"އިމާމް އިބްން ގައްޔިމް ވިދާޅުވިއެވެ. ދުނިޔެ ދައްކާ ހުވަފެންތަކާއި ދުނިޔަވީ އެދުންތަކުގެ މެދުގައި ވަގުތުތައް ނަގައިލާ މީހެއްކަމުގައި ތިބާ ނުވާށެވެ."

***

"ހިތްހެޔޮކުރައްޗޭ ރޯޒަލީ...މަށަށް ކަންތައްކުރެވުނީ ރަގަޅަކަށްނޫން. ލޯބީގެ އަވައިގާ ޖެހި އިންސާނުން ބައެއްފަހަރު ތަޚުތުވެސް ދޫކުރޭ..."ޖިޔާދު ރޯޒަލީގެ ބުރަކަށީގައި ފިރުމައިލިއެވެ."އަހަރެމެންނަށް ލިބުނީ އިބުރަތެއް. ޖިންނިންގެ ދުނިޔެއާއި ގުޅި ލާމެހުނީމަ ހުރިހާ މުސީބާތްތަކެއް ލައިގަންނާނެ. ސިހުރާއި ފަންޑިތައަކީވެސް ގޯހެއް. މިކަންތައް ދަސްކޮށްގެން މިކަމުގެ ތެރެއަށް ނުވަދެވުނުނަމައޭ ހިތަށް އަރާ..."

ރޯޒަލީ ނުދާން އުޅެނިކޮށް ގަދަކަމުން ކަހަލަގޮތަކަށް ގެންގޮސް އެތެރެއަށް ލާފައި ޖިޔާދު ދޮރުލެއްޕިއެވެ.

ގަޑިއެއްހާއިރުފަހުން ޖިޔާދުގެ ހަޅޭކުގެ އަޑަށް އެންމެން ބޭރަށް ނުކުތްއިރު ފެނުނު މަންޒަރަކުން ހުއްޓުން އެރިއެވެ. ގަސްތަކުގެ ތެރެއަށް ވެއްޓިފައި އޮތީ ޖިޔާދުގެ ފުރާނަނެތް މަސްގަނޑެވެ. ލޮލާއި މޭގަނޑުވެސް ދަމައިގަނެ ރަހުމްކުޑަ ހަމަލާއެއް ދީފައިވާގޮތުން އިންސާނެއްގެ އަމަލުނޫންކަން އެނގުނެވެ. ހަޒަލްގެ މޫނަށް އަނދިރިވާގޮތްވިއެވެ. ތޫރި ފަޅައިގެންދާހާ ތޫނުކޮށް އެމާ ހަޅޭއްލަވައިގަތުމާއެކު ބިންމައްޗަށް ތިރިވިއެވެ. ހައިސަމްއާއި ރާހިލް ޖިޔާދުއަށް އެހީވާން ކައިރިވިއިރު ފުރާނަނެތްކަން ޔަގީންވިޔަސް ގުޅަންޖެހޭ ފަރާތްތަކަށް ގުޅިއެވެ. މާގިނައިރެއްނުވެ ފުލުހުންނާއި އެމްބިއުލެންސް އެތަނަށް ހާޟިރުވެ ޖިޔާދުގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންގޮސްފިއެވެ. އެންމެނަށް ނަފްސާނީގޮތުން އަސަރުކޮށްފައިވާއިރު އިންތިހާއަށް ދެރަވެ ބިރުވެސް ގަނެއްޖެއެވެ. އެމީހުންނާއި ޖެހިގެން އުޅެނީ އާދައިގެ ކަމެއްނޫން ކަމާއި ބިރުވެރިކަން އެމީހުންގެ ދިރިއުޅުމުގެ ދެވަނަ ނަމެއްގެ ގޮތުގައި ހިމެނިއްޖެކަން އެންމެނަށް އިހުސާސްކުރެވުނެވެ.

