އެޕަލްއިން 249 ޑޮލަރަށް ވިއްކާ އެއާޕޮޑް ޕްރޯ 2 ބާޒާރުތަކަށް ނެރެ، ވިއްކަން ފަށައިފިއެވެ.

އެޕަލްއިން މި މަހުގެ ކުރީކޮޅު ތައާރަފު ކުރި އެއާޕޮޑް ޕްރޯ 2 އޯޑަރު ކުރުމަށް ހުޅުވާލީ މިމަހުގެ ނުވައެއްގައެވެ. އޭރު އޯޑަރު ކުރި މީހުންނަށް އެއާޕޮޑްތައް ލިބެން ފެށީ އިއްޔެއެވެ.

ޑިޒައިނަކީ އަސްލު އެއާޕޮޑް ޕްރޯއާ އެއްގޮތް ޑިޒައިނެކެވެ. އެގޮތުން އެއާޕޮޑް ޕްރޯ 2ގެ ކަންފަތުގެ އެތެރެއަށްވާ ގޮތަށް ހުންނަ ސިލިކޯން ޓިޕްސް އާއެކު ވަށައިގެންވާ ބައްޓަންވެސް ހުންނަނީ ފުރަތަމަ އެއާޕޮޑްސްއާ ދާދި އެއްގޮތަކަށެވެ. އަދި ހުރިހާ އެއާޕޮޑްތަކާ އެއްފަދައިން އެއާޕޮޑްސް ޕްރޯވެސް ލިބެންހުރީ ހަމައެކަނި ހުދު ކުލައިންނެވެ.

އެހެން ނަމަވެސް މިފަހަރު އެޕަލްއިން އެއާޕޮޑްސް ޕްރޯ 2އަށް އިތުރުކުރި އަޕްޑޭޓްގެ ތެރޭގައި އެކްޓިވް ނޮއިސް ކެންސެލޭޝަން ހިމެނެއެވެ. އެއީ ބޭރުން އިވޭ ބޭކާރު އަޑުތައް ފާހަގަކޮށް، ކަންފަތަށް ފޯރުމުގެ ކުރިން އެ އަޑުތައް ހުއްޓުވާ ފީޗާއެކެވެ. އެޕަލްއިން ބުނާ ގޮތުގައި ދެވަނަ ޖީލުގެ އެއާޕޮޑްސް ޕްރޯއިން އަޑު ކޮންޓްރޯލް ކުރަނީ ސިކުންތަކަށް 48،000 ފަހަރު އަންނަ އަޑުގެ ސާމްޕަލް ނަގައިގެންނެވެ.

ހަމައެއާއެކު ޓްރާންސްޕޭރެންސީ މޯޑްވެސް ވަނީ އަޕްޑޭޓްކޮށްފައެވެ. އެގޮތުން އެޑަޕްޓިވް ޓްރާންސްޕޭރެންސީ ފީޗާއަކާއެކު އަޕްޑޭޓްކޮށްފައިވާއިރު، މިފީޗާއަކީ ތިމާގެ ވަށައިގެން އިވޭ ހުރިހާ އަޑެއް ބްލޮކް ނުކޮށް ހަމައެކަނި ބާރު އަޑު މަޑުކުރުމަށް ފަރުމާކޮށްފައިވާ ފީޗާއެކެވެ. އެއީ މިސާލަކަށް ސައިރެންގެ އަޑާއި، ކޮންސްޓްރަކްޝަން ޓޫލްސްއާއި، ކޮންސެޓެއްގައި ލައުޑް ސްޕީކަރުތަކާއި، އަދިވެސް އެފަދަ އަޑުތައް ބްލޮކް ކޮށްދޭ ފީޗާއެކެވެ. މިކަން ކުރެވޭނީ އެޗް2 ޗިޕް އިން އެނެބަލްކޮށްފައިވާ އޮން ޑިވައިސް ޕްރޮސެސިން ބޭނުންކޮށްގެންނެވެ.

