11 Oct 2022, 09:54
ކިޔޭވް (11 އޮކްޓޯބަރު 2022) : ރަޝިއާއިން އިއްޔެ ޔުކްރެއިންގެ ވެރިރަށް ކިޔޭވް އަށާއި ޔުކްރެއިންގެ ބޮޑެތި ސިޓީތަކަށް ދިން އާދަޔާ ޚިލާފު ވަރުގަދަ ހަމަލާތަކުގައި އީރާނުގައި އުފައްދާފައިވާ މިސައިލާއި ޑްރޯންތައް ބޭނުންކޮށްފައިވާ ކަމަށް ޔުކްރޭންގެ ރައީސް ވްލަދިމީރު ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
ރަޝިއާގެ ހަމަލާތަކާ ގުޅިގެން ކަންބޮޑުވެ ވަޑައިގެން ހުންނެވި ޒެލެންސްކީ ވެރިރަށް ކިޔޭވްގައި ދެއްވި ބަޔާނެއްގައި ވިދާޅުވީ ރަޝިއާއިން އިއްޔެ ޔުކްރެއިންއަށް ދިން ހަމަލާތަކުގައި 87 މިސައިލާއި 24 ޑްރޯން ބޭނުން ކޮށްފައިވާ ކަމަށާއި އޭގެތެރޭގައި އީރާނުން އުފައްދާފައިވާ ބަލިސްޓިކް މިސައިލާއި ޑްރޯންތައް ހިމެނޭ ކަމަށެވެ.

ރަޝިއާ އިއްޔެ ޔުކްރެއިން އަށް ދިން ހަމަލާތަކުގައި ހަލާކުވެފައިވާ އިމާރާތެއް
ޒެލެންސްކީ ވިދާޅުވިގޮތުގައި ޔުކްރެއިންގެ ސިފައިން ވަނީ އޭގެތެރެއިން 43 މިސައިލް ވައްޓާލާފައެވެ. އަދި ބައެއް ޑްރޯންތައް ވެސް ވައްޓާލިއެވެ.
"ޔުކްރެއިނަށް ހަމަލާދޭން ރަޝިއާ ބޭނުންކުރި އީރާނުގެ ޑްރޯންތަކުގެތެރޭގައި ގޮވާތަކެއްޗާއެކު އަމިއްލައަށް ވެއްޓިގަނެގެން ހަމަލާދޭ ބާވަތުގެ ސުއިސައިޑް ޑްރޯންވެސް ހިމެނޭ،" ޒެލެންސްކީ ވިދާޅުވިއެވެ.
ރަޝިއާގެ ހަމަލާތަކުން ޔުކްރެއިން ގުޑުވާލާފައިވާއިރު ޔުކްރެއިންގެ ލީޑާޝިޕްގެ އިތުރުން ޔުކްރެއިންއަށް ވާގިވެރިވާ އެމެރިކާއާއި ޔޫރަޕްގެ ބާރުތަކަށް ވެސް ރަޝިއާގެ ހަމަލާތަކުން ވަނީ ވަރަށް ބޮޑު ސިހުމެއް ލިބިފައެވެ. ނަމަވެސް އެމެރިކާއާއި ޔޫރަޕްގެ ބާރުތަކުން ވަނީ ޔުކްރެއިނަށް އިތުރު ހަތިޔާރު ދޭނެކަމަށް ބުނެ އިންޒާރު ދީފައެވެ.
ރަޝިއާގެ ހަމަލާތަކުގައި އީރާނުގެ ހަތިޔާރު ބޭނުންކުރިކަމަށް ޒެލެންސްކީ ކުރެއްވި ތުހުމަތުތައް އީރާނުން ވަނީ ދޮގުކޮށްފައެވެ. އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ކަންއާން ނާސިރު ވިދާޅުވިގޮތުގައި ރަޝިއާއާއި އީރާނާދެމެދު ވަރުގަދަ އަސްކަރީ ގުޅުންތަކެއް އޮވެއެވެ. ނަމަވެސް ޔުކްރެއިނަށް ހަމަލާދިނުމަށްޓަކައި އީރާނުން ރަޝިއާއަށް ހަތިޔާރު ފޯރުކޮށްދީފައެއް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން ރަޝިއާއާއި ޔުކްރެއިންއާ ދެމެދު ހިނގާ ހަނގުރާމައިގާ އީރާނަކީ ބައިވެރިއެއް ނޫނެވެ.