***

ޖިޔާދުގެ ޖަނާޒާ މެންދުރު ބޭއްވުމަށްފަހު އެންމެންގެ މޫނުމަތިން ފެނުނީ ވަރުބަލިކަމާއި ނުތަނަވަސްކަމެވެ. އެންމެ ފުން އަސަރެއްކޮށްފައިވަނީ ޖިޔާދުގެ ދަރިންނަށެވެ. ރާހިލް ހަޒަލް އަދި އެމާގެ ލޮލުން ކަރުނަ ނުހިކެއެވެ. ބައްޕައަށްކޮށްފައިވާ ރަހުމްކުޑަ އަނިޔާތަކަށް ދުވަހަކު މާފުދޭން އެކުދިން ނެތެވެ. އެކަން ކުރީ އިންސާނެއް ނޫންކަން އެނގުނަސް އިންސާފު ހޯދަން ބޭނުންވިއެވެ. ދެރައީ ފެންނަން ނެތް މަޚުލޫގުން ތަކާއި ހަގުރާމަކުރަން ޖެހުމެވެ.

***

އެންމެން ސިޓިން ރޫމްގައި ތިއްބާ ކުޑަދޮރު ހުރަސްކޮށް ހިޔަންޏެއް ދިޔަހެން ހީވިއެވެ. ހައިސަމް ވަގުތުންގޮސް ދޮރު ހުޅުވާލާފައި ބޭރަށް ބަލައިލިއިރު އެއްވެސް އެއްޗެއް ފެންނަން ނެތެވެ. ވައިރޯޅިތަކުގެ ނާނާގެ އަޑު ފިޔަވާ ބޭރުގައި ހިމޭންކަން ފިޔަވާ އެހެން ކަމެއްނެތެވެ. ކައިދަން ގެއަށް ވަނީ އިރުގަނޑެއްފަހުންނެވެ. އޭނަގެ މަންމަވެސް އެގޭގައި އިންތަން ފެނުމުން ކުޑަކޮށް ހީލިއެވެ.

"ބޭރުން ދެންމެ ހިޔަންޏެއް....ކޭޑް ނުދެކެންތަ؟"ހަޒަލް އެހިއެވެ.

"ދެކުނިން...އެއީ ރަވާންކަމަށް ހެދިގެން އަންނަ...."ކައިދަންއަށް ޖުމްލަ ފުރިހަމަނުކުރެވުނީ ފުރާޅުމަތިން އިވުނު ބާރު އަޑުފަށްގަނޑަކުންނެވެ. ސޫފީވެސް ރޮއިގެންފާ ކައިދަންގެ ކަނދުރާގައި އެލިގަތެވެ. އެ ނޫކުލައިގެ ޖަވާހިރެއްފަދަ ލޯ ބޮޑުކޮށްލަމުން ވަށައިގެން ހޯދައިލަމުންނެވެ.

"އޭނަ ބުނީ ގުރޭޝާ މަރެއްނުވެއޭ. ގުރޭޝާއާއިހެދި އުޅޭ އެހެން ބާރުގަދަ ޖިންނި ރަސްކަލެއްގެ ފަރާތުން ގުރޭޝާއާއި ޝަހްމީރު އަދި އާއިލާއަށް ގޯނާކޮށް އުދަގޫކުރަމުން އެދަނީ. ގުރޭޝާވެސް ހައްޔަރުކޮށްގެން ކަނޑުގެ ކިއްލާއެއްގައި ގެންގުޅެނީ. ޖިޔާދުބެ މަރައިލީވެސް އެ ޖިންނިން. މިގޭގައި އުޅޭ ޖިންނިންވެސް އެހާ ރަހުމްކުޑައެއްނޫން..............."ކައިދަން ބިރެއްނެތި ކިޔައިދިނެވެ.

"ރަގަޅަށްވިއްޔާ ޖިޔާދުވެސް އެ ޖިންނި ނައްތާލަން ފަންޑިތަ ހަދަން ތިއުޅުނީ. މިހާރު މިވިސްނުނީ..."ރޯޒަލީ މަޑުމަޑުން ބުނެލިއެވެ."އެކަމަކު ޖިޔާދު އަދި ގުރޭޝާއާއި ހެދި އުޅުނޭ ކިޔާފައި އަހަރެމެންނަށް ކޮން އުދަގުލެއް މިކުރަނީ؟ "

"މަންމަމެން އެސޮރުމެންނަށް ފަންޑިތަހަދާނެކަން އެނގޭނެއްނު..."ހަޒަލްއާއި އެމާ އަދި ޚަލީސީ ތިބީ އެއް ސޯފާއަކަށް އަރާ ބޮނޑިވެގެންނެވެ.

"ސިހުރުވެރިއެއްނު ގެންނަންވީ....."

