ކެންސަރު ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އިން އުރަމަތީގެ ކެންސަރަށް އާންމުން ހޭލުންތެރިކުރުމަށް ކޮންމެ އަހަރަކު ވެސް ބާއްވަމުންގެންދާ "ޕިންކް ރިބަން ރަން-ވޯކް"އަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

"ޕިންކް ރިބަން ރަން-ވޯކް" މިއަދު ހުޅުމާލޭގެ އިތުރުން 33 ރަށެއްގައި ބޭއްވިއެވެ.

ސީއެސްއެމް އިން ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތަށާއި ކެންސަރު ބަލީގައި ފަރުވާ ހޯދަމުންދާ މީހުންނަށާއި އެ މީހުންގެ އާއިލާތަކަށް ފޯރުކޮށްދެމުންދާ ސައިކޯސޯޝަލް ސަޕޯޓުގެ ޚިދުމަތްތަކަށް އެހީވުމުގެ ގޮތުން ބީއެމްއެލުން ވަނީ އެ ޖަމިއްޔާއަށް 150،000 ރުފިޔާ ހަދިޔާކޮށްފައެވެ.

މީގެ އިތުރުން ބޭންކުން ވަނީ އެ ޖަމިއްޔާއިން ފ. އަތޮޅުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސްކްރީނިން ޕްރޮގްރާމަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ޕާޓްނާޝިޕްގެ ދަށުން ސީއެސްއެމް އިން ވަނީ ބީއެމްއެލްގެ މުވައްޒަފުންނަށް ހިލޭ ކެންސަރު ސްކްރީން ޕްރޮގްރާމެއް ބާއްވާފައެވެ.

ދެހާސް ސޯޅަ ވަނަ އަހަރުން ފެށިގެން ބީއެމްއެލް އިން ދަނީ ސީއެސްއެމް އަދި ޕިންކް ރިބަން ރަން-ވޯކް އަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.