ނަމަވެސް އީރާނުން ޑްރޯންއާއި މިސައިލް ރަޝިއާއަށް ވިއްކާކަމަށް އެމެރިކާއިން ވެސް ވަނީ އެތައް ފަހަރަކު ތުހުމަތުކޮށް ކަންބޮޑުވާކަން ހާމަކޮށްފައެވެ. އީރާނުގެ މަގްސަދަކީ ރަޝިއާއަށް ހަތިޔާރު ވިއްކައިގެން ޔުކްރެއިންގެ ހަނގުރާމައިގެ މައިދާނުގައި އީރާނުގެ ހަތިޔާރުތަކުގެ އަޖުމަ ބަލައިގެން އެތަކެތި އިތުރަށް ތަރައްގީ ކުރުންކަމަށާއި މިކަމާމެދު ކަންބޮޑުވާކަން އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންއިން ވަނީ އެތައްފަހަރަކު ހާމަކޮށްފައެވެ.
އީރާނުގެ ހަތިޔާރު ޔުކްރެއިންގެ ހަނގުރާމައިގެ މައިދާނުގައި ރަޝިއާއިން ބޭނުން ކުރަނީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުގެ ހަތިޔާރުތަކާ ދެކޮޅަށް ކަމަށް ވާތީ މިއީ އީރާނުގެ ހަތިޔާރު އަމަލީ މައިދާނުގައި ތަޖުރިބާކޮށް ތަރައްގީކުރަން އީރާނަށް ލިބިފައިވާ ރަނުގެ ފުރުސަތެއް ކަމަށް ވެއެވެ.
ރަޝިއާއިން އިއްޔެ ޔުކްރެއިނަށް ދީފައި ވަނީ މިދިޔަ ފެބްރުއަރީމަހުގެ 24 ވަނަ ދުވަހު ރަޝިއާ، ޔުކްރެއިންއާ ދެކޮޅަށް ފެށި ހަނގުރާމައިގައި މިހާތަނަށް ދިން އެންމެ ނުރައްކާތެރި އަދި އެންމެ ވަރުގަދަ ހަމަލާތަކެވެ. ރަޝިއާގެ ހަމަލާތައް ޔުކްރެއިންގެ ވެރިރަށް ކިޔޭވްގެ އިތުރުން އެ ގައުމުގެ ބޮޑެތި ސިޓީތައް ކަމަށްވާ ލެވިވް ދެނިބްރޯ، ތޮރުނޯބްލް، ޒައިތްމީރު، ކްރިމެންޝޯކް، ޒަޕަރޫޖިއާ، ޚާކްރީވް އަށް ވެސް އަމާޒުވިއެވެ. މިއީ ޔުކްރެއިންގެ ހުޅަނގާއި މެދުތެރެއާއި ދެކުނާ އަދި އިރުމަތީގައިވާ ބޮޑެތި ސިޓީތަކެވެ.
ޔުކްރެއިން ބުނެފައިވާގޮތުން ރަޝިއާގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ މަދަނީ އިންފްރާސްޓްރަކްޗަރަށެވެ. ރަޝިއާގެ ހަމަލާތަކުގައި ޖުމްލަ 11 މީހުން މަރުވެ 87 މީހުން ޒަޚަމްވިކަމަށާއި އަދި މާއްދީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް ޔުކްރެއިން އިން ބުނެފައިވެއެވެ.
ރަޝިއާ ބުނާގޮތުން ހަމަލާތައް އަމާޒުކުރީ ޔުކްރެއިންގެ އަސްކަރީ އިންފްރާސްޓްރަކްޗަރަށާއި ހަކަތައިގެ މަރުކަޒުތަކަށެވެ. މީގެއިތުރުން ކޮމާންޑް އެންޑް ކޮންޓްރޯލް މަރުކަޒުތަކަށާއި އަސްކަރީ މުވާސަލާތީ މަރުކަޒުތަކަށާއި ހުޅަނގުން ޔުކްރެއިން އަށް ދޭ ހަތިޔާރުތައް ރައްކާކޮށްފައިވާ ގުދަންތަކަށެވެ.
