ދުނިޔޭގައި އެންމެ ފުޅާދާއިރާއެއްގައި ކަރަންޓް ވެހިކަލް އުފައްދާ ކުންފުނި ކަމަށްވާ ޓެސްލާގެ ކާރުތަކުގައި މިހާރު ބޭނުންކުރަމުންދާ "އަލްޓްރާސޮނިކް ސެންސަރު"ތަކުގެ ބަދަލުގައި ޓެސްލާގެ އަމިއްލަ ސެންސަރު ސިސްޓަމެއް ބޭނުންކުރުން އިތުރުކޮށްފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ޓެސްލާއިން ބުނީ އެ ކުންފުނީގެ ކެމެރާ ސެންސަރު ސިސްޓަމަކީ އޮޓޯޕައިލެޓް ސިސްޓަމެއް ކަމަށާއި، މިހާރު ބޭނުންކުރަމުންދާ އަލްޓްރާ ސޮނިކް ސެންސަރުގައި ދުއްވަން އެހީތެރިވެދޭ ފީޗާގައި ރާޑަރާއި ކެމެރާ އެއްކޮށްގެން ބޭނުން ކުރުމަށްވުރެ ޓެސްލާ ވިޝަން ބޭނުންކުރުން މާރަނގަޅުވާނެކަމަށެވެ. ޓެސްލާ ވިޝަންގައި ބޭނުންކުރާނީ ހަމައެކަނި ކެމެރާއެއް ކަމަށާއި، އެކެމެރާ ގުޅިފައިވާނީ ކޮމްޕިއުޓަރައިޒްޑް ސިސްޓަމަކާ ކަމަށްވުމުން އެ ސިސްޓަމް މާ ރަނގަޅުވާނެ ކަމަށް ޓެސްލާއިން ބުނެއެވެ.

ޓެސްލާއިން ބުނެފައިވަނީ ޓެސްލާ ވިޝަނަށް ބަދަލުވާން ފެށީ މިދިޔަ އަހަރު އުފެއްދި މޮޑެލް 3 އަދި މޮޑެލް 'ވައި' އިން ފަށައިގެންކަމަށެވެ. އޭގެ ފަހުން މި އަހަރު މޮޑެލް 'އެސް' އަދި މޮޑެލް 'އެކްސް' ނެރުނު ކަމަށާއި އެމޮޑެލް ތަކުގައިވެސް ބޭނުންކުރަމުންދަނީ ޓެސްލާ ވިޝަން ކަމުގައި އެކުންފުނިން ބުންޏެވެ.

ޓެސްލާ ވިޝަންއާއެކު އެ ކާރުތަކުގެ އެކްޓިވް ސޭފްޓީ ރޭޓިން (ރައްކާތެރިކަމުގެ ފިޔަވަޅުގެ ނިސްބަތް) އެމެރިކާ އާއި ޔޫރަޕްގައި ރަނގަޅުކުރެފިވާ ކަމަށްވެސް އެކުނުންފުނިން ބުނެފައިވެއެވެ. އެގޮތުން ޕެޑެސްޓްރިއަން އޮޓޮމެޓިކް އިމަޖެންސީ ބްރޭކިން ނުވަތަ ކުއްލި ހާލަތްތަކުގައި ވެހިކަލް މަޑުކުރަން ޖެހޭ ދަނޑިވަޅުތަކަށް އަހުލުވެރިކުރެވިފައިވާ މިންވަރު ވެސް ރަނގަޅު ކުރެވިފައިވާ ކަމަށް ޓެސްލާއިން ބުންޏެވެ.

ޓެސްލާއިން ހާމަކުރާ ގޮތުގައި އެ ކުންފުނިން މިހާރު ނިންމާފައިވަނީ އުތުރު އެމެރިކާ، ޔޫރަޕް، މެދުއިރުމަތި، އަދި ޓައިވާންގައި ވިއްކާ އާ މޮޑެލް 3 އަދި މޮޑެލް ވައި ވެހިކަލްތަކުން އަލްޓްރާސޮނިކް ސެންސަރުތައް އެއްކޮށް ނައްތާލައި، ޓެސްލާ ވިޝަންއަށް ބަދަލުކުރުމަށެވެ.

