މިސްރުގެ ޝަރަމުލް ޝައިޚުގައި އަންނަ މަހު ކުރިއަށްގެންދަން ހަމަޖެހިފައިވާ ކޮޕް27 ސަމިޓުގައި އިނގިރޭސި ރަސްގެފާނު ޗާލްސް ބައިވެރިވެވަޑައިނުގަންނަވާނެކަން އިއުލާންކޮށްފިއެވެ.

ތިމާވެށީގެ ހިމާޔަތުގައި ގިނަ މަސައްކަތްތަކެއް ކުރައްވާ ރަސްގެފާނު ޗާލްސް މި ސަމިޓުގައި ބައިވެރިވަޑައިނުގެންނެވުމަށް ނިންމެވީ އިނގިރޭސި ބޮޑުވަޒީރު ލިޒް ޓްރަސްގެ އެދިލެއްވުމެއްގެ މަތިންނެވެ.

ކޮޕް27 ސަމިޓުގައި ރަސްގެފާނުގެ ދަރިކަލުން ޕްރިންސް ވިލިއަމްވެސް ބައިވެރިވެވަޑައިނުގަންނަވާނެކަމަށް ޝާހީ ގަނޑުވަރު ކެންސިންގްޓަންއިން ވަނީ ހާމަކޮށްފައެވެ.

މިދިޔަ އަހަރު އޮތް ކޮޕް ސަމިޓުގައި ރަސްގެފާނު ޗާލްސް ބައިވެރިވެވަޑައިގެންނެވިއެވެ. ނަމަވެސް އިނގިރޭސި ރަސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު ބޭރު ގައުމަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަކީ ކޮޕް ސަމިޓަށް ކުރައްވާ ދަތުރުފުޅަށް ނުހެއްދެވުމަށް ރަސްގެފާނާއި ބޮޑުވަޒީރު ވަނީ އެއްބަސްވެވަޑައިގެންފައެވެ.

ރަސްގެފާނު ޗާލްސްއަކީ ތިމާވެށީގެ ދިފާއުގައި ގިނަ މަންސަތަކުގައި ވަކާލާތުކުރައްވާ ބޭފުޅެކެވެ. ވަލީއަހުދުގެ މަގާމުގައި ރަސްގެފާނު ހުންނެވި ދުވަސްވަރުގައި ޗާލްސް ވަނީ ތިމާވެށީގެ ދިފާއުގައި ގިނަ ތަގުރީރުތައް ދެއްވާފައެވެ.

އިނގިރޭސި ރަސްކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ސިޔާސީ އަދި މިފަދަ އެއްވެސް ހަރަކާތެއްގައި ޗާލްސް ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. އަދި ރަސްކަން ލިބިވަޑައިގަތުމަށް ފަހު ކުރިއަށް އޮތް ތަނުގައި މިފަދަ އެއްވެސް މަންސައެއްގައި ޗާލްސް ޚިޔާލުފާޅުކުރައްވާނެކަމަށް ނުބެލެވެއެވެ.

އެއީ ރަސްކަން ކުރައްވާ ބޭފުޅުންނަކީ އާންމު ގޮތެއްގައި އެފަދަ ހަރަކާތްތަކުގައި ބައިވެރިވާ ބޭފުޅުންނަށް ނުވާތީއެވެ. ޗާލްސްގެ މަންމާފުޅު ރާނީ އެލިޒަބެތުގެ ރަނިކަމުގައިވެސް މިފަދަ އެއްވެސް މަންސައެއްގައި ސިޔާސީ ގޮތުން ނަމަވެސް އެއްވެސް ޚިޔާލެއް ފާޅުނުކުރައްވައެވެ.