދަލުހިފަން ވައުދުވެއްޖެއްޔާ ވައުދު ފުއްދާނެ. އަހަރެމެން އެއްމާބަނޑު ކުދިންގެ ގޮތުގައި ދުނިޔެއަށް އައުމުން މަގޭ ހިތުގައި ކައިދަންއަށްޓަކާ މިވަރަށް ލޯބި ވުމަކީ ކާކުގެ ބަދުނަސީބެއްކަމެއް ނޭގޭ. ކައިދަންވެސް ހަނދާން ނައްތާނުލާ. ހަޒަލްއާއި ކައިވެނި ކުރީ ކީއްކުރަން؟ އަނެއްކާ އޭނަދެކެ ލޯބިވާންފެށީތަ؟"

ނުނިމޭ