"ނޫން ނޫން. އެއީ ދީނުގައި ހުއްދަކަމެއްނޫން. ޒިކުރުކޮށް ދުޢާތަކާއި ގުރުއާނުން ސަލާމަތްކަން ހޯދަންވީ..."ހައިސަމް ދެކޮޅުހެދިއެވެ."ރޭގަނޑު ބަގަރާ ސޫރަތްޖެހީމަ ކުރީކޮޅު އުދަގޫކޮށްފައި ކާފަރު ޖިންނިން ދުރަށް ދާނެ. ސްޕީކަރު ބަހައްޓައިގެން ހަމަ ބާރަށް ގުރުއާން ޖަހަންވީ......"

"ދަރިފުޅު...އެސޮރުމެންނަށް ތި ކިޔާ ހުރިހާ އެއްޗެއް އިވޭނެ." ރޯޒަލީ ތުންފަތުގައި އިނގިލި ޖައްސާފައި ހިމޭންވާން އިޝާރާތްކުރިއެވެ.

އެރޭ ފަތިސް ނަމާދު ބަންގިދިންއިރުވެސް ލޮލު ފިޔަޖަހައިނުލާ އެންމެން ތިބީ ހޭލައެވެ.

***

ކައިދަން ސޫފީގެ ހަރަކާތްތައް ދެކެން ގަހަށް ލެނގިލައިގެން ހުރިތަން ފެނިފައި ހިލްމާ އެދިމާލަށް އައެވެ.

"ކައިދަން ނުކިޔަވާ މީހެކޭ ކިޔައިގެން މަލާމާތްކުރާ ކުދިން ގާތު ބުނަންވީނު އޭލެވެލް ހަދާފައި ޑިގްރީއަށް ކިޔަވަމުން ބައްޕަގެ ވިޔަފާރިއާއި ގުޅިގެން އުޅޭ ބިޒިނަސްމޭންއެކޭ. މީހުން ކުރިމަތީގައި ތިހާ ނިކަމެތިވެގެން ހުންނަން ޖެހޭތަ؟ ތިއީ ވާލެއް ޔާރެއްނެތް މިސްކީނަކީތަ؟"ހިލްމާ ހިތްހަމަނުޖެހޭގޮތްވިއެވެ.

"މީހުންދެކޭގޮތް މުހިއްމެއްނޫން މަންމާ. މީހުން ދެކެނީ މޮޔައެއްކަމަށް. އެންމެނަށް އެއީ ކީއްވެކަން ބުނެދޭނީ ކިހިނެއްތަ؟ މިހުރިހާ ދުވަހު ވާހަކަދެއްކީ ރަވާންއާއި ރާމިސް އަދި ލައިލާއާއި.....ރަވާންއަކީ ބޭބެއެއްކަމަށް ހީކުރީ. އެކަމަކު އެހެނެއްނުވި. ދެން އޮތީ ވިޔަފާރީގެ ވާހަކަ. އެކަން އެހެން މީހުންނަށް އެނގުނަސް ވަކި ކީއްކުރާނީ؟ ފައިސާ ހުއްޓަސް ވަކި އުފަލެއް ނުލިބޭނެކަން ނޭގޭ......." ކައިދަން ހުރީ ހަމަޖެހިލައިގެންނެވެ.

"އާނ މަންމައަށް ތިކަން ވިސްނުނުއިރު ވަގުތު ފާއިތުވެއްޖެ..."ހިލްމާގެ ލޮލަށް ކުއްލިއަކަށް ކަރުނަ އައިތަން ފެނި ކައިދަން ދެރަވިއެވެ. މާމަގެ މަތިން ހަނދާން އާވާފަދަ ޖުމްލައެއް ނުބުނަން އޭނަ މަސައްކަތްކުރެއެވެ.

"ކޭޑް..ކޭޑް....ރަވާން....އެބަހުރި....." ހަޒަލް ދުވަމުން އައިއިރު އޭނަ ހުރީ މައިނޭވާލެވިފައެވެ.

"ރަވާންއޭ؟"

"އާނ...ކޭޑްއާއި ބައްދަލުކުރަން ބޭނުމޯ...."

