12 Oct 2022, 15:16
ރަޝިޔާއިން ކަނޑައަޅާ ޓެރަރިސްޓުންނާއި ހަރުކަށި ފިކުރުގެ ޖަމާއަތްތަކުގެ ލިސްޓަށް ފޭސްބުކްގެ ބެލެނިވެރި ކުންފުނި މެޓާ އިތުރުކޮށްފިއެވެ.
މި އަމުރު ނެރެފައި ވަނީ، މެޓާއިން "ހައްދުފަހަނަޅާފައިވާ ހަރަކާތްތަކެއް" ހިންގާފައިވާކަން ސާބިތުވާ ކަމަށް މިދިޔަ މާޗު މަހު ރަޝިއާގެ ކޯޓަކުން ނިންމި ފަހުންނެވެ. މެޓާއިން އެ މައްސަލަ އިސްތިއުނާފު ކުރި ނަމަވެސް އިސްތިއުނާފު ކާމިޔާބެއް ނުވިއެވެ.
ރަޝިޔާގެ ފައިނޭންޝަލް މޮނިޓަރިން އެޖެންސީ ރޮސްފިންމޮނިޓޯރިން އިން އެމެރިކާގެ ޓެކް ޖަޔަންޓް މެޓާ ޕްލެޓްފޯމްސް އިންކް "ޓެރަރިސްޓުންނާއި ހަރުކަށި ފިކުރުގެ" ލިސްޓަށް އިތުރުކޮށްފި ކަމަށް އިންޓަފެކްސް ނިއުސް އެޖެންސީން ބުނެފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.
ކޯޓުގައި މެޓާގެ ވަކީލު އޭރު ވިދާޅުވީ މެޓާއަކީ ހަރުކަށި ފިކުރުގެ ހަރަކާތްތަކެއް ހިންގާ ބައެއް ނޫން ކަމަށާއި މެޓާއިން އަބަދުވެސް އަމަލުކުރާނީ ހަމަހަމަ ކަމާއި، ސުލުހަވެރިކަމާއެކު ކަމަށެވެ.
ރަޝިޔާގެ ހަނގުރާމައާ ގުޅިގެން މިއަހަރު ކުރީކޮޅު އެ ކުންފުނިން ވަނީ ފޭސްބުކާއި އިންސްޓަގްރާމް ހިމެނޭ މެޓާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކުރެވޭ މިންވަރު ކުޑަކޮށްފައެކަމެވެ. އަދި ބައެއް މީހުންނަށް ޓްވިޓާ ވެސް ބޭނުންނުކުރެވޭ ގޮތް ވަނީ ހަދާފައެވެ.
ރަޝިއާއިން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާ ދެކޮޅަށް ފިޔަވަޅު އަަޅަން ފެށީ އެގައުމާއި ޔޫކްރޭނުގެ ހަނގުރާމައާ ގުޅިގެން ބައެއް މީހުން ދައްކަމުންދާ ވާހަކަތަކާ ގުޅިގެންނެވެ. އެގޮތުން ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން އާއި އެގައުމުގެ ސަލާމަތީ ފައުޖުތަކަށް ހަމަލާ ދިނުމަށް ޔޫކްރެއިންގެ ބައެއް މީހުން ގޮވާލާއިރު ފޭސްބުކާއި އިންސްޓަގްރާމުން ފިޔަވަޅު ނާޅާތީ ރަޝިއާއިން ވަނީ ނުރުހުން ފާޅުކޮށްފައެވެ.
އޭގެ ފަހުން މެޓާއިން ވަނީ ދައުލަތެއްގެ ވެރިއަކު މަރާލުމަށް ފޭސްބުކްގައި ގޮވާލާ އެކައުންޓުތަކާ ދެކޮޅަށް ފިޔަވަޅު އެޅޭނެ އިންތިޒާމު ހަމަޖައްސާފައެވެ.