ޔުކްރެއިންގެ އިރުމަތީގައި ރަޝިއާ ހިފާފައިވާ ސަރަހައްދެއްކަމަށްވާ ލީމާން ސަރަހައްދުން ރަޝިއާ ސިފައިން ފައްސާލައި އެސަރަހައްދު މިނިވަންކުރިކަމަށް އިއްޔެ ޔުކްރެއިން ވަނީ ބުނެފައެވެ.

ޔުކްރެއިން ސިފައިން ނެރުނު ބަޔާނެއް ބުނިގޮތުގައި ރަޝިއާ ހިފާފައިވާ ޔުކްރެއިންގެ ދުންބާސް ސަރަހައްދުގެ ކައިރީގައި އޮންނަ ލީމާން ސަރަހައްދަށް ޔުކްރެއިން ސިފައިން އިއްޔެ ވަނީ ވަދެ އެސަރަހައްދުގައި ޔުކްރެއިންގެ ދިދަ އަލުން ނަގާފައެވެ. އަދި ރަޝިއާ ސިފައިންވަނީ އެތަން ދޫކޮށް ގޮސްފައެވެ. މިއީ ނޭޓޯގެ އަސްކަރީ އެހީއާއެކު ޔުކްރެއިންއަށް ލިބުނު އަސްކަރީ ބޮޑު ކާމިޔާބީއެއްކަމަށް ޔުކްރެއިންގެ ރައީސް ވްލްޑިމީރު ޒެލެންސްކީ ވަނީ ސިފަކުރައްވާފައެވެ.

ރަޝިއާ ވެސް ވަނީ ލީމާން ސަރަހައްދުގައި ތިބި ރަޝިއާ ސިފައިން ފަހަތަށް ޖެހުނުކަމަށް އެއްބަސްވެފައެވެ. ނަމަވެސް ރަޝިއާ ބުނާގޮތުން ލީމާން ސަރަހައްދު އެއްކޮށް ޔުކްރެއިންގެ އަތްދަށަކަށް ނުދެއެވެ. ރަޝިއާ ސިފައިން ފޭބީ އެތަނުގެ ބަޔަކުންނެވެ.

ޔުކްރެއިންގެ ހަމަލާތައް ވަރުގަދަވުމުން ލީމާން ސަރަހައްދުގެ ބޮޑު ބަޔަކުން ރަޝިޔާ ސިފައިން ފައިބައިގެން ދިޔައީއެވެ. އަދި ރަޝިއާ ސިފައިން ފޭބި ސަރަހައްދުގައި ރަޝިއާއާއި ޔުކްރެއިން ސިފައިންނާ ދެމެދު މިހާރުވެސް ވަރުގަދައަށް ހަނގުރާމަ ކުރަމުން ގެންދާކަމަށާއި ރަޝިއާގެ ހަމަލާތަކުގައި ޔުކްރެއިން ސިފައިންގެ އެތައް ސަތޭކަ ބަޔަކު މަރުވެފައިވާކަމަށް ރަޝިއާގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއް ބުނެއެވެ.

ރަޝިއާ ދާދި ފަހުން ވަނީ ރަޝިއާއިން ހިފާފައިވާ ޔުކްރެއިންގެ ހަތަރު ސަރަހައްދެއް ރަޝިއާގެ ތަންތަނުގެ ގޮތުގައި ހަމަޖައްސާފައެވެ. މިހަތަރު ސަރަހައްދަކީވެސް ޔުކްރެއިންގައި ރަޝިއާ ދަރިކޮޅުގެ މީހުންގެ އަޣްލަބިއްޔަތު އޮންނަ ސަރަހައްދުތަކެވެ.

މިތަންތަން ރަޝިއާގެ ތަންތަނުގެ ގޮތުގައި ހަމަޖެއްސީ އެތަންތަނުގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށްފަހު އެތަންތަނުގެ ގިނަ ބަޔަކު ޔުކްރެއިންއިން ވަކިވެ ރަޝިއާއާ ގުޅެން ފެންނަކަމަށް ވޯޓު ދިނުމުންކަމަށް ރަޝިއާގެ ބުނެއެވެ. އެކަން ކުރަންޖެހުނީ 2014 ވަނަ އަހަރުން ފެށިގެން ޔުކްރެއިންއިން އެސަރަހައްދުތަކުގެ ރަޝިއާ ދަރިކޮޅުގެ މީހުންނަށް އަނިޔާކޮށް އެމީހުންގެ މުދާ ފޭރުން ފަދަ އަނިޔާވެރި އަމަލުތައް ހިންގާތީ އެކަމުން ސަލާމަތް ކުރުމަށްކަމަށް ރަޝިއާ ބުނެފައިވެއެވެ.

