އެމެރިކާގެ މަޝްހޫރު އޯލްޓަނޭޓިވް ޕޮޕް ލަވަކިޔުންތެރިޔާ ލާނާ ޑެލް ރޭ ލިޔަމުން ދިޔަ ފޮތަކާއި ގިނަ އަދަދެއްގެ ލަވަތަކެއް ވަގަށް ނަގައިފި އެވެ.

އިންސްޓަގްރާމް ލައިވްއަށް އަރައި ވާހަކަ ދައްކަމުން ލާނާ ބުނެފައިވަނީ މީގެ ދެތިން މަހެއް ކުރީން އޭނާ މެލްރޯސް ޕްލޭސް ނަމަކަށް ކިޔާ ގެސްޓް ހައުސް އެއް ކައިރީގައި ކާރު ޕާކުކޮށް ކުޑަ ހިނދުކޮޅަކަށް ނިކުތް ވަގުތު ބަލާފައި މީހަކު އެއިން ވައްކަން ކޮށްފައިވާ ކަމަށެވެ.

އޭނާ ކާރު ތެރޭގައި ބެކްޕެކެއް އިންނާނެ ކަމަށް ލާނާ ބުންޏެވެ. އެ ބެކްޕެކުގައި ލާނާގެ ލެޕްޓޮޕާއި އޭނާގެ ކޭމްކޯޑަރުތަކެއް ހިމެނެއެވެ.

އެ ހުރިހާ އެއްޗެއް ވަގަށް ނަގާފައިވާއިރު އޭނާގެ ލެޕްޓޮޕުގައި އޭނާ ލިޔަމުން ދިޔަ ފޮތެއްގެ އިތުރުން އޭނާ ރިލީޒް ވެސް ނުކުރާ ބައިވަރު ލަވަތައް ހުރި ކަމަށް ލާނާ ބުންޏެވެ.

ޕަބްލިޝިން ކުންފުނި ސައިމަން އެންޑް ޝޫސްޓާ އާ ގުޅިގެން ލިޔާ ފޮތުގެ މައުލޫމާތެއް ހާމަކޮށްފައި ނުވި ނަމަވެސް އެ ފޮތުގެ 200 ސޮފުހާ ލިޔެފައިވާނެ ކަމަށް އޭނާ ބުންޏެވެ. ދެން އެންމެފަހުން ޖެހުނީ އެ ހުރިހާ ފައިލެއް ލީކް ވިޔަ ނުދިނުމަށްޓަކަށް ރިމޯޓްކޮށް ލެޕްޓޮޕް އެއްކޮށް ފޮހެލަން ކަމަށް ލާނާ ބުންޏެވެ.

ނަމަވެސް އެއާއެކު އޭނާ ކުރި ހުރިހާ މަަސައްކަތެއް އަލުން ފަށަން ޖެހިފައިވާއިރު އެހާ ކުޑަ މުއްދަތެއްގެ ތެރޭގައި ވެސް ބަޔަކު އޭނާގެ ފައިލްތައް ލީކްކޮށްލާފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ.

ލާނާ ބުނީ ކާރުތެރޭގައި ހުރި ކޭމްކޯޑާތަކުގައި، ފާއިތުވި ދެ އަހަރު އޭނާގެ އާއިލާއާއި އެކުވެރިންނާއެކު ނަގާފައިވާ މަންޒަރުތައް ހުންނާނެ ކަމަށެވެ. އަދި އެ މަންޒަރުތަކަަކީ އޭނާ ވީޑިއޯއެއް ހަދަން ވެގެން ބަހައްޓާފައި ހުރި ވީޑިއޯއެއް ކަމަށް އޭނާ ބުންޏެވެ.