"މަންމަގެ ވާހަކައެއް ނުބުނޭތަ؟"ހިލްމާ އަށް މޭގައި އަތް ޖައްސައިލެވުނީ އޭނަގެ އަނެއް ދަރިފުޅު ދެކޭހިތުންނެވެ. އަވަހަށް ހިނގައިގަންނަން ހަދައިގެން ފައި ފުރޮޅައިލުމުން ކައިދަން ހުޝިޔާރުކަމާއެކު މަންމަގެ އަތުގައި ހިފެހެއްޓިއެވެ. ސޫފީ ކުޑަ ޓްރަކަށް ފަސް އަޅަން ދޮންވެލި ފުންޏެއްގެ ކައިރީގައި އިންއިރު އެހާ ފަސޭހައިން ދުރަށް ނުދާނެކަން ކައިދަންއަށް އެނގުމުން ހަޒަލް ގާތު ބަލަން ބުނެލިއެވެ.

"ހެލޯ ޓްވިން އެންޑް މަދާ...." ތަންކޮޅެއް ފުން އަޑެއް އިވުމުން ކައިދަން އެނބުރިބަލައިލުމާއެކު ފެނުނީ އޭނަގެ ސޫރައެވެ. ލޯގަނޑުން މޫނަށް ބަލައިލެވުނުފަދައެވެ. ތަފާތަކީ ރަސްމީކަމެވެ. ސޫޓެއްގައި ހުރިއިރު އިސްތަށިގަނޑު މައްޗަށް ފުނާ އަޅާފައިވާގޮތުން ނިކަން ޝާހީއެވެ. އަގު ބޮޑު ގަޑިއެކެވެ. ހިލްމާގެ ހައިރާންކަން އިތުރުވިއެވެ. ރަވާން ކުޑައިރު ކައިދަންއާއި ވައްތަރެއްނޫނެވެ. މުޅިން ތަފާތު ސިފައެކެވެ. މިވީ ކިހިނެއްހެއްޔެވެ؟ އެހެންނޫނަސް ސްކޭން ޑޮކްޓަރވެސް ބުނީ އެންމެ ކުއްޖެއްކަމުގައެވެ. އަޖައިބެއް ނޫންހެއްޔެވެ؟ސްކޭނަށްވެސް ފިލައިގެން އުޅުނު ދަރިއަކީ މިއީކަން ނޭގެއެވެ.

"ރަވާން........."

"މިރަށުގައި ޖިންނިންގެ އުދަގޫބޮޑުވެ އިންސާނުންނަށް ދިރުއުޅެން އެކަށީގެންނުވާ ހިސާބަށް ނުދަނީސް ރަށް ސަލާމަތްކޮށް ރުގުޔާކޮށްދޭން މިއައީ. މިރޭ އިރުއޮއްސުމުން ވަރުގަދަ ހަގުރާމައެއް އަލުން ހިނގާނެ. އިރުއޮއްސޭއިރަށް އެންމެން ގެއަށް ވަދެ ދޮރު ލައްޕާލައިގެން ތިބޭތި. އެކަމުން ސަލާމަތްކޮށްދޭނަން. އެއްފަސްގަނޑެއްގައި ހޭދަކުރާ އެންމެ ދުވަހެއްގައި ހިތަށް އެރީ ފެނިލާނީއޭ. ސަބަބަކީ ދުނިޔެއަށް އުފަންކުރި ކަމަނާއާއި އެއް ގޮހޮރެއްގައި ހަތްމަސް ހޭދަކުރި ބައިވެރިޔާ ދެކިލުމުގެ ޝަރަފު ލިބެން ޖެހޭނެތީ. އިތުރަށް އަޅުގަނޑުގެ ދިރިއުޅުމުގެ އެއްވެސް ކަމަކާއި ސުވާލުނުކުރުމަށް އެދެން. ސަބަބަކީ އެ ދިރިއުޅުމުން ޖާގަ ނުލިބޭނެތީ........."ރަވާންގެ މޫނުމަތިން އެއްވެސް އަސަރެއްނުފެނެއެވެ.

ކައިދަންއާއި ރަވާންގެ ހަތަރުކަޅި ހަމަވިއެވެ. ރަވާންގެ ލޮލުން "ކުލުުނު"ގެ ކުޑަ ކުޑަ އަސަރެއް ފެނިލިހެން ހީވެ ދެމީހުންގެ ހިތް ގުޅުނުފަދަ ސިކުންތުކޮޅަކަށްފަހު އެ ވަގުތުކޮޅު ވިއްސިވިހާލިވެގެން ދިޔައެވެ.