ނަމަވެސް ޔުކްރެއިން އާއި ޔުކްރެއިންއަށް ހަނގުރާމައިގާ ވާގިވެރިވާ އެމެރިކާއާއި ޔޫރަޕްގެ ގައުމުތައް ރަޝިއާއިން ނެގި މި ވޯޓު ގަބޫލެއް ނުކުރެއެވެ. އަދި ވޯޓާ ގުޅިގެން އެތަންތަން ރަޝިއާގެ ބައެއްގެ ގޮތުގައި ރަޝިއާ ސަރުކާރުގެ މުއައްސަސާތަކުން ނިންމި ނިންމުންވެސް ގަބޫލެއް ނުކުރެއެވެ.

ރިޕޯޓްތައް ބުނާގޮތުން ރަޝިއާގެ ވަރުގަދަ މިސައިލް ހަމަލާތަކުގެ ސަބަބުން ޔުކްރެއިންއަށް ދަނީ މާއްދީ ބޮޑެތި ގެއްލުންތަކެއްލިބި ޔުކްރެއިންގެ އާންމުންނާއި ސިފައިން ކޮންމެ ދުވަހަކު ގިނަ އަދަދަކަށް މަރުވަމުންނެވެ. ކްރައިމިއާ ހިމެނޭ ގޮތަށް ޔުކްރެއިންގެ ބިމުގެ ގާތްގަނޑަކަށް 20 އިންސައްތަ ރަޝިއާގެ އަތްދަށުގައިވާއިރު މިއީ ގާތްގަނޑަކަށް ޔޫރަޕްގެ ގައުމެއްކަމަށްވާ ޕޯޗްގަލް އާ އެއްވަރުގެ ބޮޑު ސަރަހައްދެކެވެ.

މިވަރުގެ ބޮޑު ސަރަހައްދަކަށް އަސްކަރީ ސަޕްލައި އާއި ލޮޖިސްޓިކްސް ފޮނުވައިގެން އެސަރަހައްދުތައް ބެލެހެއްޓުމަކީ ރަޝިއާއަށްވެސް ފަސޭހަ ކަމެއްނޫންކަމަށްވެފައި އެމެރިކާގެ އިތުރުން ޔޫރަޕްގެ ގިނަ ގައުމުތަކުން ޔުކްރެއިންއަށް ގިނަ އަދަދަކަށް ޒަމާނީ ހަތިޔާރާއި ޖާސޫސީ ވަސީލަތްތަކާއި އިގްތިސާދީ އެހީއާއި ކުލީ ސިފައިން އާދަޔާ ޚިލާފަށް ފޯރުކޮށްދެމުން ގެންދިޔުމަކީ ރަޝިއާއަށް ކުރިމަތިވެފައިވާ އަސްކަރީ ބޮޑު ގޮންޖެހުމެއްކަމަށް އަސްކަރީ މުހައްލިލުން ދެކެއެވެ.

އިރާގާއި އަފްޣާނިސްތާންގައި އެމެރިކާ ކުރި ހަނގުރާމަތަކާ ޚިލާފަށް ޔުކްރެއިންގައި ރަޝިއާ ސިފައިން ގެންދަނީ ބޮޑު ސަރަހައްދަކަށް ފެތުރި ބިންމަތީގައި ހަނގުރާމަ ކުރަމުންނެވެ. އިރާގާއި އަފްޣާނިސްތާންގައި އެމެރިކާ ހަނގުރާމަކުރީ ހަމައެކަނި ބޮންއަޅައިގެން ވައިގެ މަގުންނެވެ. އެއްގަމު މަގުން ހަނގުރާމަ ކުރުމަށް އެމެރިކާ ސިފައިންވަނީ މުޅިން ފަސްޖެހިފައެވެ. އެއީ އެއްގަމުން ހަނގުރާމަކޮށްފިނަމަ އެމެރިކާ ސިފައިންގެ ގިނަ ބަޔަކު މަރުވާނެތީ ބިންމަތީގެ ބޮޑު ސަރަހައްދަކަށް ފެތުރިގެން އެމެރިކާ ސިފައިންނަށް ހަނގުރާމަ ނުކުރެވޭނެތީއެވެ.

