24 Oct 2022, 15:44
މޮރިޝަސްއިން ރާއްޖެއާއި އިނގިރޭސިވިލާތާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން ކޯޓަށް ދިޔައީ 2011 ވަނަ އަހަރު ވި އެއްބަސްވުން 2019 ވަނަ އަހަރު ތަންފީޒު ނުކުރުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދިވެހިރާއްޖޭގެ ޚާއްސަ އިގްތިޞާދީ ސަރަހައްދުން ބޮޑުބައެއް ގެއްލޭފަދަ ގޮތަކަށް ދިވެހި ސަރުކާރުގެ ސިޔާސަތާ ސްޓޭންޑް ބަދަލު ނުކުރުމަށް ސަރުކާރަށް ގޮވާލާ، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުނެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރިޔާސަތުގައި އިންނަވާ ރައީސް ނަޝީދު ވިދާޅުވީ ފޯޅަވައްސާ ގުޅޭ ގޮތުން ދިވެހި ސަރުކާރުން އެންމެ ފުރަތަމަ އިނގިރޭސި ސަރުކާރާއެކު އެއްބަސްވުމެއް ވީ 1992 ވަނަ އަހަރުގައި ކަމަށެވެ.
އޭރު ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން އިނގިރޭސި ސަރުކާރާ އެކުގައި ރާއްޖޭގެ ސަރަހައްދު ކަނޑައެޅުމުގައި އިކުޑިސްޓެންޓް ކޮށް ވާހަކަދެއްކުމަށް އެއްބަސްވި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންވުމާއެކު ނޫ ގާނޫނު އަސާސީގައި ދިވެހިރާއްޖޭގެ ސަރަހައްދު ބަޔާންކޮށް އެ ގާނޫނުއަސާސީ ފާސްވުމަށް ދަންދެން އެކަން މަޑުޖެހިގެންދިޔަ ކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
އެއަށްފަހު އެމަނިކުފާނުގެ ވެރިކަމުގައި 2009 ވަނަ އަހަރުގެ ޖުލައި މަހު ރައީސް ނަޝީދު ލަންޑަނަށް ވަޑައިގަތުމަށްފަހު ދިވެހިރާއްޖޭގެ އީއީޒެޑަށް ފުށޫއަރާ ގޮތަށް އެކުލަވާލެވޭ ކަނޑުގެ ސަރަހައްދު ހިމާޔަތް ކުރުމުގެ އެއްވެސް ޕްރޮގްރާމަކަށް ދިވެހި ސަރުކާރަށް އުނދަގޫ ވާނެ ކަން ފާހަގަކުރެއްވި ކަމަށް ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ އެ ދަތުރުފުޅުގައި ދިވެހިރާއްޖޭން އެކަމުގައި ދެކޭ ގޮތް، އަދި ގަބޫލު ކުރާ ގޮތް ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރަށް އޭރު ސާފު ކޮށްދިން ކަމަށެވެ.
"ދިވެހިރާއްޖެއިން ގަބޫލުކުރާ ގޮތުގައި ފޯޅަވެހީގެ މައްޗަށް ދިވެހި ރާއްޖޭގެ ސައްޙަ ކްލެއިމެއް އޮތް ކަމަށް ގަބޫލު ކުރެވޭ. އިންޑިއާ ކަނޑުގައި އިނގިރޭސި ސަރުކާރުގެ މަސްލަހަތަށް ތާރީޚީ ގޮތުން ތަންފީޒު ކުރެވުނީ ދިވެހިރާއްޖެ މެދުވެރިކޮށް ކަމަށް. ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ އެއްވެސް ބައެއް ގެއްލިދާނެ އެއްވެސް އިންތިޒާމަކަށް ދިވެހިރާއްޖެއިން އެއްބަސް ނުވެވޭނެ ކަމަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެހެން ނަމަވެސް ޖެހިގެން އައި 2010 ވަނަ އަހަރުގެ އޭޕްރިލް މަހު ދުނިޔޭގެ އެންމެ ބޮޑު މެރިން ޕްރޮޓެކްޓެޑް އޭރިއާ އިނގިރޭސިވިލާތުން އުފެއްދިއިރު އެ ސަރަހައްދުގެ ތެރޭގައި ޗާގޯސް އަދި އެއާ ޖެހިގެން ހުރި ކަނޑުތައް ވެސް ހިމެނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އިނގިރެސިވިލާތުން އެކަން ކަނޑައެޅީ އެއީ ދިވެހިން އެދޭގޮތް ނޫން ކަމަށް ބުނެފައިވަނިކޮށް ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ހަމަ އެއަހަރުގެ ޖުލައި މަހު ކޮންޓިނެންޓަލް ޝެލްފް ލިމިޓްތަކާ ބެހޭގޮތުން ދިވެހިރާއްޖެއިން އދ. ގެ ކަމާގުޅޭ ކޮމިޝަނަށް ހުށަހެޅި. ދިވެހިރާއްޖޭގެ ހުށަހެޅުމަކީ ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފްގެ އައުޓާ ލިމިޓް ގާއިމް ކުރުމަށް ތާއީދުކޮށް، ކޮންޓިނެންޓަލް އާކިޕިލާގޯ ބޭސް ލައިނުން 200 ނޯޓިކަލް މައިލަށް ބޭރުވުން. އެއީ ދިވެހިރާއްޖޭގައި މިހާރު މި އޮތް 200 މައިލަށް ވުރެ ބޭރަށް ދިވެހިރާއްޖޭގެ ސަރަހައްދު ދާ ކަމަށް ނިންމުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ 2011 ވަނަ އަހަރުގެ މާޗު މަހު ދިވެހި ސަރުކާރާ މޮރިޝަސް ސަރުކާރާ ދެމެދު ޗާގޯސް އާކިޕިލާގޯގެ ވަށައިގެން އިނގިރޭސިން މެރީން ޕްރޮޓެކްޓެޑް އޭރިއާ ގާއިމް ކުރި މައްސަލައާ ދެކޮޅު ހައްދަވައި އިނގިރޭސި ސަރުކާރާ އެކު އެންމެ ގުޅިގެން މަޝްވަރާ ކުރުމަށް އެއްބަސްވި ކަމަށެވެ. އެގޮތުން ދެ ޖަޒީރާ ގައުމުގެ މަސްލަހަތާއި އަދި ދެ ގައުމުގެ ޚާއްސަ އިގްތިޞާދީ ސަރަހައްދުތަކާ ގުޅޭގޮތުން އެއްބަސް ވެވުނު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"2019 ވަނަ އަހަރު އެ އެއްބަސްވުން ތަންފީޒު ނުކުރެވުމުން މޮރިޝަސްއިން ވަނީ ރާއްޖެއާއި އިނގިރޭސިވިލާތާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން ކޯޓަށް ގޮސްފައި،" ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މޮރިޝަސްގެ ސިޔާދަތު ނުވަތަ ސޮވްރިނިޓީ ފޯޅަވެހީގެ މައްޗަށް އޮތް ކަމަށް ދިވެހި ސަރުކާރުން ގަބޫލު ކުރީމަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމަށް ދިވެހި ސަރުކާރުން އެ އެއްބަސް ވުން ކަމަށެވެ.
އެ މައްސަލައަށް މަޖިލީހުގައި ބަހުސް ކުރެވެމުންދާއިރު ޗާގޮސް މައްސަލައިގައި ކަމާބެހޭ ބައިނަލްއަގްވާމީ މުއާހަދާތަކާއި ގާނޫނީ އުސޫލުތަކާއި ނިންމުންތަކުގައިވާ ގޮތުގެ މަތިން ޓްރައިބިއުނަލްގައި ދިވެހިރާއްޖޭގެ މަސްލަހަތުތައް އެންމެ ފުރިހަމައަށް ދިފާއުކޮށްފައިވާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.
އެ އޮފީހުން ބުނީ ޗާގޯސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން 2019 ގައި ނިންމެވި ނިންމެވުމުގައި، އިނގިރޭސިވިލާތުން އެ ތަން މޮރިޝަސްއާ ހަވާލުކުރަންޖެހޭ ކަމަށް ނިންމާފައިވާ ކަމަށެވެ.
އެ ނިންމުމާ ގުޅުވައިގެން އދ. ގެ ޖެނެރަލް އެސެމްބްލީގައި ދޭ ވޯޓުގެ މައްސަލައާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން ޓްރައިބިއުނަލްގައި މިހާރު ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލައެއް ކަން އެ އޮފީހުން ފާހަގަކުރެއެވެ. އަދި އދ. ގެ ޖެނެރަލް އެސެބްލީގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ލުމަކީ، ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ޓްރައިބިއުނަލުގައި ވަކާލާތުކުރަމުން ގެންދާ މައްސަލަގައި ޖަވާބުދާރީ ވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް އޭޖީ އޮފީހުން ބުނެއެވެ.