މޮރީޝަސް މައްސަލައިގައި ސިޔާސަތު ބަދަލުކުރިނަމަ އެކަން ކޮށްފައިވަނީ ގާނޫނީ ތަރަހައިގެ ތެރެއިންކަން ޔަގީންކުރުމަށާއި، އޭގެ ސަބަބުން ދިވެހިރާއްޖެއަށް ވާނެ ގެއްލުމާއި ފައިދާ ވަޒަންކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ގަރާރު ހުށަހަޅުއްވާފައިވަނީ ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމެވެ. ގަރާރުގައި ވަނީ ޗާގޯސް ރަށްތަކުގެ ކަނޑުގެ ސަރަހައްދާއި ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ފުށުއަރާކަމަށް ބުނެ ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން ހުށަހަޅާފައިވާ މައްސަލައިގައި 2010 އިން ފެށިގެން ރާއްޖެއިން ބޭނުންކުރަމުން އައި ވިސްނުމާއި ސިޔާސަތު ބަދަލުކޮށްފައިވާ ކަމަށް ބެލެވޭ ކަންކަމެއް ހިނގާފައިވާތީ އެފަދަ ކަމެއް ހިނގާފައިވޭތޯ ބެލުމަށް ގޮވާލައްވާފައެވެ.

ރާއްޖޭގެ އިގްތިޞާދީ ސަރަހައްދުން ބައެއް ލިބިގަތުމަށްޓަކައި 2019 ވަނަ އަހަރު މޮރިޝަސް އިން ރާއްޖެއާ ދެކޮޅަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)އަށް ހުށަހަޅައިގެން ކުރިއަށްދާ މައްސަލާގައި ކުއްލިއަކަށް، ރާއްޖޭގެ ސިޔާސަތު ބަދަލުވެފައިވާ ކަމަށް ދިވެހި ދައުލަތުގެ ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ވިދާޅުވެފައިވާތީ ފުށުއެރުންތަކެއް ހުރި ކަމަށް ގަރާރުގައިވެއެވެ.

އެގޮތުން ގާނޫނު އަސާސީގެ ތިން ވަނަ މާއްދާގައި ރާއްޖޭގެ ސަރަޙައްދު ބަޔާންކޮށްފައިވުމާއި، އެ ސަހަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ތެރެއިން މަދުވެގެން ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވާ ގާނޫނަކުންކަން އެމާއްދާގައި ބަޔާންކޮށްފައިވާ ކަމަށް ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

ޗާގޯސް މައްސަލައިގައި މީގެ ކުރިން މޮރިޝަސް އާ ދެކޮޅަށް (އިނގިރޭސިވިލާތާއި އެއްކޮޅަށް) ބައިނަލްއަގްވާމީ އިދާރާތަކުގައި ރާއްޖެއިން ވޯޓުދިން ސަބަބަކީ މޮރީޝަސްގެ ހުށަހެޅުން ކާމިޔާބުވެއްޖެނަމަ ރާއްޖޭގެ ސަރަހައްދުން ބައެއް އުނިވުމުގެ ފުރުސަތު އޮތުމުން ކަމަށް މީގެ ކުރިން ސަރުކާރުން ބުނެފައިވާ ކަން ވެސް ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ.

ގަރާރުގައި ބުނެފައި ވަނީ އެ މައްސަލާގައި ރާއްޖޭގެ ސިޔާސަތު ބަދަލުވިކަން ދިވެހީންނަށާއި ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހަށް އެންގުމުގެ ބަދަލުގައި ސަރުކާރުން އެކަން އަންގާފައި ވަނީ ހަމައެކަނި މޮރިޝަސްގެ ބޮޑުވަޒީރަށް ކަމަށެވެ. އެގޮތަށް ސިޔާސަތު ބަދަލުކުރަން ނިންމި ސަބަބާއި މަޝްވަރާގެ އެއްވެސް މައުލޫމާތެއް ސަރުކާރުން ހިއްސާކޮށްފައި ނުވާ ކަމަށް ވެސް ނާޒިމްގެ ގަރާރުގައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއަކީ މޮރިޝަސް އާއި ރާއްޖޭއާ ދެމެދު ބައިނަލްއަގްވާމީ މުއާހަދާއަކަށް އާދެވިފައިވާކަން ޔަގީންވާ ކަމެއް ކަމަށް ގަރާރުގައިވެއެވެ.

އެ ގަރާރުގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ 93 ވަނަ މާއްދާގެ (ހ) އިން ދިވެހި ދައުލަތުގެ ނަމުގައި ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަގްވާމީ މުއާޙަދާތަކަށް އަމަލުކުރަންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން އެ މަޖިލީހުން ފާސްކުރުމަށްފަހު، އެމަޖިލީހުން ނިންމާ ގޮތެއްގެ މަތިކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް އެ ގާނޫނީ ޒިންމާ އަދާކުރުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް މިހާތަނަށްކޮށްފައި ނުވާކަން ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

ޗާގޯސް މައްސަލައަކީ ޚާރިޖީ، އިގްތިޞާދީ އަދި ގާނޫނީ ކަންކަން ގުޅިފައިވާ މައްސަލައެއް ކަމަށް ގަރާރުގައިވެއެވެ. އެހުރިހާ ކަމެއް ހިމަނައިގެން އެކަމާ މެދު މިހާތަނަށް ސަރުކާރުގެ ތެރޭގައިވެސް މަޝްވަރާކުރިކަން އެނގެން ނެތް ކަމަށް ވެސް ގަރާރުގައި ވަނީ ފާހަގަ ކޮށްފައެވެ.

