ޓޮމް ކްރޫސްގެ އައު އެކްޝަން ފިލްމުގައި ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަންގެ އެތެރޭގައި ފިލްމުކޮށް، އެ ސްޓޭޝަނުން ބޭރުގައި ވެސް ބައެއް މަންޒަރުތައް ނަގާނެކަން ހާމަކޮށްފިއެވެ.

ޑައިރެކްޓަރު ޑަގް ލިމަންގެ މި ފިލްމުގެ ޝޫޓިންގެ ތެރެއިން ޓޮމް ކްރޫސް ޖައްވީ ސްޓޭޝަނުން ބޭރުގައި މަންޒަރުތައް ޝޫޓުކޮށްފި ނަމަ އޭނާ ވާނީ ސްޕޭސް ސްޓޭޝަނުން ނިކުތް ފުރަތަމަ އާންމު މީހާ އަށެވެ. އެ ސްޓޭޝަނުން އާއްމުކޮށް ނިކުތުމުގެ ފުރުސަތު ލިބެނީ އެކަމަށް ތަމްރީނުކޮށްފައި ތިބޭ މީހުންނަށެވެ.

ޔުނިވާސަލް ޕިކްޗާސްގެ ހެޑް ޑޮނާ ލަންގްލީ ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ބުނީ، ޓޮމް ކްރޫސްގެ މި ޕްރޮޖެކްޓަށް ޔުނިވާސަލް އިން ފަންޑު ކުރާ ކަމަށާއި ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ހަރަދު ކުރާނެ ކަމަށެވެ. އަދި އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގައި ބައެއް ސީންތައް ޝޫޓު ކުރާއިރު ޓޮމް ކްރޫސްގެ 'ސްޕޭސް ވޯކް'އެއްވެސް ޕްލޭންކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

"ޓޮމް ކްރޫސް އަހަރުމެން މި ގެންދަނީ ޖައްވަށް. މުޅި ދުނިޔެ މި ގެންދަނީ ޖައްވަށް. އެއީ ޕްލޭނަކީ،" ލަންގްލީ ބުނެއެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި ކްރޫސްއާއެކު އެ ފިލްމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދެއެވެ.

ޑަގް ލިމަން އާއެކު މީގެ ކުރިންވެސް ޓޮމް ކްރޫސް ވަނީ މަސައްކަތް ކޮށްފައެވެ. އެގޮތުން 2014ގައި ނެރުނު 'އެޖް އޮފް ޓުމޯރޯ' އާއި 2017 ގައި ނެރުނު 'އެމެރިކަން މޭޑް' ފާހަގަކޮށްލެވެއެވެ.

މިހާރު އެ ދެ މީހުން މަސައްކަތް ކުރަމުންދާ ފިލްމާ ގުޅޭގޮތުން މީޑިއާތަކަށް އަދި މާ ބޮޑު ތަފްސީލެއް ދީފައިނުވެއެވެ. ނަމަވެސް އެ ފިލްމަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާ އާއި ބިލިއަނަރު އިލޮން މަސްކްގެ ސްޕޭސް އެކްސް ކުންފުނީގެ އެހީ ހޯދާނެ ކަމަށް ޚަބަރު ފެތުރިފައިވެއެވެ.