20 Oct 2022, 11:53
ސްޕެނިޝް ލަލީގާގައި އެލްޗޭ ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.
ރޭ އެލްޗޭގެ އަމިއްލަ ދަނޑުގައި ރެއާލް އެ ޓީމު ބަލިކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ.
އެ މެޗުގައި ރެއާލްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފައެވެ. އަދި އެ ޓީމުގެ ފަރާތުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ.
އެ މެޗުގެ ފަސް ވަނަ މިނެޓުގައި ރެއާލްގެ ވިނީޝިއަސްގެ ހުރަހަކުން, ދާދި ފަހުން ބެލަންޑޯ ހޯދި ކަރީމް ބެންޒެމާ ގޯލެއް ޖެހިއެވެ. ނަމަވެސް ވިނީޝިއަސްއަށް ބޯޅަ ލިބުނުއިރު އޭނާ އޮފްސައިޑުގައި ހުރިކަމަށް ނިންމާ ރެފްރީ ވަނީ އެ ގޯލު ބަލައިނުގަތުމަށް ނިންމައިފައެވެ
މެޗުގައި ރެއާލްއިން ފުރަތަމަ ގޯލު ޖަހައި ލީޑު ނަގައިފައިވަނީ މެޗުގެ 11 ވަނަ މިނެޓުގައެވެ. އެ ގޯލަކީ އޭރިއާ ބޭރުން ފެޑެރީކޯ ވަލްވޭޑޭ ކާމިޔާބުކުރި ގޯލެކެވެ.
މެޗުގެ 25 ވަނަ މިނެޓުގައި ބެންޒެމާގެ އެހީތެރިކަމާއެކު ޑިވިޑް އަލަބާ ޖެހި ވަނީ ގޯލެއް ޖަހައިފައެވެ. ނަމަވެސް ބެންޒެމާއަށް ބޯޅަ ލިބުނުއިރު އޭނާ އޮފްސައިޑުގައި ހުރިކަމަށް ނިންމާ އެ ގޯލުވެސް ބަލައިނުގަތެވެ.
މެޗުގެ 29 ވަނަ މިނެޓުގައި އެލްޗޭގެ ނިކޮލަސް ފަނާންޑޭޒް ފޮނުވާލި ބާރު ހަމަލާ ރެއާލްގެ ކީޕަރު އެންޑްރީ ލުނިން ދިފާއުކުރިއެވެ.
މެޗުގެ 70 ވަނަ މިނެޓުގައި އެލްޗޭއިން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. ހެލިބެލްޓަން ޕަލާސިއޯސް ނެގި ހުރަހެއް ކާލޮސް ކްލާކް ބޮލުން ގޯލަށް ފޮނުވާލި ނަަމަވެސް އެ ބޯޅަ ދިފާއުކުރީ ރެއާލްގެ ކީޕަރު ލުނިންއެެވެ.
މެޗުގެ 75 ވަނަ މިނެޓުގައި ރެއާލް އެ ޓީމުގެ ދެވަނަ ގޯލު ވަނީ ޖަހައިފައެވެ. އެ ގޯލަކީ ވިނީޝިއަސް ތަނަވަސްކުރި ފުރުސަތެއްގެ ބޭނުން ހިފައިގެން ބެންޒެމާ ޖެހި ގޯލެކެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށްވެފައި ވަނިކޮށް މާކޯ އެސެންސިއޯ ވަނީ ރެއާލްގެ ތިންވަނަ ގޯލުޖަހައިފައެވެ. އެ ގޯލަކީ ވިނީޝިއަސްގެ އެހީތެރިކަމާއެކު އޭނާ ޖެހި ގޯލެކެވެ.
އެ މެޗުން މޮޅުވެ ރެއާލް ވަނީ 28 ޕޮއިންޓާއެކު ލީގު ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފައެވެ. މެޗުން ބަލިވި އެލްޗޭ ތާވަލުގެ ފުލުގައި އޮތީ ކުޅުނު 10 މެޗުން ލިބުނު ތިން ޕޮއިންޓާއެކުވެ.
ރެއާލްއަށްވުރެ އެއް މެޗު މަދުން ކުޅެގެން ތާވަލުގެ ދެވަނައިގައި އޮތީ ބާސެލޯނާއެވެ. އެ ޓީމު ދެވަނައިގައި އޮތީ 22 ޕޮއިންޓާއެކުވެ. ބާސެލޯނާ މިރޭ 12:00 ގައި ވިލަރިއާލްއާ ދެކޮޅަށް އެ ޓީމުގެ އަމިއްލަ ދަނޑުގައި ކުޅޭނެއެވެ.