ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 51ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުން ކުރަނީ ބުރަ، މަސްއޫލިއްޔަތު ބޮޑު މަސައްކަތެއް ކަމަށެވެ.

"ތިޔަ ބޭފުޅުން މުޅި މުޖުތަމައުގެ ހައްގުގައި ތިޔަ ކުރައްވަނީ ޝުކުރާއި ތައުރީފު ހައްގު ގައުމީ ޚިދުމަތެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޕްރިޒަން އޮފިސަރުންނަށް އެމީހުންގެ ޒިންމާ އާއި ވާޖިބު އަދާކުރުމުގައި ދަތިތައް ހުރިކަން ގަބޫލުކުރައްވާކަމަށެވެ. އެހެންކަމުން ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ޖަލު އޮފިސަރުންގެ އެކޮމެޑޭޝަން ހަމަޖެއްސުމުގައި ހުރި ދަތިތައް ވެސް ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ޖަލުތަކުގެ އޮޑިޓް ހެދުން ފުރިހަމަކޮށްފައިވާކަމަށެވެ. އެގޮތުން އެ އޮޑިޓުގެ ބޭނުމަކީ ޖަލުތަކަކީ ބައިނަލްއަގްވާމީ މުއާހަދާތަކާ އެއްގޮތަށް ގައިދީންގެ ހައްގުތަކަށާއި އިންސާނީ ކަރާމާތަށް އުނިކަން ނާންނާނެހެން ހިންގަމުންދާ ޖަލުތަކެއް ކަން ކަށަވަރުކުރުންކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އޮޑިޓުން އެނގުނީ އިދާރީ ގޮތުން ޖަލުތަކަށް ގެންނަން ޖެހޭ ބަދަލުތަކާއި ގައިދީންނާ ގުޅުންހުރި ކަންކަމާ ގެންނަން ޖެހޭ ބަދަލުތައް ވަރަށް ގިނަ ކަން،" ރައީސް ވިދާޅުވިއެވެ.

އެގޮތުން މިހާރުން މިހާރަށް ހައްލުކުރަން ޖެހޭ މައްސަލައަކީ ޖަލުތަކުގެ ތޮއްޖެހުމުގެ މައްސަލަކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް ޖަލުތަކުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދާދި ފަހުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ޖަލުތަކުގެ ގައިދީންނާ ގުޅޭގޮތުން ކުރި ދިރާސާއަކީ ސަރުކާރާއި ހޯމް މިނިސްޓްރީގެ އެދުމުގެ މަތިން ކުރި ދިރާސާއެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެ ދިރާސާއިން އަޅުގަނޑުމެންނަށް ފާހަގަވީ، ގައިދީން މިއަދު ތިބީ ވަރަށް ނުރައްކާތެރި ދެ އޮއިވަރެއްގައި ޖެހިފައިކަން. އެއްކަމަކީ މަސްތުވާތަކެތި ބޭނުންކުރާ އަދި އޭގެ ވިޔަފާރިކުރާ ގައިދީންގެ ނުފޫޒު. ދެވަނަ ކަމަކީ ހަރުކަށި ފިކުރުގައި ގައިދީން ޖައްސައިގެން ކުށްތަކަށް އަހުލުވެރިކުރުވުން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި ހަރުކަށިފިކުރު ރާއްޖޭގައި ފެތުރުމުގެ މައްސަލައަށް އޮތް ހައްލަކީ ހަރުކަށި ފިކުރުގެ އެންމެން ހައްޔަރުކުރުމެއް ނޫނެވެ. އެފަދަ ގައިދީންނަށް ވެސް އެކަމާ ގުޅުންހުރި ތަރުބަވީ ޕްރޮގްރާމްތައް ހިންގަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެފަދަ ގައިދީންނަށް ވެސް އެކަމާ ގުޅުން ހުރި ތަރުބަވީ ޕްރޮގްރާމްތަކެއް ހިންގަންޖެހޭ. އެކަމަށްޓަކައި 100 މީހުންގެ ޖާގައިގެ ޚާއްސަ ޔުނިޓެއް މާފުށީ ޖަލުގައި ގާއިމްކޮށް އެ މަސައްކަތް ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވިގޮތުގައި ގައިދީންނަކީ އުމުރަށް ޖަލުގައި ތިބެންޖެހޭ ބައެއް ނޫނެވެ. އެއީ އިސްލާހުވެގެން މުޖުތަމައުއަށް ނުކުމެ އުޅެންޖެހޭ ބައެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.