"ރަވާން...އެއީ ކީއްވެ؟"

"ސުވާލަކީ ނުރުހެވޭ އެއްޗެއް. ޖަވާބެއް ނުލިބޭ ސުވާލަކީ ވަގުތު ބޭކާރުކުރުން. ޓައިމެއްނެތް. ދާންވެއްޖެ...މިރޭ މިބުނާހެން އެންމެން ކަންތައްކުރާތި..."

ހިލްމާގެ ހިތަށް ނުބައިގޮތެއްވިއެވެ. ކުށްވެރިކަމާއި ހިތްދަތި އިހުސާސްތަކުން ހިތްފުރިގެން ދިޔައެވެ. އޭނަގެ ދަރިން އޭނައާއިމެދު ކަންތައް އެކުރީ އޭނަ މަންމައާއިމެދު ކަންތައްކުރި ބީދައިންނެވެ.

"ރަވާން......ރަވާން..."ހިލްމާއަށް ބޭއިޚުތިޔާރުގައި ގޮވައިލެވުނެވެ. ފަހަތުން ދާން ހިނގައިގަތުމާއެކު ހީވީ މީހަކު ދެފައިގާ ހިފެހެއްޓިހެންނެވެ. ދެފައި ގަނޑުވާގޮތްވިއެވެ.

"ވަރަށް ޑީސެންޓް. މާތްފާޑު ހުރީ. ރާގީއެއްކަމަށްވާނީ..."ހަޒަލް ތައުރީފުކުރިއެވެ.

"ނޫން. ޖިންނިންނަކީ ދޮގުހަދާ ބަޔެއް. އަހަންނަށް މިހާރު ޔަގީން. ރަވާންއަކީ އިންސާނެއްނޫން....އެހެންވެ އެގޮތަށް ވާހަކަ ހުރީ..." ކައިދަންއަށް ބުނެވުނެވެ. "އައި ކެން ފީލް....އެއީ އިންސާނެއްނޫން. އެދެލޮލަށް ބަލައިލުމުން އެކަން ޔަގީންވި......"

"އޭނަގެ ސޯލްއެއް ހުރިތަ؟"

"ހަހަހަ. ސާބަހޭ ހަޒަލް. ޖިންނިންގެވެސް ފުރާނަ ހުންނާނެ ދޯ....ދޮގުހަދަނީއޭ މިބުނީ ހޭޒް ބައްޕަވެސް ބުނި ގުރޭޝާ މަރުވީއޭ. ފަހުން އެ ޚަބަރުވެސް ދޮގަކަށްވީ. ރަވާންގެ ކަންތައްވެސް ނިމޭއިރު އެހެންގޮތަކަށް ދާނެހެން ވަރަށް ހީވާން ފަށައިފި....މަންމަމެން ބުނާގޮތުން އެދުވަހު އެތަނުން ފެނުނީ މުޅިން އެހެން ވައްތަރަކަށް އޮތް ކުއްޖެއް. ދެން ރަވާން ކޮބާ؟" ކައިދަންގެ ހިތުގައި އުފެދުނު ސުވާލުތައް ވުޖޫދަށް އައެވެ. "ހަމަ ތަފާތު ސިފައެއްގައިވިޔަސް އަބަދު އަހަރެން ގާތަށް އަންނަނީ ރަވާން...އެބުނީނު އަސްލު ސިފައިގާ ފެންނަން ޖެހޭތީއޭ. އެއީ ހަމަ ރަވާން...މިހެން މިބުނަނީ ބްރަދަލީ ލަވް ފީލްވަނީ ކީއްވެ؟ ޖިންނިއެއްދެކެ މަށަކަށްވެސް ލޯތްބެއް ނުވެވޭނެ ދޯ. އެކަމަކު ރަވާންއަކީ ހަމަ ވަރަށް ލޯބިވާ މީހެއް......."

"މާމަގެއިންވެސް ފެނުނީ ހަމަ ރަވާން ދޯ...."

"ޔެސް....ޔަގީންކަމެއް..."

ހިލްމާ ގަހުގެ ގޮފިގަނޑެއްގައި ހިފަހައްޓައިގެން ދެރަވެފައި ބަލަން ހުރިގޮތުން ކައިދަންގޮސް މަންމަ ހިތްހަމަޖައްސާދޭން މަސައްކަތްކުރިއެވެ.