ރަޝިއާގެ ރައީސް ވްލަދިމީރު ޕޫޓިން ވިދާޅުވިގޮތުގައި ޔުކްރެއިނަށް ވަރުގަދަ ހަމަލާތަކެއް ދޭންޖެހުނީ ޔުކްރެއިން އިން ރަޝިއާއަށް އަމާޒުކޮށް ގިނަ އަދަދެއްގެ ޓެރަރިސްޓް ހަމަލާތަކެއް ދީފައިވާތީ އެކަމަށް ބަދަލު ހިފުމުގެ ގޮތުންނެވެ. މި ހަމަލާތަކުގެ ޒިންމާ އުފުލަންޖެހޭނީ ޔުކްރެއިންގެ މައްސަލަ ސުލްހަވެރިކަމާއެކު ހައްލު ކުރުމަށް ހުރަސްއަޅައި ޔުކްރެއިނަށް ހަތިޔާރު ދީގެން ހަނގުރާމަ ދިގުދަންމައިގެން އޭގެ ފައިދާ ހޯދަން މަސައްކަތްކުރާ ހުޅަނގުގެ ގައުމުތައްކަމަށް ރަޝިއާގެ ދިފާއީ ވަޒީރު ސަރްގީ ޝުވީގޯ ވަނީ ވިދާޅުވެފައެވެ.

ރަޝިއާގެ ހަމަލާތައް
ރަޝިއާއިން އިއްޔެ ޔުކްރެއިންއަށް ހަމަލާތައް ދީފައިވަނީ ރަޝިއާގެ ސްޓްރެޓީޖިކް ބްރިޖެއް ކަމަށްވާ ކްރައިމިޔާ އާއި ރަޝިއާގެ ބައްރާ ދެމެދު ކަނޑު ހުރަސްކޮށް އަޅާފައިވާ ބްރިޖް ގޮއްވާލި ހަމަލާދިންތާ ދެ ދުވަސް ފަހުންނެވެ. ކްރައިމިޔާ އާއި ރަޝިއާއާ ދެމެދު އަޒޯފް ކަނޑު ހުރަސްކޮށް އަޅާފައިވާ ބުރިޖަކީ 19 ކިލޯމީޓަރުގެ ދިގު 35 މީޓަރު ފުޅާ ތިންލޭންގެ ބްރިޖެކެވެ. އެއީ ހަތް ބިލިޔަން ޑޮލަރުގެ އަގުހުރި ބްރިޖެކެވެ.
އެ ބްރިޖް ގޮއްވާލާފައި ވަނީ ގޮވާތަކެތި އަޅާފައިވާ ލޮރީއެއް ބޭނުންކޮށްގެންކަމަށާއި އެކަމުގެ ފަހަތުގައި ވަނީ ޔުކްރެއިންގެ ޖާސޫސީ އިދާރާކަމަށް ރަޝިއާއިން ވަނީ ތުހުމަތުކޮށްފައެވެ.
މީގެ އިތުރުން ރަޝިއާގެ ބައެއްގެ ގޮތުގައި ދާދިފަހުން ހެދި ޔުކްރެއިންގެ ހަތަރު ސަރަހައްދަށް ވެސް ޔުކްރެއިން އިން ތަކުރާރުކޮށް ހަމަލާތައް ދެމުން ގެންދާކަމަށް ރަޝިއާ ބުނެއެވެ. މި ހަތަރު ސަރަހައްދުގެ އާބާދީގެ ބޮޑުބަޔަކީ ރަޝިއާ ދަރިކޮޅުގެ މީހުން ކަމަށް ވާތީ ރަޝިއާވަނީ އެތަންތަން ހިފައި އެތަންތަނުގައި ފެންނަ ނުފެންނަ ވޯޓުނަގައި އާންމުންގެ ތާއީދު ލިބުމުން ރަޝިއާގެ ބައެއްގެ ގޮތުގައި ހަމަޖައްސާފައެވެ.
އެތަންތަން ރަޝިއާ ގެ ބައެއްގެ ގޮތުގައި ހެދި ހެދުން ޔުކްރެއިން އާއި ޔުކްރެއިންއަށް ވާގިވެރިވާ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ގަބޫލެއް ނުކުރެއެވެ. ޔުކްރެއިން އެތަންތަނަށް ހަމަލާދެނީ އެތަންތަން މިނިވަންކުރުމުގެ ބޭނުމުގައެވެ.