24 Oct 2022, 08:42
ވަޒީފާ ހޯދާ މީހުންނަށާއި ވިޔަފާރިތަކަށް ހާއްސަ ސޯޝަލް ނެޓްވޯކް، ލިންކްޑްއިން އިން އެ ޕްލެޓްފޯމުން ފޭކު އެކައުންޓްތައް ނައްތާލަން ކުރިއަށް ގެންދިޔަ މަސައްކަތްތަކުގެ ތެރެއިން އެޕަލްގެ މުވައްޒަފުން ކަމަށް ބުނާ 50 ޕަސެންޓް އެކައުންޓް އެންމެ ރެއެއްގެ ތެރޭގައި ނަގާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
އެޕަލް އިންސައިޑާއިން ބުނާ ގޮތުގައި އޮޅުވާލުމުގެ އަމަލުތައް ގިނަވަމުން އަންނައިރު، ލިންކްޑިންގައި އެޕަލްގެ މުވައްޒަފުންގެ ނަމުގައި ހަދާފައިވާ ފޭކު އެކައުންޓުތަކެއް ވަނީ ފާހަގަކުރެވިފައެވެ.
މި އެކައުންޓްތަކުގައި އެޕަލްގެ އަސްލު މުވައްޒަފުންގެ ތަސްވީރުތައް އެޑިޓްކޮށް، އެމީހުންގެ މައުލޫމާތު ބޭނުންކޮށްފައިވާ ކަމަށް އެޕަލް އިންސައިޑާގައިވެއެވެ.
ދިރާސާއަކުން ދައްކާ ގޮތުގައި ފޭކު އެކައުންޓުތައް ފޮހެލާ ކޮންމެ ފަހަރަކު ބޮޑެތި ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ވަރަށް ބޮޑަށް މަދުވާ ކަމަށް ދައްކައެވެ. އެގޮތުން އެންމެ ދުވަހެއްގެ ތެރޭގައި އެޕަލްގެ ލިންކްޑްއިން އެކައުންޓްތައް 576،562އިން 284،991އަށް ވަނީ ދަށަށް ގޮސްފައެވެ.
އެކަމާ ބެހޭގޮތުން ނޫސްވެރިން ސުވާލުކުރުމުން އެޕަލްއިން ނެރެފައިވާ ބަޔާނެއްގައި ވަނީ ފޭކް އެކައުންޓްތައް މަދު ކުރުމަށް މެދުނުކެނޑި މަސައްކަތް ކުރަމުންދާ ކަމަށެވެ.
ދާދި ފަހުން ލިންކްޑްއިން އިން ވަނީ މަސައްކަތުގެ ދުނިޔޭގައި ޒުވާނުން ޝާމިލު ކުރުމަށް އާ އިންސްޓަގްރާމް ޗެނަލެއް ތައާރަފްކޮށްފައެވެ. އަދި އެ ބަޔަކު އެންމެ ގަޔާވާ މަސައްކަތްތަކާ ބެހޭ ގޮތުން، ލިންކްޑްއިން އާ ގުޅިގެން ކޮންޓެންޓު އުފެއްދުމަށް އެ ކުންފުނިން ވަނީ ދައުވަތު ދީފައެވެ.
ލިންކްޑްއިން އިން ބުނީ ބައިވެރިންގެ ހިޔާލުތައް ޕޯސްޓް ކުރުމަށް ހިތްވަރު ދިނީ އިންސްޓަގްރާމްގެ ރީލްސް އާއި ސްޓޯރީތައް ބޭނުންކޮށްގެން އެމީހުންގެ މަސައްކަތުގެ ދުނިޔެ ބައްޓަންކުރާ މައުޟޫއުތަކާ ބެހޭ ގޮތުން އުފެއްދުންތެރި ވާހަކަތައް ދެއްކުމަށް މަގުފަހިކޮށްދިނުމަށް ކަމަށެވެ.
ލިންކްޑްއިން އަކީ އެމެރިކާގެ ވިޔަފާރިއާއި ވަޒީފާއަށް ޚާއްސަ އޮންލައިން ޚިދުމަތެކެވެ. އެ ޚިދުމަތަކީ ވެބްސައިޓްތަކާއި މޯބައިލް އެޕްތައް މެދުވެރިކޮށް ހިންގާ ޚިދުމަތެކެވެ. މެއި 5، 2003 ގައި ތައާރަފުކުރި މި ޕްލެޓްފޯމަކީ އެމީހެއްގެ މަސައްކަތާ ގުޅުން ހުރި މީހުންނާ ގުޅުން ބަދަހިކޮށް އަމިއްލަ މަސައްކަތް ވެސް ކުރިއެރުވުމަށް ބޭނުންކުރާ ޚިދުމަތެކެވެ.
ހަމައެއާއެކު ލިންކްޑްއިންއަކީ ވަޒީފާއަށް އެދޭ މީހުންނަށް ސީވީ ޕޯސްޓްކުރުމާއި ވަޒީފާދޭ މީހުންނަށް ވަޒީފާ އިޝްތިހާރު ކުރުމުގެ ފުރުސަތު ދޭ ޕްލެޓްފޯމެކެވެ.