17 Oct 2022, 12:18
ހައި ކޯޓުގައި 11 އަހަރު ޚިދުމަތް ކުރެއްވުމަށްފަހު ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ރިޓަޔާ ކުރައްވަން ނިންމަވައިފިއެވެ.
އެކަމާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ސެކްރެޓަރީ ޖެނެރަލް އިޒްމީރާ ޝިހާމް ވިދާޅުވީ މަގާމުން ރިޓަޔާ ކުރެއްވުމަށް ފަނޑިޔާރު ޝުއައިބު ހުށަހެޅުއްވުމުން އެކަން ބަލައިގަތުމަށް ކޮމިޝަނުން އިއްޔެ ނިންމާފައިވާ ކަމަށެވެ.
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް 2011 ވަނަ އަހަރުގެ މާޗް 26 ވަނަ ދުވަހު އައްޔަނު ކުރެއްވި ޝުއައިބުގެ ރިޓަޔާމެންޓް ބަލައިގަތުމަށް ޖޭއެސްސީން ނިންމި ނަމަވެސް އަދި ރިޓަޔާ ކުރައްވާނެ ވަކި ތާރީޚެއް ނުނިންމަވައެވެ. އެ ނިންމުން ނިންމާނީ ފަނޑިޔާރު ބައްލަވަމުން ގެންދަވާ މައްސަލަތައް އެހެން ފަނޑިޔާރުންނާ ހަވާލުކޮށް ނުވަތަ މައްސަލަތައް ނިންމުމަށްފަހުއެވެ.
ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ވަނީ ޤަޠަރުގެ, ޤަޠަރު ޔުނިވާސިޓީ އިން ޤާނޫނާއި ޝަރީޢަތުގެ ރޮނގުން ފުރަތަމަ ޑިގްރީ 1997 ވަނަ އަހަރު ޙާޞިލު ކުރެއްވުމަށްފަހު، 2006 ވަނަ އަހަރު މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާ އޮފް ކޮމްޕަރޭޓިވް ލޯވް ހައްދަވާފައެވެ.
ޝުއައިބު ވަނީ މިނިސްޓްރީ އޮފް ޖަސްޓިސްގެ ލީގަލް އޮފިސަރު ކަމާއި ޚާއްޞަ ޤާޒީ ކަމާއި، ޢާއިލާއާ ބެހޭ ކޯޓުގެ ޤާޒީކަމާއި، މަދަނީކޯޓާއި، ކުޑަކުދިންނާ ބެހޭ ކޯޓުގެ އިސްޤާޒީގެ މަގާމު އަދާކުރައްވާފައެވެ. އަދި މަޖީދިއްޔާ ސްކޫލްގައި ކިޔަވައިދެއްވުމުގެ އިތުރުން ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްއާއި ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގައި އެ އޭނާ ވަނީ ލެކްޗަރާއެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައެވެ.
ދާދި ފަހުން ވަނީ ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި އަބްދުالله އަލީ ވެސް ރިޓަޔާ ކުރައްވާފައެވެ. ފަނޑިޔާރުކަމުން އޭނާ ރިޓަޔާ ކުރެއްވީ 36 އަހަރުގެ ޚިދުމަތަށް ފަހުގައެވެ.