13 Oct 2022, 18:11
އައިއޯއެސް 16ގެ އިތުރު އަޕްޑޭޓެއް މި މަސްތެރޭ ލިބޭނެކަމަށް ޓެކް ރިޕޯޓްތައް ބުނާއިރު، މިއަޕްޑޭޓާއެކު އައިފޯނަށް ގިނަ ކަންތައްތަކެއް އިތުރުވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އައިއޯއެސް 16 އާންމުކޮށް ހުރިހާ ޔޫޒަރުންނަށް ދޫކުރިތާ ގާތްގަނޑަކަށް މަހެއްހާ ދުވަސް ފަހުންއެޕަލްއިން އައިއޯއެސް 16.1 އަޕްޑޭޓް ވަރަށް އަވަހަށް ނެރެފާނެ ކަމަށާއި އެއީ ހަމައެކަނި ވާޝަން ނަމްބަރުގެ އަޕްޑޭޓެއް ގޮތަށް ފެންނަ ނަމަވެސް، ގިނަ ބަޔަކު އިންތިޒާރު ކުރާ ފީޗާސްތައް އެ އެއަޕްޑޭޓްގައި ގެނެސްދޭނެ ކަމަށް ދިރާސާވެރިންބުނެއެވެ.
ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި އައިއޯއެސް 16ގެ މި އަޕްޑޭޓުގައި އެޕަލްއިން ގެނެސްދޭނީ މީގެ މަހެއްހާ ދުވަސް ކުރިން ވޯލްޑް ވައިޑް ޑިވެލޮޕާ ކޮންފަރެންސް (ޑަބްލިޔުޑަބްލިޔުޑީސީ)ގެ އިވެންޓުގައި އެޕަލްއިން ދައްކާލި ބައެއް އާ ބޭނުންތެރި ފީޗާސްތަކެވެ.
އައިއޯއެސް 16.1 އަޕްޑޭޓް ކުރުމުން ލިބޭނެ އާ ފީޗާސްތައް:
ލައިވް އެކްޓިވިޓީސް
ކުރިއަށް އޮތް ހަފުތާތަކުގައި އައިފޯނުތަކަށް ލައިވް އެކްޓިވިޓީސް އިތުރު ވެގެންދާއިރު، އެކަންވާނީ ވަރަށް ބޮޑު ބަދަލަކަށެވެ. މި ފީޗާގެ ސަބަބުން ލޮކްސްކްރީންގެ އިތުރުން އައިފޯން 14 ޕްރޯގެ މޮޑެލްތަކުގައި 'ޑައިނަމިކް އައިލެންޑް'ގެ ގޮތުގައި އާ ނޮޓިފިކޭޝަންތައް ހުޅުވި، އެޕްތަކުން ވަގުތުންވަގުތަށް ހިނގާ ކަންތައްތައް ފެންނާނެއެވެ. އެހެންކަމުން، މިސާލަކަށް، އެމީހެއްގެ ޑެލިވަރީ ޓްރެކިންގެ ތަފްސީލުތައް ލޮކްސްކްރީނުން ފަސޭހަކަމާއެކު ބަލާލެވޭތީ ކޮންމެހެން އެޕް ހުޅުވާކަށް ނުޖެހޭނެއެވެ.
އައިފޯން 14 ޕްރޯ މޮޑެލްތަކުގައި ލައިވް އެކްޓިވިޓީސް ނުވަތަ ވަގުތުން ހިނގާ ހަރަކާތްތައް ޑައިނަމިކް އައިލެންޑްއާ ގުޅުވާލައިފައިވާއިރު، 'އޯލްވޭސް އޮން ޑިސްޕްލޭ'ގައި ވެސް ދައްކާނެއެވެ. ނަމަވެސް އެޕް ޑިވެލޮޕަރުން ހާމަކުރައްވާގޮތުގައި މިފަދަ އެޕްތައް ރަނގަޅަށް ބޭނުން ކުރުމަށްޓަކައި އެ އެޕްތައް އަޕްޑޭޓް ކުރަން ޖެހޭނެއެވެ.
ބެޓެރީ އިންޑިކޭޓާގެ އާ ޑިޒައިނެއް
ދާދި ފަހުން އައިފޯނުތަކުގެ ބެޓްރީ އިންޑިކޭޓާއަށް ގެނައި ބަދަލެއްގައި ވަނީ ބެޓެރީ ދަށްވާ މިންވަރު ހަމައެކަނި ޕަސެންޓޭޗުން ދައްކައި، ބެޓެރީ އައިކަންއަށް އެއްވެސް ބަދަލެއް ނާންނަ ގޮތެއް ތައާރަފުކޮށްފައެވެ. އެ ބަދަލަށް ގިނަ ބަޔެއްގެ ފާޑު ކިޔުން އަމާޒުވިއެވެ. ނަމަވެސް އައިއޯއެސް 16.1ގައި ޗާޖު ހުސްވާ ވަރަކަށް ބެޓެރީ އައިކަންއިން އެކަން ދައްކާނެއެވެ. ހަމައެއާއެކު ފޯނު ޗާޖަށް ޖަހާއިރާއި ބޭނުން ނުކޮށް އޮތުމަށް ފަހު އަލުން ހުޅުވާލާއިރު ލޮކް ސްކްރީން ޓައިމް ވިޖެޓުން ބެޓެރީ ޗާޖުވާ މިންވަރު ދައްކުވައިދޭނެއެވެ.
މީގެ އިތުރުން އައިއޯއެސް 16.1 އަޕްޑޭޓްގައި އައިފޯން އެކްސްއާރު، އައިފޯން 11، އަދި މިނީ ދެ މޮޑެލްގައިވެސް ބެޓެރީ މީޓަރު ފެންނާނެއެވެ.
އިން-އެޕް ކޮންޓެންޓް ޕްރީ ލޯޑް ކުރުން
އައިއޯއެސް 16.1 އާއެކު އައިފޯނުގައި އެޕް ހުޅުވުމުގެ ކުރިން އެޕްގެ ކޮންޓެންޓް ޕްރީ ލޯޑް ކުރެވޭނެއެވެ. އެހެންކަމުން އަލަށް ޑައުންލޯޑް ކުރި އެޕް ނުވަތަ ގޭމް ހުޅުވުމުގެ ކުރިން، އެ އެޕްގެ ތެރޭގައި ހުންނަ ފައިލްތަކާއި ކޮންޓެންޓް އޮޓޮމެޓިކުން ޑައުންލޯޑް ކުރަން ފަށާނެއެވެ. އެހެންކަމުން އެޕް ނުވަތަ ގޭމް ހުޅުވުމަށްފަހު ލޯޑުވަންދެން މަޑުކުރާކަށް ނުޖެހޭނެއެވެ.
އެ ފީޗާ ސެޓިންސް މެނޫއިން އިޚްތިޔާރު ކުރެވޭނެއެވެ.