އައިއޯއެސް 16 އަޕްޑޭޓް ކުރުމުން އައިފޯންގައި އައިމެސެޖް ފޮނުވުމަށް ފަހު އެޑިޓް ކުރެވޭ ފަދައިން، ވަޓްސްއެޕް އިންވެސް މެސެޖު ފޮނުވުމަށް ފަހު އެޑިޓް ކުރެވޭ ފީޗާއެއް ތައާރަފު ކުރާނެކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އައިފޯން ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށް ވެސް ދާދި ފަހުން ތައާރަފު ކުރި އެންމެ ފަހުގެ އައިއޯއެސް 16 ވާޝަންގައި މުހިންމު ބޭނުންތެރި ފީޗާސްތައް ހިމަނާފައިވެއެވެ.

އޭގެ ތެރެއިން ފާހަގަ ކޮށްލެވޭ އެއް ކަމަކީ އަވަސް އަވަހަށް ޓައިޕްކުރާ ނުވަތަ ނުބައިކޮށް މެސެޖު ފޮނުވޭ މީހުންނަށް އެ މެސެޖުތައް ރަނގަޅު ކުރުމުގެ ފުރުސަތު ދީފައިވުމެވެ. އައިއޯއެސް 16ގައި އައިމެސެޖުތައް ފޮނުވުމަށް ފަހު ބަދަލު ކުރުމުގެ އިތުރުން މެސެޖު ނުފެންނަ ގޮތަށް 'އަންސެންޑް' ވެސް ކުރެވެއެވެ.

މިހާރު ވަޓްސްއެޕް ވެސް އޮތީ މިފަދަ ފީޗާއެއް ތައާރަފު ކުރުމުގެ މަގުމަތީގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. ވަޓްސްއެޕްގެ އަޕްޑޭޓް ޓްރެކާ، ވަބެޓާއިންފޯ އިން ވަނީ ކުރިއަށް އޮތްތަނުގައި ވަޓްސްއެޕް ޑެސްކްޓޮޕް އެޕްގެ އަޕްޑޭޓެއްގައި މެސެޖުތައް އެޑިޓް ކުރުމުގެ ފުރުސަތު ދޭން މިހާރު މަސައްކަތް ކުރަމުންދާކަން ކަށަވަރުކޮށްދީފައެވެ. އަދި އެންޑްރޮއިޑް ފޯނު ބޭނުން ކުރާ މީހުންނަށް ބީޓާ އަޕްޑޭޓެއްގެ ގޮތުގައި އެ ފީޗާ ބޭނުން ކުރެވޭ ގޮތް ހަދާފައިވާ ކަމަށް ބައެއް ނޫސްތަކުގައިވެއެވެ.

ވަޓްސްއެޕްގެ މި އާ ފީޗާއާ ބެހޭ އެންމެ ފަހުގެ ޚަބަރުތަކަށް ބަލާއިރު، ކުރިއަށް އޮތްތަނުގައި ވަޓްސްއެޕްގެ އާ އަޕްޑޭޓް ތައާރަފު ކުރާއިރު އެ އާ ފީޗާވެސް ބޭނުން ކުރެވޭ ގޮތް ހަދަން ރާވާފައިވާ ކަމަށް ވަބެޓާއިންފޯގެ ބްލޮގްޕޯސްޓެއްގައި ބުނެފައިވެއެވެ.

އެ ޚަބަރާއެކު އެ ބްލޮގް ޕޯސްޓުގައި ވަނީ ސްކްރީންޝޮޓެއް ހިއްސާކޮށްފައެވެ. އެ ފޮޓޯއިން ފެންނަނީ އައިއޯއެސް 16 އަޕްޑޭޓާއެކު އައިމެސެޖް ފީޗާ އަށް ގެނައި ބަދަލާ އެއްގޮތަށް ވަޓްސްއެޕްގައިވެސް، ފޮނުވާފައިވާ އޮރިޖިނަލް މެސެޖަށް ބަދަލު ގެނެސްފައިވާ މަންޒަރެވެ.

އެ ފީޗާ އަދި މުޅިން ފުރިހަމަ ނުވާތީ ވަޓްސްއެޕްއިން އެ ފީޗާ އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ދޫކުރާނީ ކޮން ތާރީޚެއްގައި ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.