ޔޫއެފާ ޗެމްޕިއަންސް ލީގުގައި ފަހު ވަގުތު ޖެހި ދެ ގޯލުން ސްޕޯޓިން އިން ޓޮޓެންހަމްގެ މައްޗަށް ކުރި ހޯދައިފައެވެ.

ރޭ ސްޕޯޓިންގެ އަމިއްލަ ދަނޑުގައި ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗު ސްޕޯޓިން އިން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނުނު އެ މެޗުގަައި ފެނުނު ދެ ގޯލު ވެސް ފެނިފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެފައިވަނިކޮށެވެ.

މެޗުގެ 90 ވަނަ މިނެޓުގައި ސްޕޯޓިންއިން ފުރަތަމަ ގޯލު ޖެހިއިރު އެ ގޯލަކީ ޕެޑްރޯ ގޮންސަލްވޭސް ނަގައިދިން ކޯނަރަކުން ޕައިލީނިއޯ ޖަހައިދީފައިވާ ގޯލެކެވެ.

އޭގެ ތިން މިނެޓުފަހުން ޕައުލީނިއޯ ތަނަވަސްކޮށްދިން ފުރުސަތެއްގެ ބޭނުންހިފައިގެން އާތުރު ވަނީ މެޗުގެ ލީޑު އެ ޓީމަށް ފުޅާކޮށްދީފައެވެ.

އެ މޮޅާއެކު ސްޕޯޯޓިން ވަނީ ހަ ޕޮއިންޓާއެކު ގްރޫޕް ޑީގެ އެއްވަނައަށް ޖެހިލައިފައެވެ. މެޗުން ބަލިވި ޓޮޓެންހަމްއަށް ލިބުނު ތިން ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ދެވަނައިގެއެވެ. ތިން ވަނައިގައި އޮތް ފްރެންކްފާޓްއަށް ތިން ޕޮއިންޓް ލިބުނު ނަމަވެސް ފައިދާ ގޯލު ޓޮޓެންހަމްއަށް ވުރެ މަދުވުމުން އެ ޓީމަށް ލިބެނީ ތިން ވަނައެވެ. ތާވަލުގެ އެންމެ ފުލުގައި އޮތް މާސޭއަށް އެއްވެސް ޕޮއިންޓެއް ލިބަފައެއް ނުވެއެވެ.