އެހެންކަމުން އަފްޣާނިސްތާނުގައި އެމެރިކާ އެއްގަމު މަގުން ބިންމަތީގައި ތާލިބާނުންނާ ހަނގުރާމަ ކުރުމަށް ބޭނުންކުރީ އެމެރިކާ ތަމްރީން ދީފައިވާ އަފްޣާން ސިފައިންގެ ލަޝްކަރުތަކެވެ. އެމެރިކާ ކުރިހާވެސް ކަމަކީ ވައިގެ މަގުން ތާލިބާނުންގެ ތަންތަނަށް ބޮން އެޅުމެވެ. އެވަރުންވެސް 20 އަހަރު ތެރޭގައިވެސް އަފްޣާނިސްތާނުގެ ބިމުގެ ދެބައިކުޅަ އެއްބައިވެސް އެމެރިކާ ސިފައިންނަށް ހިފިފައެއް ނުވެއެވެ.

އިރާގަށް ބަލާއިރުވެސް އެމެރިކާ ސިފައިންނަށް އިރާގު ހިފުނީ ސައްދާމް ހުސައިންގެ ލަޝްކަރުތައް ހަނގުރާމަ ނުކޮށް ފިލުމުންނެވެ. އަނެއްކޮޅުން އިރާގަށް އެމެރިކާ އެރީވެސް 10 އަހަރުވަންދެން އިރާގާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި އދ. މެދުވެރިކޮށް އިރާގުގައިވާ ހުރިހާ ހަތިޔާރުތަކެއް ނައްތާލުމަށްފަހުގައެވެ.

އިރާގަށް އެމެރިކާ އެރުމަށްފަހު އުފެދުނު އައިއެސް ޖަމާއަތާވެސް އެއްގަމު މަގުން ބިންމަތީގައި ކުރިމަތިލައި ހަނގުރާމަ ކުރަން އެމެރިކާއަށް ކެރިފައެއް ނުވެއެވެ. އިރާގުގައި އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިންނާ ކުރިމަތިލައި އެމީހުން ބަލިކުރީ އިރާގު ސިފައިންނާއި އިރާގުގެ ޝިޔައީ މިލީޝިއާތަކަށް ނިސްބަތްވާ ހަނގުރާމަވެރިންނެވެ. މިކަމުގައި އިރާގަށް އީރާނުގެ މަދަދުވެސް އިންތިހާއަށް ލިބުނެވެ.

އެމެރިކާ ސިފައިން ކުރިހާވެސް ކަމަކީ ޖާސޫސީ މައުލޫމާތު ފޯރުކޮށްދީ އައިއެސްގެ އަމާޒުތަކަށް ދުރުގައި ތިބެފައި ވައިގެ މަގުން ހަމަލާދިނުމެވެ. އެވަރުންވެސް އައިއެސް ޖަމާއަތް ބަލިކުރުމަށް އެތައް އަހަރެއް ނެގިއެވެ.

އަނެއްކޮޅުން އިރާގާއި އަފްޣާނިސްތާނުގައި އެމެރިކާއާ ދެކޮޅަށް ހަނގުރާމަކުރި ފަރާތްތަކަށް ބޭރުގެ އެއްވެސް ފަރާތަކުން ހަތިޔާރު ފޯރުކޮށްދީފައެއް ނުވެއެވެ. އެތަންތަނުގައި އެމެރިކާ ހަނގުރާމަކުރީ ނޭޓޯގައި ހިމެނޭ އެތައް ގައުމެއްގެ ސިފައިންގެ ވެސް އެހީގައެވެ.

ނަމަވެސް ރަޝިއާ ޔުކްރެއިންގައި ހަނގުރާމަ ކުރަނީ އެކަންޏެވެ. އަދި އެމެރިކާއާއި ޔޫރަޕުން ގެންދަނީ އިންތިހާއަށް ޔުކްރެއިންއަށް ހަތިޔާރާއި ޖާސޫސީ މައުލޫމާތުވެސް ފޯރުކޮށްދެމުންނެވެ. ނަމަވެސް ރަޝިއާ ވަނީ ޔުކްރެއިންގައި ރަޝިއާގެ ބައެއްގެ ގޮތުގައި ހަދާފައިވާ ސަރަހައްދުތަކުގެ ދިފާއުގައި ނިއުކްލިޔާ ހަތިޔާރު ބޭނުން ކޮށްގެންވެސް އެތަންތަން ދިފާއު ކުރާނެކަމުގެ އިންޒާރު ދީފައެވެ.