ތިލަމާލެ ބުރިޖުގެ މަޝްރޫއުގައި ބޭނުންކުރަމުން ދިޔަ ޕްލެޓްފޯމެއް ވިލިމާލޭގެ ފަރަށް އެރުމުގެ ސަބަބުން ފަރަށް ލިބުނު ގެއްލުމާ ގުޅިގެން އެ މަސައްކަތް ކުރަމުންދިޔަ އެފްކޮންސްއަށް ފިޔަވަޅު އަޅަން ޖެހޭނަމަ އީޕީއޭއިން އެކަން ކުރާނެ ކަމަށާއި އެއީ މިނިވަން އޭޖެންސީއެއް ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން އީޕީއޭއިން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި އެއީ މިނިވަން އޭޖެންސީއެއް ކަން ފާހަގަކޮށް މިއުވާން ވިދާޅުވީ ފިޔަވަޅު އަޅަން ޖެހޭނަމަ ގާނޫނާ އެއްގޮތަށް އެކަން އީޕީއޭއިން ކުރަމުން ދާނެ ކަމަށެވެ.

އެ ހާދިސާގެ ސަބަބުން ފަރަށް ލިބުނު ގެއްލުމުގެ ސާވޭ ރިޕޯޓެއް ހަދަން އެ މަސައްކަތް ކުރާ އެފްކޮންސްއިން އަމިއްލައަށް އެދިފައިވާއިރު ފަރަށް ލިބުނު ގެއްލުމުގެ ސާވޭ ރިޕޯޓެއް އީޕީއޭއިން ވެސް ވަނީ ހަދާފައެވެ.

ނަމަވެސް އެފްކޮންސްއިން ސާވޭ ރިޕޯޓެއް ހަދަން އެދުނީ އީޕީއޭގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގެއްލުމުގެ މިންވަރާ މެދު ހިތްހަމަނުޖެހިގެން ކަމަށް އީޕީއޭގެ ޑިރެކްޓަރު ޖެނަރަލް އިބްރާހީމް ނައީމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ވިލިމާލޭ ފަރަށް ލިބުނު ގެއްލުންތަކާ ގުޅިގެން އިންޑިއާ ކުންފުންޏަކަށް ވާތީ އެފްކޮންސްއަށް ފިޔަވަޅު އަޅަން އީޕީއޭއަށް ނުކެރޭނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާތީ އެކަމަށް ރައްދުދެއްވައި ނައީމް ވިދާޅުވީ ވަކި ބަޔަކަށް ވީތީ ތަފާތު ކުރުމެއް ނުގެންގުޅޭނެ ކަމަށެވެ.

"އިންޑިއާއެއް އެމެރިކާއެއް ރަޝިޔާއެއް ނޯންނާނެ. ކޮންމެ ފަރާތަކުން ތިމާވެއްޓަށް ގެއްލުން ދިން ނަމަވެސް މައްސަލަ ބަލާނަން،" ނައީމް ވިދާޅުވިއެވެ.

އީޕީއޭއިން ކުރި ސާވޭގައި ބައިވެރިވުމުގެ ފުރުސަތު އެފްކޮންސްއަށް ދިން ނަމަވެސް އެ ކުންފުނީގެ ބަދަލުގައި ސާވޭގައި ބައިވެރިވީ ކުންފުނީގެ އިންޝުއަރެންސްގެ ބައެއް ކަމަށް ނައީމް ވިދާޅުވިއެވެ.

"އެމީހުންގެ ފަރާތުން ބައިވެރިވާނަމޭ ކިޔާފަ ފަހުން އިންޝުއަރެންސުން ބައިވެރިވީ،" އޭނާ ވިދާޅުވިއެވެ.

ނައީމް ވިދާޅުވީ ސާވޭ ރިޕޯޓު އަމިއްލައަށް ހެދުމަށް އެފްކޮންސްއިން އެދުނީ އެ ކުންފުންޏަށް ޖަވާބުދާރީވާން ދިން މުއްދަތުގެ ތެރޭގައި ކަމަށެވެ. އެހެންކަމުން އަލުން ސާވޭ ހެދުމަށްފަހު ހަތް ދުވަހުގެ ތެރޭގައި ޖަވާބުދާރީވުމަށް އެ ކުންފުންޏަށް އަންގާފައިވާނެކަމަށް ނައީމް ވިދާޅުވިއެވެ. ނަމަވެސް އެ މުއްދަތު ދިން ތާރީޚެއް އޭނާ ހާމަނުކުރައްވައެވެ.

ޕްލެޓްފޯމު ފަރަށް އެރުމާ ގުޅިގެން ފަރަށް ލިބިފައިވާ ގެއްލުންތައް ފެންނަ ފޮޓޯތަކެއް އީޕީއޭއިން ވަނީ އާއްމުކޮށްފައެވެ. އީޕީއޭއިން އާއްމުކުރި ފޮޓޯތަކުން ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން ފަރުގައި ހެދިފައިވާ ބޮޑެތި ހަތަރު ބާގަނޑު ފެނެއެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަނިކޮށް އެ މަސައްކަތަށް ބޭނުންކުރި ޕްލެޓްފޯމެއް ފަރަށްއެރީ އޮގަސްޓް މަހުގެ 16ވަނަ ދުވަހުއެވެ. އަދި ހާދިސާ ހިނގިތާ 12 ދުވަސްފަހުން ޕްލެޓްފޯމް ފަރުމަތިން ނަގާފައިވަނީ އޮގަސްޓް މަހުގެ 27 ވަނަ ދުވަހުއެވެ.