***

އިރުއޮއްސުމާއެކު ރޯޒްމެހެލްގެ އެންމެން އެތެރެއަށްވަދެ ދޮރު ލައްޕާލައިގެން ތިބީ ރަވާންގެ ފަރާތުން ރަގަޅުގޮތެއްވާނެކަމުގެ އުއްމީދުގައެވެ. ސިޓިންރޫމްގައި އެންމެން އެކީ ތިބުމުން ރައްކާތެރިވާނެކަމަށް ބަލައިގެން ތިއްބަސް ރޯޒަލީއާއި ހިލްމާ ގުރުއާން ކިޔަވާ ޒިކުރުކުރަމުން ދިޔައެވެ.

ކުއްލިއަކަށް އުޑުކުދިކުދިވެގެން ބިމަށް ފައިބައިގަތްފަދަ ނުބައި އަޑެއް އިވުމާއެކު މުޅިތަން ގުޑައިލިއެވެ. އެންމެނަށް އެކީ ހަޅޭއްލަވައިގެންފާ އެކިތަންތަނުގާ ހިފަހައްޓައިގެން ތިބިއިރު ރޯޒަލީ އާއި ހިލްމާ އެވަގުތު އެނގުނުހާ ހެޔޮ އެއްޗިއްސެއް ކިޔަވަމުން ދިޔައެވެ. ސޫފީވެސް އަޑުކޮޅަށް ރޮނީއެވެ. ނުވީތާކަށް ގޭގެ ބޮކިތައް އަނދާ އަނދިރިކަމުގެ ތެރެއަށް ގެނބުނެވެ. ދޮރު ހުޅުވަން މަސައްކަތްކުރުުމުން ތަޅު އަތަށް އައީއެވެ. ޖިންނިން ފުރިހަމަ ބާރާއެކު އެކުޑަ އާއިލާއާއި ދެކޮޅަށް ހަމަލާދެމުން ދިޔައެވެ. ފަހުން އެ އުދަގޫތައް ހުއްޓި ބޭރުން އިވުނީ ގުންފައި ޖަހާއަޑާއި ތަޅާފޮޅާ އަޑެވެ. އޭރު ބޯކޮށް ވާރޭވެހޭ އަޑުވެސް އިވެންފެށިއެވެ. ކުޑަދޮރުތަކަށް ތަފާތު ވައްތަރުގެ ހިޔަނިތައް އެޅެމުން ދިޔައެވެ. ހިޔަނިތައް އެކަތި އަނެކައްޗާއި ތަޅާފޮޅަނީ އެވެ. ދޭތެރެއަކުން ވިދުވަރުފަދަ ތޫނު އައްޔާއި އަލިފާން ގުޅަތައް ގޮވައިގެންދާތަންވެސް ފެނެއެވެ. އަލިފާނާއި ހިޔަނީގެ ކުޅިވަރެކެވެ. ބިރާއި ސިހުން އެކުލެވި ނޭވާ ހިފަހައްޓާލައިގެން ތިބެވުނީ މިވާ ނުވާ ނޭގިފައެވެ.

ކައިދަން ސޫފީގެ ގައިގާ އަޅާ ރަޖާ ނަގަން ކޮޓަރިއަށް ވަންނަން ދިޔައިރު އަނދިރި ކޮރިޑޯއިން ދަންނަ ސޫރައެއް ފެނުނެވެ.

"ރަވާން؟"

"އާނ...."

"މިތާ ކީއްކުރަނީ؟ ތިއީ ކާކު؟"

"އަހަންނަކީ ހަމަ ރަވާން......"

"މަގޭ ޓްވިން ބްރަދަރ؟"

"ރަގަޅަށް ތިބުނީ. ހަގީގަތް ކިޔާދޭން ހިތަށް އެރީ....ރަވާންގެ ނަމުގައި ކައިދަންގެ ސިފައިގާ ހުރެ މިއަދު ބައްދަލުވީ ޖޯވިއަންއާއި.."

"އެވެސް ޖިންނިއެއްދޯ. ހިތަށް އެރިއޭ......ކޮން ހަގީގަތެއް ކިޔާދޭން ތިއައީ؟" ކައިދަން ރަވާންގެ ލޮލަށް ބަލައިިލިއެވެ. ނަފްރަތުކުރާން އުޅުނަސް ހިތުގައިވީ ލޯތްބެވެ. ބުނަން ނޭގޭފަދަ ގާތްކަމެކެވެ. އެއްމާބަނޑު މީހަކު ދެކެ ވެވޭނެފަދަ ސާފު ތާހިރު ލޯތްބެކެވެ.

ނުނިމޭ