އިންޑިއާގެ މުމްބާއީގައި ހުންނަ އިންޑިއާގެ އިލެކްޓްރިކް ޔުޓިލިޓީ ކުންފުންޏެއް ކަމަށްވާ، ޓާޓާ ޕަވާ ކޮމްޕެނީ ލިމިޓެޑަށް ސައިބާ ހަމަލާއެއް މެދުވެރިކޮށް ގެއްލުންތަކެއް ދީފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިދިޔަ ހުކުރު ދުވަހު އެ ކުންފުނީގެ އައިޓީ ނިޒާމަށް އަމާޒުކޮށް މި ސައިބާ ހަމަލާ ދީފައިވާއިރު، އެކުންފުނީގެ މައިގަނޑު މަސައްކަތަކީ ކަރަންޓް އުފައްދައި ގޭބިސީތަކަށް ދޫކުރުމެވެ.

މި ހަމަލާއާ ގުޅިގެން ޓާޓާ ޕަވާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކުންފުނީގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކޮންމެހެން ބޭނުންވާ ނިޒާމުތަކަށް އެ ހަމަލާގެ ސަބަބުން ބުރޫ ނާރާ ކަމަށެވެ. ނަމަވެސް ހަމަލާގެ ސަބަބުން އައިޓީ ނިޒާމަށް އަސަރުކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

ޓާޓާއިން ބުނީ އެ ނިޒާމު އަލުން އާރާސްތުކޮށް، ހާލަތު ރަނގަޅު ކުރުމަށް ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އަދި ދިމާވި ހުރިހާ މައްސަލައެއް ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެއްކޮށް ހައްލުކުރެވޭނެކަމަށް އެ ކުންފުނިން ބުންޏެވެ.

ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މުވައްޒަފުންނާއި ކަސްޓަމަރުން އާންމުކޮށް ވަންނަންޖެހޭ ޕޯޓަލްތަކާއި ޓަޗް ޕޮއިންޓްތަކަށް ވަދެވޭނެ މިންވަރު ކޮންމެވެސް ވަރަކަށް ހަނިކޮށް، ސަލާމަތީ ފިޔަވަޅުތަކެއް ގާއިމްކޮށްފައިވާކަން އެ ބަޔާނުގައިވެއެވެ.

ޓެކްނޮލޮޖީގެ ޚަބަރުތަކަށް ޚާއްޞަ ވެބްސައިޓެއް ކަމަށްވާ 'ޓެކްކްރަންޗު'އިން ރިޕޯޓުކުރި ގޮތުގައި، ކުރިއަށް އޮތް ފަސް އަހަރު ތެރޭ ޓާޓާ ޕަވާގެ އަމާޒަކީ އިންޑިއާގައި އުފައްދާ ސާފު ހަކަތައިގެ ތެރެއިން 60 ޕަސެންޓު އެ ކުންފުނިން އުފެއްދުމެވެ. އަދި 2045 ވަނަ އަހަރުގެ ނިޔަލަށް އެއީ ނެޓް ޒީރޯ ކުންފުންޏަކަށް ހެދުމަކީ ވެސް އެ ކުންފުނީގެ އަމާޒެކެވެ.

އިންޑިއާގެ ކަރަންޓާ ގުޅުން ހުރި ކަންތައްތަކަށް ހާއްސަ މިނިސްޓަރު ރ. ސިންގް މި އަހަރުގެ ކުރީކޮޅު ވިދާޅުވި ގޮތުގައި އެގައުމުގެ ގައުމީ ކަރަންޓް ވިއުގައަށްވެސް ސައިބާ ހަމަލާތަކެއް ދީފައިވެއެވެ. ނަމަވެސް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި މިހާރު އޮތް ކަރަންޓާ ބެހޭ ބިލު ފާސްކުރުމުން އެގައުމުގެ ކަރަންޓު ނެޓްވޯކް ޒަމާނީވެ، ސައިބާ ހަމަލާތަކުން ރައްކާތެރިކުރެވޭނެ ގޮތް ހޯދޭނެ ކަމަށް ސިންގް ވިދާޅުވިއެވެ.