ޓެސްލާއިން މިދިޔަ އަހަރު ނެރުނު މޮޑެލް 3 ކާރެއް -- ފޮޓޯ/ ޓެސްލާ

އިލެކްޓްރިކް ދަތުރުފަތުރާއި ދެމެހެއްޓެނިވި ހަކަތައާ ގުޅުން ހުރި މައުލޫމާތު ގެނެސްދޭ އެމެރިކާގެ ނޫހެއް ކަމަށްވާ 'އިލެކްޓްރެކް'އިން ފާހަގަކޮށްފައިވާ ގޮތުގައި ޓެސްލާއިން އަސްލު ކުރިން ބޭނުންކުރީ އޮޓޯޕައިލަޓް ސިސްޓަމެއްގެ ގޮތުގައި އަށް ކެމެރާއަކާއި ރާޑަރެއްގެ އިތުރުން އަލްޓްރާސޮނިކް ސެންސަރުތަކެކެވެ. ރާޑަރާއި އަލްޓްރާސޮނިކް ސެންސަރުތައް ބޭނުން ކުރުން ހުއްޓާލުމަށް ފަހު، އާ އުޅަނދުތަކުގައި ޑްރައިވަރަށް އެހީތެރިވުމަށް ބަރޯސާވާނީ ހަމައެކަނި އެންމެ ކެމެރާއެއް ހިމެނޭ ޓެސްލާ ވިޝަންއަށް ކަމަށް މީގެ ކުރިން އެ ވެބްސައިޓްގައި ރިޕޯޓް ކޮށްފައިވެއެވެ.

ޓެސްލާއިން ބުނާ ގޮތުގައި މި ބަދަލުގެ ސަބަބުން އެކްސިޑެންޓްތަކުން ސަލާމަތްވުމުގެ ނިސްބަތަށް އެއްވެސް ނުރަނގަޅު އަސަރެއް ނުކުރާނެއެވެ. ނަމަވެސް ޓެސްލާގެ ބައެއް ވެހިކަލްތަކުގައި ސެންސަރުތައް ހަރުނުކުރާކަމާއި، އެ އުޅަނދުތަކަށް ވަގުތީ ގޮތުން ބައެއް ފީޗާސްތައް ބޭނުން ނުކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އޭގެ ތެރޭގައި ޕާކް އެސިސްޓް، އޮޓޯޕާކް، ސަމަން، އަދި ސްމާޓް ސަމަން ހިމެނެއެވެ.

މިކަންކަން ފުރިހަމައަށް އިއާދަ ކުރެވޭނީ މިހާރު ބޭނުން ކުރަމުންދާ އުޅަނދުތަކާ އެއް ފެންވަރަކަށް ޓެސްލާ ވިޝަން މަސައްކަތްކުރާކަން ކަށަވަރުވުމުން، ސޮފްޓްވެއާ އަޕްޑޭޓެއް ގެނެސްގެން ކަމަށް އެ ކުންފުނިން ބުންޏެވެ.

ޓެސްލާގެ ކާރުތަކުގައި ކުރިން ބޭނުންކުރި ރާޑަރު ސިސްޓަމެއް މިދިޔަ އަހަރު ނެގުމުން ވެސް ބައެއް ފީޗާތައް ބޭނުންނުކުރެވޭ ގޮތް ހެދިއެވެ. އެގޮތުން ޓެސްލާ ވިޝަންގެ ދަށުން، އެއް ލޭނެއްގައި ކާރު ދުއްވުމަށް އެހީތެރިވެދޭ އޮޓޯސްޓިއާގެ ސްޕީޑް ގަޑިއަކު 75 މޭލަށް ދަށްކުރިއެވެ. ނަމަވެސް އޭގެ ފަހުން އެ ފީޗާ ވަނީ އިއާދަކޮށްފައެވެ.

ޓެސްލާގެ ސީއީއޯ އީލޯން މާސްކް ވިދާޅުވާ ގޮތުގައި އެހެން ކުންފުނިތަކުގެ ކާރުގައި ޑްރައިވަރުންނަށް އެހީވުމަށް އުފައްދާފައިވާ ނިޒާމުތަކުގައި ރާޑަރާއި ކެމެރާތައް އެއްކޮށް ބޭނުން ކުރި ނަމަވެސް ހަމައެކަނި ކެމެރާ ބޭނުންކުރާ ނިޒާމަކަށް ބަދަލު ކުރުމަކީ މާ ބުއްދިވެރި ގޮތެކެވެ. އެގޮތުން ވެހިކަލް ދަތުރުކުރާ މަގުތައް ފަރުމާކޮށްފައިވަނީ ހަމައެކަނި ލޮލުން ބަލައިގެން ދަތުރުފަތުރުކުރާ އިންސާނުންނަށް ކަމަށް ވާތީ ކާރަށް ވެސް ހަމައެކަނި ކެމެރާގެ އެހީގައި ދަތުރުކުރެވޭނެ ކަމަށް މަސްކް ވިދާޅުވިއެވެ.

މަސްކް އެހެން ވިދާޅުވި ނަމަވެސް ޓެސްލާގެ ފަހުގެ އުފެއްދުން "ޓެސްލާ ވިޝަން"ގައި ހިމަނާފައިވަނީ ހަމައެކަނި ކެމެރާއެއް ނޫނެވެ. ކެމެރާގެ އިތުރުން އެއާގުޅިފައިވާ ކޮމްޕިއުޓަރައިޒްޑް އެހެނިހެން އާލަތްތައްވެސް އެ ނިޒާމުގައި ބޭނުންކުރެއެވެ.