10 Oct 2022, 23:26
ވ. އަތޮޅުގައި ފްލޯޓިން ރިސޯޓެއް އެޅުމުގެ މަސައްކަތް ފަށަން އެ އަތޮޅު ކައުންސިލުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ މިރޭ "ސަން" އަށް ވިދާޅުވީ އެ އަތޮޅުގައި ފްލޯޓިން ރިސޯޓެއް ތަރައްގީކުރުމަށް މަޝްވަރާކޮށް އިތުރު ކަންކަން ނިންމުމަށް ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ލެވިނި ހޮޓެލްސްއާ އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވާކަމަށެވެ.
އެ އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ޝުޖާއު ސޮއިކުރެއްވި އިރު ލެވިނި ހޮޓެލްސްގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ ނައިބު ރައީސް ޑރ. ވަރިސާ ލިމްސަކުލް އާއި މެނޭޖިން ޑިރެކްޓަރު އަބްދުﷲ ރަޝީދެވެ.
ޝުޖާއު ވިދަޅުވީ ވ. އަތޮޅުގައި އެފަދަ ޕްރޮޖެކްޓެއް ހިންގުމަށް ލެވިނި އިން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށެވެ. އެހެންކަމުން ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ލިބިފައިވާ، ޖޮއިންޓް ވެންޗާ އުސޫލުން ވިޔަފާރިކުރުމުގެ ފުރުސަތުގެ ދަށުން އެ މަސައްކަތް ކުރިއަށް ގެންދަން އެއްބަސްވީކަމަށް އޭނާ ވިދާޅުވިއެވެ.
އޭނަ ވިދާޅުވީ މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން، 36 މަސް ދުވަހުގެ ތެރޭ ފްލޯޓިން ރިސޯޓުގެ އަމަލީ މަސައްކަތް ފެށޭނެކަމަށެވެ. އަދި ރިސޯޓު ތަރައްގީކުރުމަށް ސަރަހައްދުތަކެއް ފާހަގަކޮށްފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ފާހަގަކުރެވޭ ސަރަހައްދުތަކާ ގުޅޭ ދިރާސާތައް ދެން އެބޭފުޅުން ކުރައްވާނެ،" އޭނާ ވިދާޅުވިއެވެ.
މި މަޝްރޫއާ ގުޅޭގޮތުން ކަމާގުޅޭ މިނިސްޓްރީތަކާ ވެސް މަޝްވަރާ ކުރާތާ މިހާރު އަހަރެއްހާ ދުވަސް ވެފައިވާކަމަށް ޝުޖާއު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އާދައިގެ ރިސޯޓެއް ވ. އަތޮޅުގައި ތަރައްގީކޮށްގެން އަތޮޅުގެ ރައްޔިތުންނަށް ފައިދާއެއް ނުވާނެކަމަށެވެ.
"މި އަތޮޅުގަ ހިންގަނީ ގެސްޓް ހައުސް ފެންވަރުގެ ރިސޯޓުތައް. ވ. އަތޮޅުގަ ޓޫރިޒަމަށް އިތުރު ކުރިއެރުމެއް ގެންނަންޏާ، ގެންނަންވީ ތަފާތު ވިސްނުމެއްގަ ގެންނަ ރިސޯޓެއް،" ޝުޖާއު ވިދާޅުވިއެވެ.