18 Oct 2022, 08:32
ލަގްޒަރީ ބްރޭންޑުތަކުން އަގުބޮޑު ތަކެތި އުފައްދައި ރިލީޒްކުރުމަކީ އާ ކަމެއް ނޫނެވެ. އަދި އާންމުކޮށް ލިބެން ހުންނަ އުފެއްދުންތަކަށް ބަދަލު ގެނެސް، ބާޒާރުގައި ލިބޭ އަގަށް ވުރެ އަގު ބޮޑު އެއްޗަކަށް އެފަދަ އުފެއްދުންތައް ހަދަން މުއްސަނދިން ބޭނުންވުމަކީ ވެސް އާ ކަމެއް ނޫނެވެ. އައިފޯނަށް ލޯބި ކުރާ މުއްސަނދިންނަށް މިހާރު ވަނީ އެފަދަ އައިފޯނެއް ޑިޒައިންކޮށްފައެވެ.
އެއީ ރަން ބޭނުންކޮށްގެން ރީތިކޮށްފައިވާ، އެންމެ ފަހުގެ އައިފޯނެކެވެ. އެ އައިފޯން 14ގެ އަގަކީ 134،000 ޔޫރޯ (131،144 ޑޮލަރު) އެވެ.
އެޕަލް އިން އައިފޯން 14 ސީރީޒް ނެރެފައި ވަނީ މިދިޔަ މަހުގެ ތެރޭގައެވެ. އެއާއެކު ލަގްޒަރީ ޓެކް އުފައްދާ ކުންފުނި ކަމަށްވާ "ކެވިއާ"އިން ވަނީ އާ އައިފޯނުގެ ލަގްޒަރީ ޕްރޮޑަކްޓެއް އުފެއްދުމަށް މަސައްކަތް ފަށާފައެވެ.
އެ ކުންފުނިން މިހާރު ވަނީ ކެވިއާ ބްރޭންޑުގެ އަޕްގްރޭޑާއެކު އާ އައިފޯނުތައް ރިލީޒްކޮށްފައެވެ. މި ކުންފުނިން އުފައްދާފައިވާ އައިފޯނު ސީރީޒް 14ގެ ފޯނުތަކުގެ ތެރެއިން 134،000 ޔޫރޯ އަށް ވިއްކާ ފޯނަކީ އައިފޯން 14 ޕްރޯ މެކްސްގެ އެއް ޓީބީ ވާޝަން އެވެ. މިއީ ދިވެހި ރުފިޔާއިން ކިޔާ ނަމަ ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާއެވެ.

ކެވިއާއިން 134،000 ޔޫރޯ (131،144 ޑޮލަރު)އަށް ވިއްކާ އައިފޯން 14 --
މަޝްހޫރު ލަގްޒަރީ ގަޑި ބްރޭންޑު ކަމަށްވާ ރޮލެކްސްއާ ގުޅިގެން އުފައްދާފައިވާ މި އައިފޯނަކީ ރޮލެކްސް ގަޑިތަކަށް ލޯބި ކުރާ މީހުންނަށް ވަރަށް ކަމުދާނެ ފޯނެކެވެ. އެއީ ފޯނުގެ ފަހަތުގައި މެކޭނިކަލް ކްރޮނޮގްރާފެއް ހަރުކޮށްފައިވާތީއެވެ.
އެ ފޯނުގެ ވަށައިގެންވާ ބައިތައް އެއްކޮށް ހަދާފައިވަނީ ރަނުންނެވެ. އަދި ފޯނުގެ ފަހަތުގައި މެކޭނިކަލް ސްވިޗްތަކެއް ވެސް ބޭނުންކޮށްފައިވެއެވެ.
އެ ބްރޭންޑުގެ އާ އައިފޯނުގެ އެންމެ އަގުބޮޑު ފޯނަކީ އެއީއެވެ. ނަމަވެސް އެންމެ އަގުހެޔޮ ފޯނު ވެސް ވިއްކަން ފަށާ އަކީ ގާތްގަނޑަކަށް 7000 ޔޫރޯއެވެ. އެއީ އެއް ލައްކައަށް ވުރެ ގިނަ ރުފިޔާއެވެ.
އެ ހުރިހާ ފޯނަކީ ވެސް ލިމިޓެޑް އެޑިޝަން ފޯނުތަކަށް ވާއިރު މިހާރު މި ފޯނު ގަނެލަން ލިބޭނެއެވެ.