25 Oct 2022, 13:23
ދުނިޔޭގެ އެންމެ މަގުބޫލު މެސެޖިން އެޕް، ވަޓްސްއެޕްގެ މަސައްކަތް ކުއްލި ގޮތަކަށް ހުއްޓިއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އެ އެޕް ޑައުންވުމުގެ ސަބަބުން އެތައް ބިލިއަން ޔޫޒަރުންނަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.
މިއީ އެ އެޕް ޑައުންވީ ފުރަތަމަ ފަހަރެއް ނޫނެވެ. ނަމަވެސް މިފަހަރު ދިމާވީ ތަފާތު މައްސަލައެކެވެ. އެ އެޕުން މެސެޖް ލިޔެވެއެވެ. އަދި ސެންޑް ބަޓަނަށް ފިތާލެވެއެވެ. އެކަމަކު އެ މެސެޖް ޑެލިވާއެއް ނުވެއެވެ. އަދި ޑެލިވާ ނުވާތާގައި ޑެލިވާ ނުވާކަމުގެ ނޮޓިފިކޭޝަނެއް ވެސް ނާދެއެވެ.
ވަޓްސްއެޕްއަށް ދިމާވި މިމައްސަލަ އަދި ހައްލު ކުރެވިފައެއްނުވެއެވެ. އެޕްލިކޭޝަން ރީސްޓާޓް ކޮށްލިޔަސް ރަނގަޅެއް ނުވެއެވެ. އަދި ހަމައެއާއެކު ވެބް ވާޝަންއިން ވެސް މެސެޖް ފޮނުވޭގޮތެއް ނުވެއެވެ.
ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވަޓްސްއެޕަށް މިދިމާވި މައްސަލަ ގިނަ ބަޔަކަށް އަދި އެނގިފައެއް ނުވާނެއެވެ. މެސެޖް ޑެލިވާ ނުވާކަން ނޭންގުމުން ދިމާވެދާނެ އިތުރު މައްސަލަތަކެއް ހުރެދާނެއެވެ. މާނައަކީ ޔޫޒަރުން މެސެޖުތައް ފޮނުވުމުން އެ ލިބެންވާ ފަރާތުން ޖަވާބު ނުދިނުމުން ޖަވާބު ނުދިނީ މެސެޖް ޑެލިވާ ނުވާތީ ކަމެއް ހަގީގަތުގައި ފޮނުވާ މީހާއަކަށް ނޭންގޭނެއެވެ.
މި މައްސަލަ ފުރަތަމަ ފާހަގަވީ ކަމަށް ގިނަބަޔަކު ބުނަނީ އިނގިރޭސިވިލާތުގެ ގަޑިން ހެނދުނު 8 ޖަހާކަންހާއިރުއެވެ. އެއީ ރާއްޖޭގަޑިން މިއަދު މެންދުރު 12 ޖެހިއިރެވެ.
ވަޓްސްއެޕްއިން ރަސްމީ ކޮށް އެއްވެސް އެއްޗެއް މިކަމާ ގުޅިގެން އަދި ބުނެފައެއް ނުވެއެވެ.
ވަޓްސްއެޕް އަކީ ދުނިޔޭގެ އެންމެ ބޮޑު ޗެޓް ޕްލެޓްފޯމް ކަމަށްވާއިރު، ދެ ބިލިއަނަށް ވުރެ ގިނަ އެކްޓިވް ޔޫޒަރުން އުޅެއެވެ. އެއީ ފޭސްބުކާއި ޔޫޓިއުބަށް ފަހު ތިން ވަނައަށް އެންމެ ބޮޑު ސޯޝަލް ޕްލެޓްފޯމެވެ.