19 Oct 2022, 22:41
ޓޯ ސްޕޯޓްސް ނުވަތަ ޖެޓް ސްކީ އާއި ސްޕީޑު ބޯޓުގައި ކަފު ޖަހައިގެން ކުޅޭ ކުޅިވަރުތަކަށް ހާއްސަ އިންސްޓްރަކްޓަރުން ތަމްރީނު ކުރުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޯހެއް ފަށައިފިއެވެ.
އެ ކޯސް ރާއްޖެއަށް ތައާރަފު ކުރީ ރާއްޖޭގެ އަށް ރިސޯޓެއްގައި ވޯޓާސްޕޯޓްސްގެ ޚިދުމަތް ދެމުން އަންނަ މޯލްޑިވްސް ސުޕަ ޓްރާންސްފާ ސާވިސް ޕްރައިވެޓް ލިމިޓެޑް (އެމްއެސްޓީއެސް)އިންނެވެ.
އެ ކުންފުނިން ނެރުނު ބަޔާނެއްގައިވާ ގޮތުން އެ ކޯސް ފަށާފައި ވަނީ ކުރެއްދޫ އައިލެންޑު ރިސޯޓުގައެވެ. އަދި ކޯސް އިފުތިތާހުކޮށްދެއްވީ އެ ރިސޯޓުގެ އިސް ވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އެވެ.
އެ ކޯސް ކުރިއަށްގެންދަނީ އިނގިރޭސިވިލާތުގެ ޖަމިއްޔާއެއް ކަމަށް ބްރިޓިޝް ވޯޓާ ސްކީ އެންޑް ވޭކްބޯޑް ފައުންޑޭޝަން (ބީޑަބްލިޔުއެސްޑަބްލިޔު)އާ ގުޅިގެންނެވެ. އަދި ކޯހުގައި ކިޔަވައިދެއްވާނީ އެ ޖަމިއްޔާގެ ތަޖުރިބާކާރު މާހިރުންނެވެ.
އެ ކުންފުނިން ބުނީ ކޯހުގެ އެންމެ މުހިންމު މަގުސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި، ވޯޓާސްޕޯޓްސްގެ ދާއިރާގައި މަސައްކަތް ކުރާ ޒުވާނުންނަށް ޓޯ ސްޕޯޓްސް ރައްކާތެރިކަމާއެކު ކުރިއަށްގެންދާނެ ގޮތާއި އެފަދަ ކުޅިވަރު ފަތުރުވެރިންނަށް ދަސްކޮށްދިނުމުގެ ހުނަރުތައް އުނގަންނައި ދިނުން ކަމަށެވެ.
އެމްއެސްޓީއެސްގެ އިސް ވެރިޔާ މަސީހް އިމާދު ވިދާޅުވީ އެ ކޯހުގެ ސަބަބުން ރާއްޖޭގެ ވޯޓާ ސްޕޯޓްސް މަސައްކަތުގައި ހަރަކާތްތެރިވާ ޒުވާނުންނަށް މިފަދަ ކުޅިވަރުތައް ބޭއްވުމަށް އަމިއްލަ ނަފުސަށް އިތުބާރު އުފެދި، މި ދާއިރާއަކީ ކުރިއަށް ދެވޭނެ ދާއިރާއެއް ކަމުގެ އިތުބާރު ވެސް އުފެދޭނެ ކަމަށެވެ.
އަންނަ ހަފުތާގެ އަންގާރަ ދުވަހާ ހަމައަށް ކުރިއަށްގެންދަން ހަމަޖެހިފައިވާ އެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މި ފަހަރު ދީފައި ވަނީ އެމްއެސްޓީއެސްއިން ޚިދުމަތް ދެމުން އަންނަ އަށް ރިސޯޓުގައި މަސައްކަތް ކުރާ 10 މީހަކަށެވެ.
އެ ކުންފުނިން ވަނީ މުސްތަގުބަލުގައި މިފަދަ އިތުރު ކޯސްތައް ބާއްވާނެ ކަމަށާއި އެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވޯޓާސްޕޯޓްސް ދާއިރާއިން ތަޖުރިބާ ލިބިފައިވާ މީހުންނަށް އާންމުކޮށް ހުޅުވާލާނެ ކަމަށް ބުނެފައެވެ.