ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސް ކޮށްފައިވާ ބަޖެޓުގެ އިތުރަށް ކުރާ ޚަރަދު 11 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ބަޖެޓްގެ އިތުރަށް ކުރާ ޚަރަދު މި އަހަރު ހުންނާނީ 9.8 ބިލިއަނުގައި ކަމަށް އަންދާޒާ ކުރެވުނު ނަމަވެސް އެ އަދަދު 11 ބިލިއަނަށް އިތުރުވެގެންދާނެ ކަމަށް މިހާރު އަންދާޒާ ކުރެވޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ ބަދަލު އައިސްފައިވަނީ ތެލުގެ އަގު އުފުލުމާއެކު ސަބްސިޑީއަށް ކުރަން ޖެހުނު ހޭދަ ބޮޑުވުމުން ކަމަށެވެ.

"ރިވައިސްޑް ޑެފިސިޓް [ފާސްކުރި ބަޖެޓުގެ އިތުރަށް ކުރާ ޚަރަދު]ގެ ގޮތުގައި އަޅުގަނޑަށް މި ފާހަގަކުރެވެނީ 11 ބިލިއަން ރުފިޔާއަށް އަރައިގެން ދާނެ ކަމަށް. އަޅުގަނޑުމެން ފާސްކުރި ބަޖެޓުގެ ޑެފިސިޓަކީ 9.8 ބިލިއަން ރުފިޔާ،" މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރަށް މަރަދޫ ދާއިރާގެ މެންބަރު ވަނީ ސެންޓްރަލް ޕްރޮކިއުމެންޓް އޭޖެންސީއެއް ގާއިމް ކުރުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅޭތޯ ވެސް މިނިސްޓަރާ ސުވާލު ކުރައްވާފައެވެ.

ޝަރީފް ވިދާޅުވީ މިހާރު ވެސް ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދަނީ ދައުލަތަށް ބޭނުންވާ ބޭހާއި ކޮންސިއުމަބްލްސް ހެޔޮ އަގުގައި ލިބެން އޮއްވާ ސަރުކާރުން އެ މަސައްކަތް ނުކޮށް ދޫކޮށްލާފައި އޮތުމުގެ ސަބަބުން ކަމަށެވެ. އަދި ސަރުކާރުން މިހާރު އެއްޗެހި ގަންނަމުން ދަނީ މާކެޓު ރޭޓަށް ވުރެ 300 ނުވަތަ 400 ޕަސެންޓު ބޮޑުކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ބޭހާއި، ކޮންސިއުމަބްލްސް ގަނޑުކޮށް، ބަލްކް ޕްރޮކިއުމެންޓްގެ ތެރެއިން ގަތުމަށް ސަރުކާރުން ތައްޔާރު ވަމުންދާ ކަމަށެވެ. އެގޮތުން އަންނަ ޑިސެންބަރު ނުވަތަ ޖެނުއަރީގައި ގަނޑުކޮށް އެއްޗެހި ގަތުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް ކުރަން ފެށޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މެޑިކަލް ކޮންސިއުމަބްލްސް، ބަލްކް ޕްރޮކިއުމެންޓްގެ ތެރެއިން އަޅުގަނޑުމެންނަށް ގާތްގަނޑަކަށް 30 ޕަސެންޓުގެ ޚަރަދު ކުޑަ ކުރެވޭނެ ކަމަށް އަންދާޒާ ކުރެވެނީ،" މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިއަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 36.99 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ކޮވިޑުގެ ބަލިމަޑުކަމާއި ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިޞާދަށް އައި ލޮޅުންތަކުގެ އަސަރު ރާއްޖެއަށް ވެސް ކުރަމުންދާއިރު ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާކަމަށް އަމީރު ވިދާޅުވިއެވެ.