މެންބަރު ނާޒިމް ހުށަހެޅުއްވި ގަރާރުގައި ވަނީ މިމައްސަލާގައި ރާއްޖޭގެ ނޫސް މަޖައްލާތަކުން ބަންޑާރަ ނައިބުގެ އޮފީހަށް ކުރިމަތިކުރާ ސުވާލުތަކުން ރެކުމުގެ ގޮތުން ރާއްޖޭގެ ޚާރިޖީ ސިޔާސަތު ނިވާފަތްގަނޑަށް ބޭނުންކުރާ ކަމަށެވެ.

"އިގްތިޞާދީ ނަޒަރިއްޔާތަކުން ބަލާއިރު "ރެއާ-އާތު އެލެމެންޓްސް" އެންމެ ގިނައީ ކަނޑުއަޑީގައި ކަމަށް ކަމުގެ ތަޖުރިބާކާރުން ގަބޫލުކުރާއިރު، ކަނޑުން ގެއްލޭ ކުޑަތަންކޮޅަކީވެސް ކުރިއަށް އޮތް ޖީލުތަކަށް، ރާއްޖެއަށް، ގެއްލޭނެ މަޢުދަން ނުވަތަ މުއްސަދިކަން ކަމަށްވީހިނދު، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ތިން ވަނަ ލަނޑުދަނޑިއަކީ "ދިވެހިރާއްޖޭގެ އިގްތިޞާދި ފުދުންތެރިކަން އިތުރުކުރުން ކަމުގައި ބަޔާންކޮށްފައިވޭ،" ގަރާރުގައިވެއެވެ.

ގަރާރުގައި ވަނީ ޗާގޯސް މައްސަލައިގައި ރާއްޖޭގެ ސިޔާސަތު މޮރިޝަސް އާއެއްކޮޅަށް ކުރިން ނުބޭއްވި ސަބަބަކީ އެ މައްސަލަ ނިމޭ ގޮތަކުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫވެގެން ދިއުމުގެ ފުރުސަތު އޮތުމުން ކަމަށެވެ. އަދި ކަނޑުގެ އެއްވެސް ބައެއް ގެއްލިގެން ދިއުމަކީ ރާއްޖޭގެ މަސްވެރިކަމަށް ނުހަނު ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމެއް ކަމަށްވުމުގެ އިތުރުން، ޚިލާފު އުފެދިފައިވާ ސަރަހައްދަކީ ކަނޑުމަސް ތިއާގި ސަރަހައްދެއް ކަމަށް ގަރާރުގައި ވެއެވެ.

އައްޑު އަތޮޅަކީ އަބަދުވެސް މީހުން ވަޒަންވެރިވެގެން އުޅުނު ސަރަހައްދެއްކަން ތާރީޚުން ޔަގީން ކުރެވޭއިރު ޗާގޯސް އަކީ އެފަދަ ތަނަކަށްނުވާތީ ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން މަސްވެރި މުޖުތަމައެއް އޮތް ބަޔަކަށް ކަނޑުގެ ސަރަހައްދު ބެހުމުގައި އިސްކަންލިބެން ޖެހޭ ކަމަށް ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

އެފަދަ ހުށަހެޅުމަށް ވަކާލާތުކުރެވޭނީ ކުރީގެ ސްޓޭންޑު ހިފަހައްޓައިގެން ކަމަށް ވެސް ގަރާރުގައި ވެއެވެ. އަދި ސިޔާސަތަށް ގެނެވުނު ބަދަލާ ގުޅިގެން ރާއްޖޭގެ ސަރަހައްދުން ބައެއް ބީވެގެން ނުދާނެ ނަތީޖާއެއް ނެރުމަށްޓަކައި ހުށަހަޅާ މައިގަނޑު ހުށަހެޅުން ބިނާކުރާނެ ހުށަހެޅުމެއް ސަރުކާރަށް އަދި ހޯދިފައި ނުވާކަމަށް ބެލެވޭ ކަމަށް ގަރާރުގައި ވެއެވެ.

އެ ސަބަބުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ކޮމިޓީއަކުން ޗާގޯސް މައްސަލާގައި ސަރުކާރުން ކުރިން އިޚްތިޔާރުކުރެއްވި ސިޔާސަތު ބަދަލުކުރުމުގައި ވަށައިގެންވާ ސަބަބުތައް ދެނެގަނެ، މި މައްސަލައިގެ ތެރެއަށް
ފައިސާއާއި ނުފޫޒު، ނުވަންނަކަން ކަށަވަރުކުރުމަށް ގަރާރުގައި ގޮވާލާފައިވެއެވެ. އެ ސިޔާސަތު ބަދަލު ކޮށްފައިވަނީ ގާނޫނީ ތަރަހައިގެ ތެރެއިންކަން ޔަގީންކޮށް، އޭގެ ސަބަބުން ދިވެހިރާއްޖެއަށް ވާނެ ގެއްލުމާއި ފައިދާ ވަޒަންކޮށް، އެކަންކަން ދިވެހި ރައްޔިތުންނަށް އަންގައިދިނުމަށް އެ ގަރާރުގައި ވަނީ ގޮވާލައްވާފައެެވެ.

މޮރިޝަސްއިން ރާއްޖެއާއި އިނގިރޭސިވިލާތާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން ކޯޓަށް ދިޔައީ 2011 ވަނަ އަހަރު ވި އެއްބަސްވުން 2019 ވަނަ އަހަރު ތަންފީޒު ނުކުރުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިއްޔެ ވަނީ ވިދާޅުވެފައެވެ.