އެއާޕޮޑްސް ޕްރޯ 2ގެ ސިލިކޯން ޓިފް ސައިޒްތަކުގެ ތެރޭގައި އެކްސްޓްރާ ސްމޯލް، ސްމޯލް، މީޑިއަމް އަދި ލާޖް ސައިޒް ހިމެނެއެވެ. އޭގެ ތެރެއިން އެކްސްޓްރާ ސްމޯލްއަކީ އަލަށް ތައާރަފު ކުރި ސައިޒެކެވެ.

އަދި އެއާޕޮޑްސް ޕްރޯ 2 ކަންފަތުގައި ޖައްސާ ވަގުތުން ފެށިގެން ލަވަތައް އަޑު އިވޭނެ ގޮތް ވެސް ޚިޔާރު ކުރެވޭނެއެވެ.

އެއާޕޮޑްސް ޕްރޯ 2ގެ ސްޓެމްސްގައި މިހާރު ޓަޗް ކޮންޓްރޯލް ހިމެނެއެވެ. އެގޮތުން އެއާޕޮޑްސް ޕްރޯ ޓަޗް ސެންސަރުގައި މައްޗަށް ނުވަތަ ތިރިއަށް ސްވައިޕް ކުރުމުން އަޑުގެ ބާރުމިން ބަދަލުކުރެވި، ފިއްތާލުމުން މިއުޒިކް ބަދަލުކޮށް ނުވަތަ ފޯނު ކޯލްތަކަށް ޖަވާބު ދިނުމުގެ އިތުރުން "ހޭ ސިރީ" ސަޕޯޓް ވެސް ހިމެނޭނެއެވެ.

ހަމަ އެހެންމެ އެއާޕޮޑްސް ޕްރޯގެ ފީޗާސްތަކުގެ ތެރޭގައި އެއް އައިކްލައުޑް އެކައުންޓަކަށް ސައިން އިން ކޮށްފައިވާ ޑިވައިސްތަކުގެ މެދުގައި ފަސޭހަކަމާއެކު ސްވިޗް ކުރުމާއި، ވަން ޓެޕް ސެޓަޕް ކުރުމާއި، އޯޑިއޯ ޝެއަރިން ފަދަ ފީޗާސްތަކަށް ސަޕޯޓް ކުރުން ހިމެނެއެވެ.

އެކްޓިވް ނޮއިސް ކެންސެލޭޝަން އޮން ކުރުމުން، އެއާޕޮޑްސް ޕްރޯ 2 އެއް ޗާޖަކުން ހަ ގަޑިއިރު ވަންދެން ބޭނުން ކުރެވޭނެއެވެ. އަދި ޗާޖިން ކޭސްއާއެކު އެއާޕޮޑްސް ބޭނުންކުރަން ޖުމްލަ 30 ގަޑިއިރު ލިބިގެންދާއިރު، އެއީ ކުރީގެ ޖީލުގެ މޮޑެލްއަށް ވުރެ ހަ ގަޑިއިރު އިތުރު އަދަދެކެވެ.

އެއާޕޮޑްސް ޕްރޯ 2 މެގްސޭފް ޗާޖިން ކޭސް ޗާޖު ކުރެވޭނީ ކީ ޗާޖިން މެޓް ނުވަތަ މެގްސޭފް ޗާޖަރު ނުވަތަ އެޕަލް ވޮޗް ޗާޖަރެއް ބޭނުންކޮށްގެންނެވެ. އެއީ އެޕަލް ވޮޗް ޗާޖަރުން އެއާޕޮޑް ޗާޖު ކުރެވޭ ގޮތް ހެދި ފުރަތަމަ ފަހަރެވެ.

އެއާޕޮޑް ޕްރޯގެ ކޭސްގައި ސްޕީކަރެއް ހަރުކޮށްފައި ހުރުމުން އެއާޕޮޑްސް ޕްރޯ ޗާޖިން ކޭސް ގެއްލިއްޖެ ނަމަ "ފައިންޑް މައި އެޕް"އިން ހޯދައިލެވޭއިރު، އާ ޔޫ1 ޗިޕް ބޭނުންކުރާ 'ޕްރެސިޝަން ފައިންޑިން'އާއެކު ފައިންޑް މައި އެޕް އިން ގެއްލިފައިވާ އެއާޕޮޑްސް އޮތް ދިމާއެއް ހޯދޭނެއެވެ.