މާލޭގައި އުޅޭ ރައްޔިތުންނަށް ލިބޭ ތަސައްލީއަކަށް މިނީބަހުގެ ޚިދުމަތް ވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

މިނީ ބަހުގެ ޚިދުމަތް މާލޭގައި ފެށުމާ ގުޅިގެން ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެ ޓްރާންސްޕޯޓް ލިންކު ނެޓްވޯކުގެ ދަށުން މިނީ ބަހުގެ ޚިދުމަތް ފެށުމަކީ، އެ ނިޒާމު ފުރިހަމަ ކުރުމުގައި ލިބުނު ކުރިއެރުމެއްކަމަށެވެ.

"ބައިބޯ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭ ތަސައްލީއަކަށް މި ޚިދުމަތްވެ އިތުރަށް ތަރައްގީވެގެން ދަނެ،" ރައީސް ކުރެއްވި ޓްވީޓުގައި ވެއެވެ.

މިނީ ބަހުގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށާފައިވާއިރު ބަހުގެ ދަތުރުތައް އޮންނާނީ ކޮންމެ ދުވަހެއްގެ ވެސް ފަތިހު 05:45އިން ދަންވަރު 00:15އަށެވެ. ކޮންމެ ބަސް ސްޓޮޕަކުން ވެސް 10 މިނެޓާއި 15 މިނެޓާ ދެމެދު ބަހެއް ދަތުރު ފަށާނެއެވެ.

އެމްޓީސީސީގެ މިނީ ބަސްތައް --- ފޮޓޯ/ އެމްޓީސީސީ

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ ޚިދުމަތް މިއަދުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް އެއްވެސް އަގަކާ ނުލައި، ހިލޭ ލިބޭނެއެވެ. އޭގެ ފަހުން މިނީ ބަހުގެ ދަތުރަކަށް ނަގަން ނިންމާފައިވަނީ ހަތް ރުފިޔާއެވެ.

ދެ ހަފުތާއަށް ފަހު، ޓިކެޓް ނަގައިގެން ދަތުރުކުރަން ފެށުނަސް، 65 އަހަރުން މަތީގެ މީހުންނަށާއި، ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ދޫކޮށްފައިވާ ކާޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް އެމްޓީސީސީއިން ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން، ޔުނީފޯމްގައި ތިބޭ ސްކޫލް ކުދިންނަށް ވެސް ބަހުގައި ހިލޭ ދަތުރުކުރުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

މާލޭގެ އެތެރޭގެ ދަތުރުތަކަށް "ޕަބްލިކް ޓްރާންސްޕޯޓް"ގެ ރަނގަޅު ނިޒާމެއް ނެތުމަކީ ޒަމާންވީ މައްސަލައެކެވެ. އެހެންކަމުން އެތެރޭގެ ދަތުރުތަކަށް ގިނަ ބަޔަކަށް މަޖުބޫރުވީ އަމިއްލަ އުޅަނދު ހޯދުމަށެވެ. އޭގެ ސަބަބުން އުޅަނދުތައް އިންތިހާއަށް އިތުރުވެ މާލޭގެ ޓްރެފިކަށް ބާރުބޮޑުވިއެވެ. އެކަމަށް އޮތް ހައްލަކީ ރަނގަޅު ޕަބްލިކް ޓްރާންސްޕޯޓްގެ ނިޒާމެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

މީގެ ކުރިން ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް މާލެ ތެރޭގައި ދުއްވުމަށް ބަސްތަކެއް ގެނައެވެ. އާއްމުންގެ ތަރުހީބު ވެސް ލިބުނެެވެ. ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވެ އެ ޚިދުމަތް ވަނީ މެދުކެނޑިފައެވެ. އޭގެ ފަހުން އެތެރޭގެ ދަތުރުފަތުރެއް މާލެ ތެރެއަކު ނެތެވެ.

އަމިއްލަ އުޅަނދު ނެތް މީހުން އެތެރޭގެ ދަތުރުތަކަށް މީގެ ކުރިން އޮތް ހަމައެކަނި ގޮތަކީ ޓެކްސީ ތަކެވެ. ޓެކްސީގެ އަގު ބޮޑުވުމާއި ލިބުން ދަތިކަމުގެ ޝަކުވާ އަބަދުވެސް އާމުންގެ ތެރޭގައި ބޮޑެވެ.