23 Oct 2022, 16:59
ބެއިޖިންގް (23 އޮކްޓޯބަރު 2022): ޗައިނާގެ ކޮމިއުނިސްޓް ޕާޓީން އެގައުމުގެ ރައީސްކަމަށާއި އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ތިންވަނަ ދައުރަކަށް މިހާރުގެ ރައީސް ޝީ ޖިންޕިން އިންތިޚާބު ކޮށްފިއެވެ.
އުމުރުފުޅުން 69 އަހަރުގެ ޝީ އަކީ 2013 ވަނަ އަހަރުން ފެށިގެން މި ދެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. ޝީގެ ރިޔާސީ ދެވަނަ ދައުރު ހަމަވާނީ 2023 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ.
ޗައިނާގެ ގާނޫނު ބުނާގޮތުން އެގައުމުގެ ރައީސަކަށް ހުންނަވާނީ ކޮމިއުނިސްޓް ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަކަށް އިންތިޚާބު ކުރެވޭ ބޭފުޅެކެވެ. ކޮމިއުނިސްޓް ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށާއި ޗައިނާގެ ބޮޑުވަޒީރުކަމުގެ މަގާމަށާއި ސިފައިންގެ އެންމެ އިސްވެރިޔާގެ މަގާމަށް ބޭފުޅުން އައްޔަން ކުރަނީ ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ބާއްވާ ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސް އިންނެވެ.
ނަވާރަސަތޭކަ ނުވަދިހައިގެ އަހަރުތަކުން ފެށިގެން ކޮމިއުނިސްޓް ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް ބޭފުޅަކު އިންތިޚާބު ކުރަމުން ގެންދިޔައީ ދެ ދައުރަށެވެ. ދެ ދައުރަށްފަހު ތިންވަނަ ދައުރެއް ނުދީ ދެން އަނެއްކާވެސް އައު ބޭފުޅަކު އެމަގާމަށް އިންތިޚާބު ކުރާގޮތަށެވެ. ނަމަވެސް ޝީގެ ވެރިކަމުގައި މިކަން މިވަނީ ބަދަލުކޮށްފައެވެ. އެއީ ކޮމިއުނިސްޓް ޕާޓީގައި ޝީގެ ނުފޫޒު ގަދަވުމުގެ ސަބަބުންނާއި ޗައިނާއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ގުޅިގެން ޒައާމަތަށް ބަދަލުގެންނަން ކޮމިއުނިސްޓް ޕާޓީގެ ގިނަ މެންބަރުންނަށް ނުފެންނާތީ ކަމަށް މުރާސިލުން ބުނެއެވެ.
ފާއިތުވި 10 އަހަރަށް ބަލާއިރު ޗައިނާގެ ރައީސްގެ ހައިސިއްޔަތުންނާއި ކޮމިއުނިސްޓް ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން ޝީޖިންޕިން އެގައުމުގައި ވެރިކަން ކުރައްވާފައިވަނީ ކުރީގެ ރައީސުން ވެރިކަން ކުރައްވާފައިވާ ވަރަށް ވުރެ މާ ބާރުވެރިކަމުގައެވެ.
ޝީގެ ވެރިކަމުގައި ޗައިނާ ވަނީ އިގްތިސާދީ ގޮތުންނާއި ސިނާއީ ގޮތުންނާއި އިންފްރާސްޓްރަކްޗާގެ ގޮތުންނާއި އިލްމީ ރީސާޗް އާއި ޓެކްނޮލޮޖީގެ ގޮތުން އާދަޔާ ޚިލާފަށް ކުރިޔަށް ގޮސްފައެވެ. ޝީގެ ޒައާމަތުގައި ޗައިނާގެ އަސްކަރީ ބާރާއި ޗައިނާގެ ސޮފްޓް ބާރާއި ހައިބަތާއި ނުފޫޒުވެސް ދުނިޔޭގައިވަނީ އާދަޔާ ޚިލާފަށް ބޮޑުވެފައެވެ. އަދި ދުނިޔޭގެ އިގްތިސާދީ ދެވަނަ ބާރުގެ މަގާމުވެސް ޗައިނާވަނީ ހޯދާފައެވެ. އަދި ކައިރި މުސްތަގުބަލެއްގައި ދުނިޔޭގެ އެއްވަނަ އިގްތިސާދުގެ މަގާމުވެސް ޗައިނާ ހޯދާނެކަމަށްވަނީ ބެލެވިފައެވެ.
ޝީގެ ޒައާމަތުގައި ޗައިނާ ވަނީ ދުނިޔޭގެ 80 އަށްވުރެ ގިނަ ގައުމާ އެއްގަމާއި ކަނޑުގެ މަގުން ގުޅާލުމަށްޓަކައި ބެލްޓް އެންޑް ރޯޑު އިނިޝިއޭޓިވް އެއް އިއުލާނުކޮށް އޭގެދަށުން މި 80 ގައުމުގެ މަދަނީ އިންފްރާސްޓްރަކްޗާ ބިނާކުރުމަށް އެއް ޓްރިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫއުތަކެއް ތަންފީޒު ކުރަން ފަށާފައެވެ.
ޗައިނާގެ ލޯން އެހީއާއި ހިލޭ އެހީ ގައި ބިނާކޮށްދޭ މި އިންފްރާސްޓްރަކްޗާގެ ތެރޭގައި އެއާޕޯޓްތަކާއި ކަނޑުގެ ބަނދަރުތަކާއި ކާރުޚާނާތަކާއި މަގުތަކާއި ބްރިޖްތަކާއި ހައިވޭތަކާއި ރިއަލްއެސްޓޭޓް ހިމެނެއެވެ. މީގެއިތުރުން އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ)ގެ ނަމުގައި ދުނިޔޭގެ 70 އަށް ވުރެގިނަ ގައުމު ހިއްސާވާ ބޭންކެއްވެސް ޝީގެ ޒައާމަތުގައި އުފައްދައި އެއިން ގައުމުތަކަށް ލޯނުތައްވެސް ދޭންވަނީ ފަށާފައެވެ.
ރިޔާސީ ތިންވަނަ ދައުރަކަށް އިންތިޚާބު ވެވަޑައިގަތުމާއެކު ޗައިނާގެ ސިފައިންގެ ވެރިޔާގެ މަގާމަށްވެސް ޝީވަނީ އިންތިޚާބުކޮށްފައެވެ. ޗައިނާގެ ސިފައިންގެ ވެރިޔާއަކީ އެގައުމުގެ ރައީސަށް ޚާއްސަ މަގާމެކެވެ. މި މަގާމުތަކަށް އިންތިޚާބު ވުމަށްފަހު ޝީ ދެއްވި ޚިތާބުގައި ކޮމިއުނިސްޓް ޕާޓީން އޭނާއަށް ދެއްވި އިތުބާރަށްވަނީ ޝުކުރު އަދާ ކުރައްވާފައެވެ.
ހަތް ދުވަހުގެ މުއްދަތަށް ބެއިޖިންގެ "ގްރޭޓް ހޯލް އޮފް ދަ ޕީޕަލް"ގައި ކުރިޔަށް ގެންދިޔަ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ 20 ވަނަ ކޮންގްރެސްގައި ޗައިނާގެ އިދާރީ ޕުރޮވިންސްތަކުން ޖުމްލަ 2,300 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވިއެވެ.
އިއްޔެ މި ކޮންގްރެސް ނިންމާލިއިރު ކޮމިއުނިސްޓް ޕާޓީގެ އެންމެ އިސް މަގާމުތަކަށްވަނީ އައު ބޭފުޅުން އިންތިޚާބު ކޮށްފައެވެ. މީގެތެރޭގައި ޗައިނާގެ ބޮޑުވަޒީރު ކަމަށް އައު ބޭފުޅަކު އިންތިޚާބު ކުރުންވެސް ހިމެނެއެވެ.
ކޮމިއުނިސްޓް ޕާޓީގެ އެންމެ ބާރުގަދަ ގުނަވަނަކީ އެޕާޓީގެ މަރުކަޒީ ކޮމިޓީއެވެ. އެކޮމިޓީއަށް މިފަހަރު އިންތިޚާބު ކުރި ގިނަ މެންބަރުންނަކީ ރައީސް ޝީ ވަރަށް އިތުބާރު ކުރައްވާ ބޭފުޅުންނެވެ. މިފަހަރުގެ ކޮންގްރެސްގައި ކޮމިއުނިސްޓް ޕާޓީގެ އަސާސީ ގަވައިދަށްވެސް ބައެއް އިސްލާހުތައް ގެނަސްފައިވެއެވެ. ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ މެންބަރުންގެ އަދަދަކީ 97 މިލިޔަނެވެ.